ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި މަރުވި ޢަބްދުﷲ ރަޝީދުގެ ހަށިގަނޑުއާއިލާއާއި ހަވާލުކޮށްދިނުމަށް އެދި އާއިލާއިން ސިވިލް ކޯޓަށް ހުށައެޅި މައްސަލައިގެ އަޑުއެހުން ނިންމާލައިފިއެވެ.
ޢަބްދުﷲގެ ހަށިގަނޑު ޕޯސްޓްމޯޓަމް ނުހަދައި އާއިލާއާއި ހަވާލުކުރަން ފުލުހުން ދަނީ ދެކޮޅު ހަދަމުންނެވެ. ނަމަވެސް ޕޯޓްމޯޓަމް ހަދަން އާއިލާއިން ޤަބޫލެއް ނޫނެވެ. އެހެންކަމުން ހަށިގަނޑު އާއިލާއާއި ހަވާލުކޮށްދިނުމަށް އާއިލާއިން ދަނީ އެދެމުންނެވެ. އަދި އެ މައްސަލަ ވަނީ ސިވިލް ކޯޓަށް ހުށައަޅާފައެވެ.
މި މައްސަލާގައި މިއަދު އޮތް އަޑުއެހުމުގައި ދައުލަތުން ވަނީ މި މައްސަލާގައި ފުލުހުންގެ މައްޗަށް ތުހުމަތުތަކެއް ކުރެވި އަދި ފުލުހުން ބަދަނާމުވާގޮތަށް ވާހަކަ ދެކެވެމުން އަންނަކަމަށެވެ. އެހެންކަމުން ޕޯސްޓްމޯޓަމް ހެދަން ޖެހޭކަން ދައުލަތުން ފާހަގަކުރިއެވެ. އަދި އެއީ ޤާނޫނީގޮތުން ފުލުހުންނަށް އޮތް ބާރެއްކަމަށެވެ ދައުލަތުން ވަނީ ފާހަގަކޮށްފައެވެ.
ނަމަވެސް ޢަބްދުﷲ ރަޝީދުގެ އާއިލާއިން ވަނީ މިއީ އާދަޔާ ޚިލާފް މަރެއް ނޫންކަމަށާއި، ޕޯސްޓްމޯޓަމް ހަދައިގެން ފެންނާނެ އައު ކަމެއް ނޯންނާނެކަމަށް ބުނެފައެވެ. ފުލުހުން ވަނީ މިމަހުގެ 31 ގައި ޢަބްދުﷲ ރަޝީދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ރާއްޖެއިން ބޭރަށް ގެންދިއުމަށް ނިންމާފައެވެ. އާއިލާގެ ފަރާތުން ވަނީ މަރުވެފައިވާ މީހެއްގެ ހަށިގަނޑު އާއިލާގެ ނުރުހުމުގައި ރާއްޖެއިން ބޭރަށް ގެންދިއުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއްކަން ފާހަގަކޮށް، އާއިލާގެ ހުއްދަނެތި އެކަން ނުކުރެވޭނެކަމަށްވެސް ބުނެފައެވެ.
ރަޝީދު ނިޔާވެފައިވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އޭނާގެ މެއަށް ތަދެއް އަރައި ސީޒަރގެ ޢަލާމާތްތަކެއް ފެނުމާއި ގުޅިގެން އޭނާ ގދ.މަޑަވެލި ސިއްޙީ މަރުކަޒަށް ގެންދިޔަ މަގުމަތީގައިކަމަށް ފުލުހުންވަނީ މީގެކުރިން ވިދާޅުވެފައެވެ. އަދި އޭނާ ސިއްޙީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް މަޑަވެލި ސިއްޙީ މަރުކަޒުން އޭނާ ބެއްލެވި ޑޮކްޓަރުންނާއި ޙަވާލާދީ ފުލުހުން އޭރުވަނީ ވިދާޅުވެފައެވެ.
އެންއައިސީން ރަޝީދުގެ ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާއިރު، އޭނާގެ އާއިލާއިން ދަނީ އެކަމާއި ދެކޮޅު ހަދަމުންނެވެ. އަދި ޕޯސްޓް މޯޓަމް ހަދައިފިނަމަ ބޮޑީއާއި ހަވާލުނުވާނެކަމަށް ވަނީ ބުނެފައެވެ. މިމައްސަލާގައި އާއިލާއިން ވަނީ ކޯޓަށްވެސް ހުށަހަޅާފައެވެ.
ކޮމެންޓު ފޮނުވާ