ތައުލީމާއި ކުޅިވަރާއި، ވިޔަފާރީގެ ގިނަ ފުރުސަތުތަކެއް ޒުވާނުންނަށް ފަހިކުރެވިއްޖެ: ރައީސް

ތައުލީމާއި ކުޅިވަރާއި، ވިޔަފާރީގެ ގިނަ ފުރުސަތުތަކެއް ޒުވާނުންނަށް ފަހިކުރެވިއްޖެ: ރައީސް

Author
މުޙައްމަދު ޝަޒައިމް
22 އޮކްޓޯބަރ 2022 01:01
0

ތައުލީމީ ދާއިރާއިންނާއި، ކުޅިވަރުގެ ދާއިރާއިން ޒުވާނުންނަށް ކުރިއަށް ދިއުމަށް ބޭނުންވާ ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްދެއްވިއްޖެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ޤައުމީ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓްވީޓެއްގައެވެ. ޤައުމީ ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަން މިސަރުކާރުން ނިންމާފައިވަނީ ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހުއެވެ.

ދުވަހުގެ ތަހުނިޔާ ފޮނުއްވައި ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓުވީޓުގައި ވިދާޅުވީ ޒުވާނުންގެ ދުވަހެއް ފާހަގަ ކުރަމުންދާއިރު، ޒުވާނުންނަށްޓަކައި ގިނަ ކަންތައްތަކެއް ހާސިލްކޮށްދެވެމުންދާކަމަށެވެ. އެގޮތުން ހިލޭ ޑިގްރީއަށް ކިޔެވޭނެ މަގު ފަހި ކުރުމާއި، ޒުވާނުންނަށް އެކި ދާއިރާތަކުން ކިޔެވުމަށް ބޭނުންވާ ސްކޮލަޝިޕްގެ ފަހި ފިރުސަތު ތަނަވަސް ކޮށްދެވެމުންދާކަމަށެވެ.

ހަމަމިއާއިއެކު ޒުވާނުންނަށް ކުޅިވަރުގެ ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ ކުޅިވަރު ވަސީލަތްތަކާއި، ތަމްރީނުތައް ލިބޭނެ މަގުފަހި ކުރެވި، ވިޔަފާރީގައިވެސް ޒުވާނުންނަށް ކުރިއަށް ދެވޭނެ ގިނަ ފުރުސަތުތަކެއް މިސަރުކާރުން ފަހިކޮށްދީފައިވާކަމަށެވެ.

ޒުވާނުންގެ ދުވަހުގެ ހެޔޮއެދުމާއި ތަޙްނިޔާ އަރިސްކުރަން. ހިލޭ ޑިގްރީއާ ސްކޮލަރޝިޕް ފުރުޞަތުތަކާ، މަސައްކަތްތެރިކަން ދަސްކޮށްދޭ މަރުކަޒުތަކާ، ކުޅިވަރު ދަނޑުތައް އަދި އެސްއެމްއި ލޯނުތައް ތަޢާރަފްކުރެވިފައި ވަނީ ޒުވާނުންނަށް އުފާވެރި މާދަމާއެއް ހޯދައިދީ ރަނގަޅު ޖީލެއް ބިނާކުރުމަށް.

– ރައީސް ޞާލިހު ވިދާޅުވިއެވެ.

ޒުވާނުންގެ ދުވަހުގެ ގޮތުގައި މި ދުވަސް ފާހަގަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، އެ ދުވަހަކީ އުމުރުން 18 އަހަރުން މަތީގެ ކޮންމެ ދިވެހިރައްޔިތަކަށް އިންތިޚާބުތަކުގައްޔާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުތަކުގައި ވޯޓު ދިނުމުގެ ޙައްޤާއި، އިންތިޚާބުތަކުގައި، އެކިއެކި މަޤާމުތަކަށް ކުރިމަތިލުމުގެ ޙައްޤާއި، އެ މީހަކު އަމިއްލަޔަށް ނުވަތަ އެ މީހަކު މިނިވަންކަމާއެކު އިޚްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް، ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ޙައްޤު ލިބިދިނުމުގެ މާއްދާ ފާސްކުރެއްވި ތާރީޚީ ދުވަސް ކަމަށް ވާތީއާއެވެ. އަދި ޒުވާނުންގެ ދުވަސް ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް އެންމެ އެކަށީގެންވާ ދުވަހަކީ އެ ދުވަސްކަމަށް ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް އެރުއްވި ލަފަޔާ ގުޅިގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.