ގދ.ހޯނޑެއްދޫއިން ހައްޔަރުކުރި އަބްދުﷲ ރަޝީދު ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ. ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ހުށައެޅުއްވި އެ މައްސަލަ ބޭރުކޮށްލީ 22 މެންބަރުންގެ ވޯޓުންނެވެ. އެއްކޮޅަށް ވޯޓު ދެއްވީ 17 މެންބަރުންނެވެ.
ޝިޔާމް ހުށައެޅުއްވި މައްސަލާގައި ވަނީ މިނިވަން ތަހުގީގެއް ހިންގާ މައްސަލައާ ގުޅުންހުރި ހުރިހާ މައުލޫމާތުތައް ހާމަކުރުމަށް ގޮވާލައްވާފައެވެ. އަބްދުﷲ ރަޝީދު ހައްޔަރުކޮށްގެން ހޯޑެއްދޫައިން ލޯންޗަށް އެރުވި އިރު އޭނާގެ މެޔަށް ތަދުވާ ކަމަށް ބުނެފައިވާ ކަމަށާއި އޭނާ ޑޮކްޓަރަށް ގެންދިއުމަށް އާދޭސް ކޮށްފައިވާ ކަމަށްވެސް ޝިޔާމްގެ މައްސަލާގައިވެއެވެ. ޝިޔާމް ވަނީ ޢަބްދުﷲ ރަޝިދު މަރުވުމުގައި ފުލުހުންގެ އިހުމާލު ބޮޑު ކަމަށް ފެންނަ ކަމަށް ވިދާޅުވެ، އެކި މަސްދަރުތަކުން އޭނާއަށް ފުލުހުން އިހާނެތިކޮށް އަަމަލުކޮށްފައިވާކަން އެނގޭކަމަށްވެސް ވިދާޅުވެފައެވެ.
ޢަބްދުﷲ ރަޝިދުގެ މަރުގެ މައްސަލާގައި ހޯމް މިނިސްތަރ ޢިމްރާން ވިދާޅުވެފައިވަނީ މިމައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާރޑްސްއިން ތަހުގީގު ކުރުމުގެ އިތުރުން ރައްޖޭގެ ކަމާގުޅުންހުރި އެހެން މުވައްސަސާތަކުންވެސް ޚާއްސަ ސަމާލުކަމެއް ދެއްވައިގެން މިމައްސަލަ ބައްލަވާ ދެއްވުމަށް މިހާރު ދަންނަވާފައި ވާކަމުގައެވެ.
މީގެ އިތުރުންވެސް އިމްރާން ވިދާޅުވެފައިވަނީ މި މައްސަލާގައި ފުލުހުން އިހުމާލު ވެފައިވާކަމަށް ނުވަތަ އަނިޔާވެރި އަމަލެއް ހިންގާފައިވާކަމަށް ތަހުގީގަށް ސާބިތު ވެއްޖެނަމަ އެކަމަކާއި ގުޅިގެން އަޅާންޖެހޭ ފިވަޅެއް އެޅުމަށް ފަސް ނުޖެހޭނެ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައިވަނީ މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ފުލުހުން ހައްޔަރު ކޮށްފައިވާ މީހެކެވެ. އަދި ނިޔާވެފައި ވަނީ ހޯނޑެއްދޫން މިއަދު ފުލުހުން ހައްޔަރުކުރި މީހެއްކަމަށާއި، އެނާ ނިޔާވެފައިވަނީ އޭނާ ހައްޔަރުކޮށްގެން ލޯންޗެއްގައި ފުލުހުން އެރަށުން ނައްޓާލިފަހުން، އޭނާގެ ހާލު ދެރަވެގެން، ކައިރީގަ އޮތް މަޑަވެއްޔަށް ފުލުހުންގެ އެ ލޯންޗު އޭނާއާއެކު ގޮސް، މަޑަވެލީ ހެލްތު ސެންޓަރުގައި ކަމަށްވެސް ޚަބަރު އޮންލައިނަށް މައުލޫމާތު ދިން ފަރާތުން ކިޔައިދީފައި ވެއެވެ. ބައެއް ފަރާރްތަކުން މައުލޫމާތު ދީފައިވަނީ ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް އޭނާ މަރުވެފައި ވާކަމުގައެވެ.