އަދިވެސް އެންމެ ބުއްދިވެރިގޮތަކީ މޮރިޝަސް އަށް ފޮނުއްވި ސިޓީ އަނބުރާ ގެނައުންކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް (ޓޮމް) ވިދާޅުވެއްޖެއެވެ.
ރާއްޖެއާއި ޗާގޯސްގެކަނޑުގެ ސަރަހައްދު ފުށުއަރާ މައްސަލާގައި ޗާގޮސްގެ މައްޗަށް މޮރީޝަސްގެ ސިޔާދަތީ ބާރު އޮތްކަމަށް ބުނެ ރާއްޖެއިން އެއްބަސްވެފައިވާތީ ސަރުކާރަށް ވަނީ ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. ޚާއްޞަކޮށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، މޮރީޝަސްގެ ބޮޑުވަޒީރަށް ސިޓީފުޅެއް ފޮނުވިކަންވެސް ހާމަވެފައިވަނީ އިޓްލޮސްގައި ވަކާލަތުކުރައްވަމުން އެޓާނީ ޖެނެރަލް އިބްރާހީމް ރިފްޢަތު ވިދާޅުވުމުންނެވެ.
އެކަންކަމަށް ފާޑުވިދާޅުވެ މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް ވިދާޅުވީ، ރާއްޖެއާއި ޗާގޯސްގެ ކަނޑުގެ ފުށުއަރާ މައްސަލާގައި އަދިވެސް އެންމެ ބުއްދިވެރިގޮތަކީ މޮރިޝަސް އަށް ފޮނުއްވި ސިޓީ އަނބުރާ ގެންނެވުންކަމަށެވެ. އަދި ރިފްއަތުއަށް ދަންނަވައިގެން ކޯޓްގައި ކުރިންބުނިއެތި ކެންސަލް ކަމަށް ދެންނެވުމަށްވެސް ޠާރިގް ގޮވާލެއްވިއެވެ. ޠާރިޤް ވަނީ އެކަން އެގޮތަށް ކުރެއްވިޔަސް ޤައުމަށް ޤައްދާރުނުވާކަމަށް ނުވާނެކަމަށްވެސް ވިދާޅުވެފައެވެ.
ރައީސް ސޯލިހުއެވެ. އަދިވެސް އެންމެ ބުއްދިވެރިގޮތަކީ މޮރިޝަސް އަށް ފޮނުއްވި ސިޓީ އަނބުރާ ގެންނެވުމެވެ. އަދި ރިފްއަތުއަށް ދަންނަވައިގެން ކޯޓްގައި ކުރިންބުނިއެތި ކެންސަލް ކަމަށް ދެންނެވުމެވެ. އެކަން އެގޮތަށް ކުރެއްވިޔަސް ޤައުމަށް ޤައްދާރުނުވާކަމަށް ނުވާނެއެވެ. pic.twitter.com/JaZI00F0mQ
— Ahmed Thariq (@AhmedThaariq) October 30, 2022
މި މައްސަލާގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާލުވީ ރާއްޖެއިން ޢަމަލުކުރަމުން އަންނަނީ މީގެ 30 އަހަރުކުރިންވެސް ދިވެހި ދައުލަތުން ނިންމެވި ނިންމެވުންކަމަށެވެ. އަދި މި މައްސަލާގައި ރާއްޖެއިން އަމަލުކުރަނީ ރާއްޖެއަށް އެންމެ ފައިދާ އޮތްގޮތަށްކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން މިދިޔަ އާދިއްތަ ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައިވާ ގޮތުން ޗާގޯސް މައްސަލައިގައި މި އަހަރު އދ.ގައި ނަގާ ވޯޓުގައި ރާއްޖެއިން މޮރިޝަސްއާ އެއްކޮޅަށް ވޯޓުލާން ނިންމައި، އެކަން ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅަކުން ވަނީ މޮރިޝަސްގެ ބޮޑުވަޒީރަށް އަންގަވައިފައެވެ.
އދ.ގެ އާންމު މަޖިލީހުގައި ނަގާ ވޯޓަކީ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އިން އަންގާފައިވާ ގޮތަށް، ފޯޅަވަހި މޮރިޝަސްއާ ހަވާލުކުރުމަށް ގޮވާލާ ގަރާރެއް ފާސްކުރުމަށް ނަގާ ވޯޓެކެވެ. އެ ވޯޓުގެ ސަބަބުން، ރާއްޖެ އާއި ފޯޅަވައްސާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުގެ ތެރެއިން ފުށުއަރާ ސަރަހައްދާ ގުޅޭ މައްސަލައަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް އޭޖީ އޮފީހުން ވަނީ ބުނެފައެވެ.