ސަރުކާރުން ވަމުންދާ ޚިޔާނާތްތައް ނުހުއްޓުވައި، ޓެކްސްތައް ކިތަންމެ ބޮޑު ކުރިނަމަވެސް ދައުލަތަށްވެސް އަދި ރައްޔިތުންނަށްވެސް ވާނެ ފައިދާއެއް ނޯންނާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން ޓީޖީއެސްޓީ %12އިން %16އަށް، އަދި ޖީއެސްޓީ %6އިން %8އަށް ބޮޑުކުރުމަށް ހުށަހަޅާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުން ސިޔާމް ވިދާޅުވީ ކޯވިޑްގެ ދަތި އުދަނގޫ ދުވަސްތަކުގައި ދިމާވި ގޮންޖެހުންތަކުން ރާއްޖޭގެ ރިސޯޓް ވިޔަފާރިން އަރައި ނުގަނެވޭނީސް މިފަދަ ބޮޑު ބަދަލެއް ކުއްލިއަކަށް ގެނައުމަކީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމެއްކަމަށެވެ.
ކޯވިޑުން އަރައިގަތުމަށް މަސައްކަތް ކުރަމުން ދަނިކޮށް ރަޝީއާއި، ޔުކްރައިން ހަނގުރާމައާއިއެކު އަނެެއްކާވެސް މުޅި ދުނިޔެއަށް އިޤްތިޞާދީ ބޮޑު ލޮޅުމެއް އައިސްފައިވާކަމަށެވެ. ކާބޯ ތަކެއްޗާއި، ތެލުގެ އަގު އިންތިހާއަށް މައްޗަށް ގޮސްފައިވާ މިދަނޑިވަޅުގައި އެއްވެސް ރޭވުންތެރި ކަމެއްނެތި ކުއްލި ކުއްލިއަކަށް ނިންމާ ނިންމުމަކުން ރައްޔިތުންނަށް އޭގެ ބުރަ އުފުލުން ނޫންގޮތެއް ނޯންނާނެކަމަށް ސިޔާމް ވިދާޅުވިއެވެ.
ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ދިނުމަށް ޓެކްސްވެސް އެހެން އެއްޗެއްވެސް ބޮޑު ކުރާއިރު ސަރުކާރުގެ އިދާރާތަކުން ހިންގާ ބޭކާރު ޚަރަދުތައް ކުޑަ ނުވާހާ ހިނދަކު ޓެކްސް ބޮޑުކުރިޔަސް ނަތީޖާ ނުނިކުންނާނެކަމަށް ސިޔާމް ވިދާޅުވިއެވެ. މިއަދު 6 ކްލާސްރޫމް އެޅޭ އަގަށް 1 ކްލާސް ރޫމް އަޅުންފަދަ ބޮޑެތި ޖަރީމާ ހިންގަމުންދާއިރު މިކަންކަން ނުހުއްޓުވައި ނިކުންނާނެ ނަތީޖާއެއް ނޯންނާނެކަމަށް ސިޔާމް ވިދާޅުވިއެވެ.
ރައްޔިތުންނަށް ބޭނުންވާ ކަންކަމަށް ފައިސާ ބޭނުންވޭ. ޓެކްސް ނަގަން ބޭނުންވޭ. ޓެކްސް އިތުރު ކުރަންވެސް ބޭނުންވޭ. ސަރުކާރަށް ލިބެންޖެހޭ އާމްދަނީއެއް ކުޑަކުރުމަކީ އަޅުގަނޑު ގަބޫލު ކުރާއެއްޗެއްނޫން. އެހެން ނަމަވެސް ސަރުކާރަށް ލިބެންޖެހޭ އެއްޗެއް ވަގުތުން ބޮޑު ކުރުމަކީ ތަންކޮޅެއް އުދަނގޫ ކަމަކަށް އިންޑަސްޓްރީގެ ހުރިހާ ބޭފުޅުންނަށްވެސް އެބަވޭ.
– ސިޔާމް ވިދާޅުވިއެވެ.
ކޯވިޑުގެތެރޭގައި ވިޔަފާރިތަކަށްވަމުންދާ ގެއްލުންތައް ކުޑަކުރުމަށް ސަރުކާރުން ވެދިން އެހީއާއެކު ދައުލަތުގެ ދަރަނިވެސް އިތުރުވެފައިވާ ކަމަށާއި މި ހާލަތުން އަރައިގަނެވޭނީ ޓެކްސް ނަގާ މިންވަރަށް ބަދަލު ގެނެސްގެންކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވަނީ މަޖިލީހުގައި ވިދާޅުވެފައެވެ. ގިނަ ވިޔަފާރިތަކާއި، ރާއްޖޭގެ ވިޔަފާރީގެ އިސް ބޭފުޅުން ޓެކްސް ނެގުމަށް 12 މަސް ދިނުމަށް އެދެމުން ދިޔަ ނަމަވެސް ސަރުކާރުން އެކަމަށް މާބޮޑު އިޖާބައެއް ދީފައި ނުވެއެވެ.