މަސްތުވާތަކެތީގެ ތުހުމަތުގައި ފުލުހުންގެ ހައްޔަރުގައި ހުއްޓާ މަރުވި، ގދ. ހޯޑެއްދޫ އަބުދުﷲ ރަޝީދުގެ ހަށިގަޑު ހޯދުމަށް އޭނާގެ އާއިލާއިން ސިވިލް ކޯޓަށް ،މައްސަލަ ހުށަހަޅައިފިއެވެ.
އަބުދުﷲ ރަޝީދުގެ ހަށިގަޑު އާއިލާއާއި އޭނާގެ އާއިލާއިން އެދެމުން ދިޔަނަމަވެސް އޭނާގެ ހަށިގަޑުއަދިވެސް އޮތީ ފުލުހުންގެ ބެލުމުގައި ދަށުގައެވެ. އަދި، ތަހުގީގުގެ ބޭނުމަށް، ކަނޑައެޅިފައިވާ އިޖުރާއަތުގެ ދަށުން އޭނާގެ ހަށިގަޑުގެ ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާކަމަށް ނޭޝަނަލް އިންޓަރ ގްރިޓީ ކޮމިޝަން (އެންއައިސީ)ން އިއްޔެވަނީ ނިންމާފައެވެ.
އާއިލާގެ ފަރާތުން ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، މައްސަލާއިގެ ޝަރީއަތަށް މާދަމާ ސިވިލް ކޯޓަށް ހާޒިރުވުމަށްވެސް ކޯޓުން މިހާރުވަނީ އަންގާފައެވެ.
ރަޝީދުގެ މަރުގެ މައްސަލާގައި ކުރަމުންދާ ތަހުގީގާއި ގުޅޭގޮތުން އެންއައިސީން ނެރުނު ބަޔާނެއްގައި އިއްޔެ ބުނެފައިވަނީ ފުލުުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ގދ.ހޯޑެއްދޫ ސްވެން، ރަޝީދު މިމަހުގެ 25 ވަނަ ދުވަހު ނިޔާވި މައްސަލާގައި ފުލުހުންގެ އެއްވެސް އިހުމާލެއްވޭތޯ ބެލުމަށް ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަންގެ ޤާނޫނުގެ ދަށުން ކޮމިޝަނުން އިސްނަގައިގެން ޖިނާއީ ތަހުގީގް ކުރިއަށްދާކަމަށެވެ.
މިމައްސަލަ ތަހުގީގް ކުރަނީ ޖިނާއީ އިޖުރާތު ޤާނޫނުގެ 76 ވަނަ މާއްދާގެ (ށ)ގެ (2) ވަނަ ނަންބަރުގެ ދަށުން ފުލުހުންނާއި އެކީގައި ގުޅިގެން ހިންގާ ތަހުގީގެއްގެ ގޮތުގައިކަމަށް އިންޓަރ ގްރިޓީ ކޮމިޝަނުން ވަނީ ބުނެފައެވެ. މައްސަލައިގެ ތަހުގީގް ކުރިއަށްދާއިރު ތަހުގީގް ކުރުމުގައި ލީޑިން އިންސްޓިގޭޓަރުންގެ ދައުރު އަދާކުރާނީ ކޮމިޝަންގެ ފަރާތުންނެވެ.
މިތަހުގީގުގައި ފުލުހުންގެ ޚިދުމަތުގެ މައިގަނޑު ދައުރަކީ ކޮމިޝަންގެ ތަހުގީގަށް އެއްބާރުލުން ދިނުންކަމަށް އެންއައިސީން ވަނީ ބުނެފައެވެ.
މިމައްސަލައަކީ އިންސާފަށް ވާސިލްވުމަށް މުހިންމު ކަމަކަށްވާތީ ތަޙުޤީގުގެ ބޭނުމަށް ކަނޑައެޅިފައިވާ އިޖުރާއަތުގެ ދަށުން ރަޝީދުގެ ޕޯސްޓް-މޯޓަމް ހެދުމަށް ނިންމާފައިވާކަމަށް އެންއައިސީން ވަނީ ބުނެފައެވެ.
އެންއައިސީން ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާއިރު، އާއިލާއިން ބުނެފައިވަނީ ޕޯސްޓްމޯޓަމް ހެދުމަށްފަހު ހަށިގަނޑާއި ހަވާލު ނުވާނެކަމަށެވެ. މިމަރާއި ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުންދާއިރު، މިނިސްޓަރ އިމްރާން ވިދާޅުވެފައިވަނީ މިކަން ބަލައި އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމަށެވެ.
ކޮމެންޓު ފޮނުވާ