އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި، ރާއްޖޭގެ ދެކުނުން އޮންނަ އޮތް ޗާގޯޒް އައިލެންޑްސް އެ ގައުމުގެ ތަނެއްގެ ގޮތުގައި ބޭއްވުމާއި މެދު ރާއްޖެއިން ދެކެމުން އައި ގޮތް ބަދަލުކޮށް މޮރިޝަސް އާ އެއްކޮޅަށް ވޯޓުދޭން ނިންމީ އެކަމުގައި ދިވެހިންނަށް ވުރެ މޮރިޝަސް އިސްކޮށްގެން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ދިވެހި ރާއްޖެއާއި ޗާގޯސް އާރކިޕެލާގޯގެ އިޤްތިޞާދީ ސަރަޙައްދުން ފުށުއަރާ ކަމަށްބުނާބައި ޑީލިމިޓް ކުރުމަށް އެދި މޮރިޝަސް އިން ހުށަހަޅާފައިވާ މައްސަލަގައި ވެރިކަމުގެ މިދައުރުގައި ގެންގުޅުނު ސިޔާސަތު ބަދަލުވި ސަަބަބު ސާފުކޮށް ދޭންޖެހޭކަމަށް ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްއިން ސަރުކާރަށް ގޮވާލުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.
އިންތި ވިދާޅުވީ އެމްއާރުއެމްއަށް މިކަން ނޭގުމަކީ ހައިރާންވާ ކަމެއް ނޫންކަމަށެވެ. ސަރުކާރުން މިކަން ނިންމިއިރު ވެރިކަން ކުރާ މައި ކޯލިޝަން އެމްޑީޕީއާއި އަދި ރައްޔިތުންގެ މަޖިލީހާއިވެސް މިކަން ހިއްސާ ނުކުރާކަން އިންތިވަނީ ފާހަގަކޮށްފައެވެ. އޭނާ ވިދާޅުވީ ދިވެހިން ދޫކޮށް މިމައްސަލާގައި ސަރުކާރުން އިސްކުރީ މޮރިޝަސްކަމަށެވެ.
އެމްއާރުއެމްއާ ހިއްސާނުކުރައްވާނެ ނޫންތޯ، އެމްޑީޕީ އާއި އަދި ރައްޔިތުންގެ މަޖިލީހާ ވެސް ހިއްސާ ކުރައްވާފައި ނުވާއިރު؟ ދިވެހިން ދޫކޮށްލައްވާފައި ފުރަތަމަ ވެސް އެކަން ހިއްސާކުރެއްވީ މޮރިޝަސްގެ ބޮޑުވަޒީރާ.
– އިންތި ވިދާޅުވިއެވެ.
އެންމެ ފަހުން ބޭއްވި މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވީ މޮރިޝަސް އިން އދ. އަށް ހުށަހަޅާފައިވާ މައްސަލާގައި އެ ގައުމާ އެއްކޮޅަށް ވޯޓު ދެއްވާނެ ކަމަށެވެ. އެކަން ކުރައްވާނެ ކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދް ޖުގާނަތްއަށް ސިޓީފުޅެއް ފޮނުވާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
އެ ސިޓީ ހާމަކުރުމަށް ބައެއް ފަރާތްތަކުން ގޮވާލަމުން ދަނިކޮށް ރައީސް އޮފީހުން ވަނީ ރައީސުލްޖުމްހޫރިއްޔާ ގައުމުތަކުގެ ވެރިންނަށް ފޮނުއްވަވާ ސިޓީފުޅުތައް ހާމަ ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ