ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެފައިވާ، ގދ. ހޯޑެއްދޫ އަބުދުﷲ ރަޝީދުގެ މަރުގެ މައްސަލާގައި އޭނާގެ މަންމަ ހޯމް މިނިސްޓަރު އިމްރާން އަބުދުالله އާއި ބައްދަލު ކުރުމުން، އަބުދުالله ރަޝީދުގެ މަރުގައި ފުލުހުން އިހުމާލު އޮތްކަމަށް ވިދާޅުވެފައިވާ ކަމަށާއި، އަދި ފުލުހުންގެ ކޮށްފަ ހުރި އަނިޔާތަށް ރައްޔިތުންނަށް ދެއްކުމުގެ މަގުސަދުގަ ޕޯސްޓު މޯޓަމް ހަދަން ޖެހޭ ކަމަށް އިމްރާން ވިދާޅުވެފައިވާކަމަށް އާއިލާއިން ބުނެފިއެވެ.
މީޑިއާތަކާއި ވާހަކަ ދައްކަމުން އާއިލާގެ ފަރާތުން އަބުދުﷲ ރަޝީގެ ބޮޑު ބޭބެ އަހުމަދު ރަޝީދު މިއަދު ވިދާޅުވީ އަބުދުﷲ ރަޝީދުގެ މަންމަ ހޯމް މިނިސްޓަރ އިމްރާން އަބުދުﷲ އާއި ބައްދަލު ކުރުމުން ފުލުހުން އިހުމާލު އޮތްކަމަށް ވިދާޅުވި ކަމަށާއި އަދި ފުލުހުން ކޮށްފަހުރި އަނިޔާތަށް ރައްޔިތުންނަށް ދެކުމުގެ ގޮތުން ޕޯސްޓު މޯޓަމް ހަދަން ޖެހޭކަމަށް ވިދާޅުވި ކަމުގައެވެ.
ތިބޭފުޅުން ގަބޫލުވިޔަސް ނުވިޔަސް ގާނޫނީގޮތުން އެބައޮތޭ އެފުރުސަތު ލިބިފަ. އެހެން ވެއްޖެއްޔާ މިކަން އަޅުގަޑު ކުރާނަމޭ.
ހޯމް މިނިސްޓަރު އިމްރާން ވިދާޅުވިކަމަށް، އަބުދުﷲ ރަޝީދުގެ ބޮޑުބޭބެ އަހުމަދު ރަޝީދު މީޑިއާތަކަށް މައުލޫމާތު ދެމުން ވިދާޅުވެފައި ވެއެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވި އަބުދުﷲ ރަޝީދުގެ އާއިލާގެ ގިނަ މީހުން މިހާރު ޑިމާންޑް ކުރަމުންދަނީ އަވަހަށް އޭނާގެ ޖަނާޒާގެ ކަންތައް ނިންމުމަށް، ހަށިގަޑު އާއިލާއާއި ހަވާލު ކުރުމަށެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ، މެއަށް ތަދެއް އަރައި، ފިޓް ޖެހުމުން ފަދަ އަލާމާތްތަކެއް ފެނިގެން މަރުވެފައިވާކަމަށް ފުލުހުން ބުނެފައިވާ، އަބުދުﷲ ރަޝީދުގެ އާއިލާއިން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ އޭނާގެ ޕޯސްޓުމޯޓަމް ހެދުމަށް އާއިލާއިން ދެކޮޅު ހަދަނީ، ފުލުހުން ޕޯސްޓު މޯޓަމް ހަދަނީ ފުލުހުންގެ އިހުމާލެއް ނެތްކަން ދެއްކުމަށް ކަމަށް ތުހުމަތު ކުރެވޭތީ ކަމުގައެވެ.
އާއިލާގެ ފަރާތުން، އަބުދުﷲ ރަޝީދުގެ އަންހެން ދަރިފުޅު ބުނެފައިވަނީ، ޕޯސްޓްމޯޓަމް ހެދުމަކުން ފުލުހުން އޭނާއާމެދު ވީ އިހުމާލެއް ނޭގޭނެ ކަމަށާއި، އެހެންކަމުން ޕޯސްޓު މޯޓަމް ހެދުމުގެ ބޭނުމެއް ނެތްކަމުގައެވެ. އެހެންނަމަވެސް ގާނޫނުން ލިބިގެންވާ ބާރުގެ ބޭނުން ކޮށްގެން ޕޯސްޓު މޯޓަމް ހެދުމަށް ނިންމާފައިވާކަން އާއިލާއަށް ފުލުހުން އަންގަމުންދާ ކަމުގައިވެސް އާއިލާގެ ފަރާތުން މީޑިއާއަށް މައުލޫމާތު ދީފައި ވެއެވެ.
އަބުދުﷲ ރަޝީދުގެ ބޮޑުބޭބެ ވިދާޅުވި ގޮތުގައި އާއިލާގެ ފަރާތުން މާގިނަ ވާހަކަތަކެއް ދައްކަން ބޭނުން ނުވާކަމަށާއި، އާއިލާއިން ބޭނުންވަނީ އަބުދުﷲ ރަޝީދުގެ މަރުވެފައިވާ މަސްގަޑު އާއިލާއާއި ހަވާލުކުރުމަށް ކަމަށެވެ.
އާއިލާއިން ބުނި ގޮތުގައި، އަބުދުﷲ ރަޝީދުއަށް އަނިޔާކުރި ކަމުގެ ތުހުމަތު ހުރިހާ ފުލުހުންގެ ބޮލުގައި ނާޅުވާކަމަށާއި، އަނިޔާކުރި ކަމުގެ ތުހުމަތު އާއިލާއިން ކުރަނީ ގދ. ހޯޑެއްދޫއަށް ދިޔަ ފުލުހުންނަށް ކަމަށެވެ.
ނިޔާވި އަބުދުﷲ ރަޝީދުގެ މަންމަ ވަރަށް އަސަރާއެކު މީޑިއާތަކާއި ވާހަކަ ދައްކަމުން ބުނެފައިވަނީ އޭނާގެ ދަރިފުޅު ނިޔާވީ މެއަށް ދަތުވެ، އެވޭނުގައި 2 ގަޑިއެއްހާއިރު ހޭދަވި ފަހުން ކަމުގައެވެ. އަދި މެއަށް ތަދުވާ ވާހަކަ ބުނުމުން އޭނާ ހަދަމުންދަނީ މަކަރު ކަމުގައި ފުލުހުން ބުނެފައިވާކަމަށްވެސް ނިޔާބު އަބުދުالله ރަޝީދުގެ މަންމަ މީޑިއާތަކާ ވާހަކަ ދައްކަމުން ކިޔައިދީފައި ވެއެވެ.
އަބުދުﷲ ރަޝީދުގެ އާއިލާގެ ގިނަ ބަޔަކު މިހާރު ތިބީ އޭނާގެ ހަށިގަޑާއި ހަވާލުވުމަށް މާލެ ދަތުރުކޮށް، މާލޭގައެވެ.