ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އެޗްގައި މެކަބީ ހައިފާ ބަލިކޮށް މުބާރާތުގެ ދެވަނަ ބުރުން ޕީއެސްޖީ ޖާގަ ހޯދައިފިއެވެ.
ޕީއެސްޖީގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 7-2 ގެ ނަތީޖާއަކުންނެވެ. ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޕީއެސްޖީއެވެ. މި މެޗްގައި ލިއޮނެލް މެސީ އާއި ކިލިއަން އެމްބާޕޭ ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ކާމިޔާބުކޮށްފައެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 19 ވަނަ މިނެޓްގައި ޖަހާ ލީޑު ނެގީ ޕީއެސްޖީންނެވެ. މި ލަނޑު އެޓީމަށް ޖަހާދިނީ މެސީއެވެ.
މެޗްގައި ޕީއެސްޖީގެ ދެވަނަ ލަނޑު މެޗްގެ 32 ވަނަ މިނެޓްގައި ޖަހާދިނީ އެމްބާޕޭއެވެ. އަދި މި ލަނޑު ޖެހިތާ ތިން މިނެޓްފަހުން އެޓީމްގެ ތިންވަނަ ލަނޑު ޖަހާދިނީ ނޭމާއެވެ. މިމެޗްގައި މެކަބީ ހައިފާއިން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗްގެ 38 ވަނަ މިނެޓްގައި ޖަހާދިނީ އަބްދުއްލާޔޭ ސެކްއެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން މެސީ މިމެޗްގައި ކާމިޔާބުކުރި ދެވަނަ ލަނޑާއެކު ޕީއެސްޖީއިން ވަނީ އަނެއްކާވެސް ތިން ގޯލްގެ ލީޑެއް ނަގާފައެވެ.
މެޗްގައި މެކަބީ ހައިފާގެ ދެވަނަ ލަނޑު މެޗްގެ 50 ވަނަ މިނެޓްގައި ޖަހާދިނީވެސް ސެކްއެވެ. ޕީއެސްޖީއިން މިމެޗްގައި ކާމިޔާބުކުރި ފަސްވަނަ ލަނޑު މެޗްގެ 64 ވަނަ މިނެޓްގައި ޖަހާދިނީ އެމްބާޕޭއެވެ. ޕީއެސްޖީގެ ހަވަނަ ލަނޑަކީ މެކަބީ ހައިފާގެ ސޯން ގޯލްޑްބަރގް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މިމެޗްގައި ޕީއެސްޖީގެ ފަހު ލަނޑު މެޗްގެ 84 ވަނަ މިނެޓްގައި ޖަހާދިނީ ކާލޯސް ސޮލަރއެވެ.
މި ކާމިޔާބީއާއެކު ޕީއެސްޖީއަށް މިވަނީ ކުޅުނު ފަސް މެޗުން ލިބިފައިވާ 11 ޕޮއިންޓާއެކު ދެވަނަ ބުރު ކަށަވަރު ވެފައެވެ. ނަމަވެސް ގްރޫޕްގެ އެއްވަނަ މަގާމް ކަށަވަރު ވެގެންދާނީ ފަހު ބުރުގެ މެޗްތަކާއެކުއެވެ. އެމެޗްގައި ޕީއެސްޖީ ވާދަކުރުމަށް ހަމަޖެހިފައިވަނީ ޔުވެންޓަސްއާއެވެ. މިގްރޫޕުން ދެވަނަ ބުރަށް ދެން ދަތުރު ކޮށްފައިވާ ބެންފީކާއަށްވެސް ލިބިފައިވަނީ 11 ޕޮއިންޓް ކަމުން ގްރޫޕްގެ އެއްވަނަ ހޯދުމުގެ ފުރުސަތު އެޓީމަށްވެސް އެބައޮތެވެ. އަދި މެކަބީ ހައިފާ އުޅެނީ ތިން ޕޮއިންޓާއެކު ތާވަލްގެ ފުލުގައެވެ.