ނެއްލައިދޫ ރައްޔިތުން މައުސޫމަށް ބޮޑުތިލަދުން މަތީގެ އަޑު އިއްވައިފި

ނެއްލައިދޫ ރައްޔިތުން މައުސޫމަށް ބޮޑުތިލަދުން މަތީގެ އަޑު އިއްވައިފި

Author
މުޙައްމަދު ޝަޒައިމް
21 އޮކްޓޯބަރ 2022 09:51
0

ޓުވަރިޒަމް މިނިސްޓާއި، އެމިނިސްޓްރީގެ އިސް ބޭފުޅުން ހިމެނޭހެން މިރޭ ހދ.ނެއްލައިދޫއަށް ވަޑައިގަތުމުން އެރަށުން މިނިސްޓަރ މައުސޫމަށް ރައްޔިތުންގެ އުދާސްތައް ބަންޑުންކޮށްލައިފިއެވެ.

ޓުވަރިޒަމް މިނިސްޓަރ ޑރ.މައުސޫމާއި، ޑެޕިއުޓީ މިނިސްޓަރ އަހްމަދު އާތިފާއި އެ މިނިސްޓްރީގެ އިސްބޭފުޅުންނާއި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު މިރޭ ނެއްލައިދުއަށް ވަޑައިގެންނެވިއިރު ރަށުގެ ބަނދަރުމަތި އޮތީ މިނިސްޓްރީގެ ވަފުދަށް މަރުހަބާ ކިޔަން ވަރަށް ބޮޑަށް ތައްޔާރުކޮށްފައެވެ.

ރަށުގެ ބަނދަރު މަތިން ފެނިގެން ގޮސްފައިވަނީ ހދ.އަތޮޅުގެ ރައްޔިތުންގެ އަޑެވެ. ރަށުގެ ބަނދަރު މަތީގައި ލިޔެފައިވާ ބެނާތަކުގައި ރާއްޖޭގެ ޓުވަރިޒަމަށް 50 އަހަރު ފުރުނުއިރު، ބޮޑު ތިލަދުން މައްޗަށް މިކަމުން އޮތީ ކޮން އުންމީދެއްތޯ ވަނީ ސުވާލު ކޮށްފައެވެ. އަދި ނާގޯށި ތަރައްޤީ ކުރަން ކުރަމުންދާ މަސައްކަތަށްވެސް ނެއްލައިދޫ އިން ވަނީ ޖޯކު ޖަހާފައެވެ.

ނާގޯށި ތަރައްޤީ ކުރަމުންދަނީ އެމްޓީސީސީންނެވެ. އެމްޓީޑީސީން މީގެކުރިން ބުނެފައިވަނީ، ނާގޯށީގައި ތަރައްޤީކުރާ ރިސޯޓް ހިމެނިގެންދާނީ ފަތުރުވެރިކަމުގެ އެނދުގެ އަދަދުން ބަލާނަމަ، ރާއްޖޭގައި މިހާތަނަށް ތަރައްޤީކުރާ އެންމެ ބޮޑު ރިސޯޓްތަކުގެތެރޭގައި ކަމަށެވެ. އެކުންފުނިން ބުނެފައިވަނީ ނާގޯށީގައި ތަރައްޤީކުރާ ރިސޯޓު 2024ވަނަ އަހަރުތެރޭ ހުޅުވޭނެ ކަމަށެވެ.

ބޮޑުތިލަދުންމަތީގައި ފަތުރުވެރިކަމަށް 8000 އެނދު ތަރައްގީ ކުރަން ރައީސް ސޯލިހް ވަނީ ދާދިފަހުން ވެސް ވައުދުވެފައެވެ. ނަމަވެސް މިމަސައްކަތް ފެށޭނެ ތާރީހެއް އަދި ކުރަން ރާވާފައިވާ ގޮތުގެ މާބޮޑު ތަފްސީލެއް އަދި ސަރުކާރުން ހާމަކޮށްފައި ނުވެއެވެ. ނަމަވެސް ސަރުކާރުން ބުނެފައިވަނީ ހަނިމާދޫ އެއާޕޯޓް ތަރައްޤީކޮށް ނިމުމުން ބޮޑު ތިލަދުންމައްޗަށް އިގްތިޞާދީ ބޮޑު ބަދަލެއް އަންނާނެކަމަށެވެ.

މިރޭ ނެއްލައިދޫ ރައްޔިތުންގެ ވަނީ މިސަރުކާރުން ރިސޯޓް މުވައްޒިފުން ނައިޓަށް ރަށަށް ދެވޭނެކަމަށް ބުނެ ވެފައިވާ ވައުދަށްވެސް ޖޯކު ޖަހާފައެވެ. އަދި ހދ.އަތޮޅުގައި އޮންނަ ހަމައެކަނި ރިސޯޓް ކަމަށްވާ ހޮނޑައިދޫ އައިލެންޑް ރިސޯޓް ހިންގާ ތްރީއޭ ކުންފުންޏަށް ސަރުކާރުން "ހެޔޮކޮށް ހިތާތީ" އެކަމަށް ވެސް ވަނީ ފާޑުކިޔާފައެވެ. ޕޯސްޓަރެއްގައި ބުނެފައި ވަނީ "ތްރީއޭ ކުންފުންޏަށް ބަލަދު ނާރާނެ ވެރިކަމެއް ބޭނުން." ކަމަށެވެ.

މިނިސްޓަރާއި މެމްބަރު ޒިޔާދު ވަނީ އެރަށުގެ ރައްޔިތުންގެ އަޑު އެހުމަށް އެއްވި މީހުންނާއި ބައްދަލުވެސް ކޮށްފައެވެ. އެމީހުން ވަނީ ޝުއޫރުތަކާއިއެކު މިނިސްޓަރާއި މެމްބަރަށް ބޮޑު ތިލަދުންމަތީގެ ރައްޔިތުންގެ އަޑު އިއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.