ރާއްޖޭގެ ވެރިކަން ކުރާ ރަށް ފުރަމާލެއަކީ ފަތުުރުވެރިކަމުގެ އެތައްހޮޓަލަކާއި ގެސްޓު ހައުސްއެއް ހުރި ތަނަކަށްވާއިރު، އެތަންތަން އަލުން ހުޅުވުމަށް މިސަރަހައްދުގައި ކޯވިޑްގެ ނަންބަރުތަކުގެ އަދަދު މަދުކުރަން އެންމެންގެ ސަމާލުކަން ބޮޑުކުރަން ޖެހިފައިވާކަމުގައި ޓުވަރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
މާލޭގައި ޓުވަރިޒަމްގެ ވިޔަފާރި ކުރައްވަމުންދާ ބޭފުޅުންގެ އާމްދަނީއާއި މެދު ކަންބޮޑުވުން ފާޅުކުރައްވައި ޑރ.މައުސޫމް ވިދާޅުވީ ކޯވިޑްގެ އަދަދުތައް މާލެ ސަރަހައްދުން ފެންނަ މިންވަރު މަދު ނުކުރެވިދާނަމަ މިކަމުގެ ގެއްލުން އެންމެބޮޑަށް ކުރާނީ މާލެ ސަރަހައްދުގައި ފަތުރުވެރިކަމުގެ ވިޔަފާރި ކުރައްވާ ފަރާތްތަކަށް ކަމުގައެވެ.
ފަތުރުވެރިކަން މާލެ ސަރަހައްދުގައި އަލުން ހުޅުވައި ހޮޓާތަކާއި، ގެސްޓްހައުސްތަކާއި، ސުވެނިއަރު ޝޮޕުތަކާއި އެހެނިހެން ފަަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަން ހުޅުވޭނީ އެޗްޕީއޭއިން ކަނޑައަޅާފައިވާ މިންގަނޑުތަކުގައި ހިފަހައްޓައިގެންކަމަށް މައުސޫމް ވިދާޅުވިއެވެ. އަދި މިއަދު މާލެ ސަރަހައްދުގައި ފަތުރުވެރިކަމުގެ ވިޔަފާރި ކުރައްވާ ބޭފުޅުން ތަހައްމަލު ކުރަމުންދަނީ ހިއްދަތި އުދަގޫ ވަގުތުތަކެއް ކަމަށާއި، މިކަމުގައި ރައްޔިތުންގެ ސަމާލުން އިތުރަށް ބޭނުންވާކަމަށް ޓުވަރިޒަމް މިނިސްޓަރ ވިދާޅުވިއެވެ.
މާލެ އޭރިއާގެ ހޮޓާތަކާއި ގެސްޓްހައުސްތައް އަދިިވެސް ނުހުޅުވޭ! ސުވެނިއަރު ޝޮޕުތަކާއި އެހެނިހެން ފަަތުރުވެރިކަމުގެ ހިދުމަތްތައްވެސް އަދި ނުހިންގޭ! އެވެރިން ތަހައްމަލުކުރާ ގެއްލުން ވަރައްބޮޑު! މާލެ ސަރަހައްދުގެ ކޮވިޑު ނަމްބަރު ތިރިކުރުމަށް އެޗް.ޕީ.އޭ ގެ އެންގުންތަކަށް ބޮޑަށް ސަމާލުވަމާތޯ.
– ޑރ.މައުސޫމް ވިދާޅުވިއެވެ.
މީހުން ދިރިއުޅޭ ރަށްރަށުގެ 94 ގެސްޓް ހައުސްއެއް ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ވަނީ މިމަހުގެ 17 ވަނަ ދުވަހާއި ހަމައަށް ދީފައެވެ. މީހުން ދިރިއުޅޭ ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ދީފައިވަނީ އޮކްޓޯބަރުމަހުގެ 15 ވަނަ ދުވަހުއެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް މީހުން ދިރިއުޅޭ 23 ރަށެއްގެ 94 ގެސްޓްހައުސްއެއް ހުޅުވުމުގެ ހުއްދަ ވަނީ ދީފައެވެ. މި 94 ގެސްޓްހައުސްއާއިއެކު ގެސްޓްހައުސް ސިނާއަތުގައި މިވަގުތު ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތްދެމުންދާ އެނދުގެ އަދަދަކީ 1986 އެކެވެ. އަދި މިއީ މުޅި ޖުމްލަ 993 ކޮޓަރިއެވެ.
ލޯކަލް ޓޫރިޒަމްގެ ޚިދުމަތްދޭ ރަށްރަށުގައި ގެއިން ބޭރުގައާއި، އާއްމު ތަންތަނުގައި އުޅޭއިރު، މާސްކް އެޅުމަށް އެޗް.ޕީ.އޭއިން ވަނީ އަންގަވާފައެވެ.
ކޮމެންޓު ފޮނުވާ