ކައުންސިލުގެ އެއްބާރުލުން ނުލިބޭތީ ތާރުމަގުން ފެންއަރާ މައްސަލަ ހައްލުނުކުރެވި، އިންޖީނު ނިއްވާލަން ޖެހިދާނެ: ސްޓެލްކޯ

ކައުންސިލުގެ އެއްބާރުލުން ނުލިބޭތީ ތާރުމަގުން ފެންއަރާ މައްސަލަ ހައްލުނުކުރެވި، އިންޖީނު ނިއްވާލަން ޖެހިދާނެ: ސްޓެލްކޯ

Author
ހުސެއިން
19 އޮކްޓޯބަރ 2022 03:59
0

ބޮޑުތަކުރުފާނުމަގުން ސްޓެލްކޯ ކައިރިން ތާރުގަނޑު ހަލާކުވެ ފެން އަރަމުންދަނީ ސްޓެލްކޯގެ އިންޖީނުތައް ފިނިކުރުމަށް ބޭނުންކުރާ އައުޓްފޯލް ހޮޅިއަކަށް ގެއްލުމެއްލިބުމުގެ ސަބަބުން ކަމަށާއި އެކަން ރަނގަޅު ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމަށްތައްޔާރުވެ، އެކަމުގެ ހުއްދައަށް ސިޓީކައުންސިލްގައި އެދިފައި ވީނަމަވެސް ސިޓީކައުންސިލުން އެކަމަށް އެއްބާރުލުން ނުލިބޭކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

މިމައްސަލަ ހައްލުކުރުމަށް ކުރިމަތިވަމުންދާ ދަތިތަކާއި ގުޅޭގޮތުން ސްޓެލްކޯއިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ، މިއަދާ ހަމަޔަށްވެސް ރަސްމީ އެއްވެސް ސިފައެއްގައި ސިޓީކައުންސިލުން މިކަމާގުޅޭ މުއާމަލާތެއް ކޮށްފައި ނުވާއިރު، މި ހުއްދަތައް އަވަސް ކުރުމަށް، އެކުންފުނިން ސިޓީކައުންސިލްގެ ކަމާއިގުޅުންހުރި ފަރާތްތަކާއި މުއާމަލާތު ކުރުމަށް މަސައްކަތް ކުރި ނަމަވެސް މި ވަގުތާހަމަޔަށްވެސް އެ ފަރާތްތަކުން ފޯނު ނުނަންގަވާތީ އެހުއްދަތައް ލިބޭގޮތް ވެފައި ނުވާކަމަށެވެ.

ސްޓެލްކޯގެ ޓުވީޓުގައި ބުނެގައިވަނީ މި މައްސަލަ ހައްލު ނުކުރެވިއްޖެ ނަމަ، މަގު ބޭނުންކުރާ ފަރާތްތަކަށް އެކަމުގެ ދަތި އުނދަގޫތައް ކުރިމަތިވުމުގެ އިތުރުން، މާލެއަށް ކަރަންޓު ދިނުމަށް އެކުންފުނިން ބޭނުން ކުރަމުންދާ ބޮޑު ޖަނަރޭޓަރުތަކެއް ނިއްވާލަންޖެހި، މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑާލަން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމުގައެވެ.

އެހެންކަމުން މިމަސައްކަތް ވީއެންމެ އަވަހަކަށް ކުރުމަށް މާލޭ ސިޓީކައުންސިލުން ލިބެންޖެހޭ ހުއްދަތައް ވީއެންމެ އަވަހަކަށް ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އެކުންފުނިން ކުރަމުން ގެންދާ ކަމަށާއި، އެ ހުއްދަތައް ލިބުމާއެކު، މަސައްކަތް ވަގުތުން ފަށައި، އެކަން ހައްލު ކުރެވިގެންދާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަަށްވެސްވެސް ސެޓެލްކޯއިން ބުނެފައި ވެއެވެ.

ތާރަމަގުން ލޮނު އަރަމުންދާ މައްސަލައާއި ގުޅިގެން މިއަދު މާލޭ ސިޓީ ކައުންސިލުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ބޮޑުތަކުރުފާނުމަގުގެ ތާރުގަނޑު އަޑިން ސްޓެލްކޯއަށް ލޮނުފެން ނެގުމަށް އަޅާފައިވާ ހޮޅިއެއް ފަޅައިގެންގޮސް މަގަށް ލޮނުފެން ލީކުވަމުންދާތީ މިކަމުގެ ސަބަބުން އާންމު ރައްޔިތުންގެ އުޅަނދުތަކަށް ލިބިދާނެ ގެއްލުމަކަށްޓަކައި މިކަން ހައްލުކޮށްދިނުމަށް ސްޓެލްކޯގެ ކިބައިން އެ ކައުންސިލުން އެދިފައިވާ ކަމުގައެވެ.

މާލޭ ސިޓީ ކައުންސިލުން ބުނެފައިވަނީ އެ ކައުންސިލްގެ ސަމާލުކަމަށް މިކަން އައި ހިސާބުންފެށިގެން ކައުންސިލުން އެކަމާއި ގުޅިގެން ބަލަންޖެހޭކަންކަން ބެލުމަށްފަހު އެކަން ހައްލުކުރުމަށް ދެފަހަރެއްގެމަތިން ސްޓެލްކޯގައި އެދިފައިވާ ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަދުރޭ
ސިޓީކައުންސިލުން ހުއްދަނުދޭ ކަމައްވާނަމަ ރައިއްޔަތުންގެ ހައްގުތައް ހިމާޔަތް ކިރުމައްޓަކާ ސިޓީކުންސިލާ ގުޅުންހުރި ހުރިހާ ތަނަކުން ކަރަންޓު ކަނޑާލައްވާ