އެމްޑީޕީ ބައެއް މެންބަރުން ގޮވާލެއްވީ ރައީސް މޮރީޝަސްއަށް ފޮނުއްވި ސިޓީ ހާމަކުރައްވަން

އެމްޑީޕީ ބައެއް މެންބަރުން ގޮވާލެއްވީ ރައީސް މޮރީޝަސްއަށް ފޮނުއްވި ސިޓީ ހާމަކުރައްވަން

Author
މުޙައްމަދު ޖިމީ
02 ނޮވެމްބަރ 2022 12:29
0

ރާއްޖެއާއި ޗާގޯސްގެ ކަނޑުގެ ސަރަހައްދު ފުށުއަރާ މައްސަލާގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މޮރީޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު މަޖިލީހުން ހޯދުމަށް އެމްޑީޕީގެ ބައެއް މެންބަރުން ގޮވާލައްވައިފިއެވެ.

ޗާގޯސް މައްސަލާގައި ރާއްޖޭގެ ސިޔާސަތު ބަދަލުކޮށްފައިވާ ސަބަބު ދެނެގަތުމަށް ދަނގެތި ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް މަޖިލީހަށް ހުށައަޅުއްވާފައިވާ ޤަރާރަށް މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝިދުގެ ފެކްޝަންގެ މެންބަރުން ވަނީ ސަރުކާރަށް ތުހުމަތުކުރައްވާ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރައްވާފައެވެ.

މިގޮތުން ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފް ވިދާޅުވީ، ރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލުމަށް ރާއްޖެއަށް އެއްބަސްވެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ އެއްބައިމެންބަރުންގެ ރުހުމާއެކުކަމަށެވެ. އަފީފް ވިދާޅުވީ މި މައްސަލާގައި ސަރުކާރުގެ ނިންމުމުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ސަރަހައްދުން ބައެއް ގެއްލޭނެކަަމަށެވެ. އަފީފް ވިދާލުވީ ބައިނަލްއަޤްވާމީ ކޯޓުގައި ރާއްޖޭގެ ބައެއް ދޫކޮށް ނުލައި ރާއްޖެއަށް ވަކާލާތު ކުރެވެން ވާނެކަމަށެވެ.

މި މައްސަލައަށް ވާހަކަފުޅު ދައްކަވަމުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބުވެސް ވިދާޅުވީ، ރައްޔިތުންގެ ކަންބޮޑުވުމަކީ ސަރުކާރުން މިކަމުގެ ހަގީގަތް ސާފުކޮށް ނުދޭތީ އުޅޭ ކަންބޮޑުވުމެއްކަމަށެވެ. އެހެންކަމުން މިކަމުގެ ހަގީގަތް ރައްޔިތުންނަށް ސާފުކޮށްދިނުމަށް އިލްޔާސް ލަބީބު ގޮވާލެއްވިއެވެ.

އިލްޔާސްގެ އިތުރުން އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު ވިދާޅުވީ، ރައީސް އިބްރާހީމް މުޙައްމަދު ޞަލިޙް މޮރީޝަސްގެ ބޮޑުވަޒީރަށް ފޮނުއްވިކަމަށް ބުނާ ސިޓީފުޅުގެ ސަބަބުން ވަރަށް ފަޚްރުވެރިވެވަޑައިގަންނަވާކަމަށް ބައެއް ބޭފުޅުން ވިދާޅުވަމުން ގެންދެވިއިރު، އެ ސިޓީގައި ވާއެއްޗެއް މަޖިލީހަށް ސާފުވާންޖެހޭކަމަށެވެ.

އެޓާނީ ޖެނެރަލްއާއި ޑިފެންސް މިނިސްޓަރވެސް މި މައްސަލަ މަޖިލީހަށް ސާފުކޮށްދިނުމަށް އޭނާ ގޮވާލެއްވިއެވެ.

ޗާގޯސް މައްސަލާގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާލުވީ ރާއްޖެއިން ޢަމަލުކުރަމުން އަންނަނީ މީގެ 30 އަހަރުކުރިންވެސް ދިވެހި ދައުލަތުން ނިންމެވި ނިންމެވުންކަމަށެވެ. އަދި މި މައްސަލާގައި ރާއްޖެއިން އަމަލުކުރަނީ ރާއްޖެއަށް އެންމެ ފައިދާ އޮތްގޮތަށްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން މިދިޔަ އާދިއްތަ ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައިވާ ގޮތުން ޗާގޯސް މައްސަލައިގައި މި އަހަރު އދ.ގައި ނަގާ ވޯޓުގައި ރާއްޖެއިން މޮރިޝަސްއާ އެއްކޮޅަށް ވޯޓުލާން ނިންމައި، އެކަން ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅަކުން ވަނީ މޮރިޝަސްގެ ބޮޑުވަޒީރަށް އަންގަވައިފައެވެ.

އދ.ގެ އާންމު މަޖިލީހުގައި ނަގާ ވޯޓަކީ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އިން އަންގާފައިވާ ގޮތަށް، ފޯޅަވަހި މޮރިޝަސްއާ ހަވާލުކުރުމަށް ގޮވާލާ ގަރާރެއް ފާސްކުރުމަށް ނަގާ ވޯޓެކެވެ. އެ ވޯޓުގެ ސަބަބުން، ރާއްޖެ އާއި ފޯޅަވައްސާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުގެ ތެރެއިން ފުށުއަރާ ސަރަހައްދާ ގުޅޭ މައްސަލައަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް އޭޖީ އޮފީހުން ވަނީ ބުނެފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

ބ ބޮޑުބެ
ވަގުންތަށް ދުނިޔެމަތީގަވެސް ފާޅުކުރައްވާނެ!