މި ސަރުކާރުން މިހާރު ގާއިމުކުރަމުން އަންނަ ކުޅިވަރު ވަސީލަތްތަކާއެކު މީގެ ހަ އަހަރު ފަހުން އޭގެ ރަނގަޅު ނަތީޖާ ފެނިގެންދާނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު މަހުލޫފު ވިދާޅުވީ ފުޓްބޯޅަ ކުރިއެރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރާ ކަމަށް ގަބޫލުކުރާ ކަމަށެވެ.
މަޚްލޫފް ވިދާޅުވީ މިހާރުވެސް ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި އެންމެ ބޮޑު ސަމާލުކަމެއް ދީގެން ކުރާ ކަމަކީ ބޮޑު ފުޓްބޯޅަ ދަނޑުތައް ގާއިމުކޮށްދިނުން ކަމަށްވެސް ވިދާޅުވިއެވެ.
މަޚްލޫފް ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ރަށް ރަށުގައި ފުޓްބޯޅަ ކުޅުން އޮތީ އެއްކޮށް ހުއްޓިފައި ކަމަށާއި، އޭގެ ބަދަލުގައި ފެނިގެންދިޔައީ ރަށް ރަށުގައި މުޅިން މަޖަލަށް ފުޓްސަލް ކުޅެމުން އައި ތަން ކަމަށެވެ. އެހެންކަމުން އެ ރަށް ރަށުގައި ދަނޑުތައް ގާއިމުކޮށްގެން އަލުން ފުޓްބޯޅަ ކުޅެ، ރަނގަޅު ނަތީޖާއަކާ ހަމައަށް ދިއުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އުއްމީދަކީ މިހާރު ގާއިމުކުރެވޭ ވަސީލަތްތަކާއެކު މީގެ ހަ އަހަރު ފަހުން ރަނގަޅު ބަދަލެއް ފެނިގެންދިޔުން ކަމަށްވެސް ވިދާޅުވިއެވެ.
ދަނޑުތައް ގާއިމުކޮށްގެން އެ ރަށްރަށުގައި އަލުން މި ކުޅުން ފެށިގެން ގޮސް ރަނގަޅު ނަތީޖާއަކާ ހަމައަށް ދިއުމަކީ ބޭނުން. އަޅުގަނޑުގެ އުންމީދުކުރަނީ މިހާރު މި ގާއިމުކުރެވޭ ވަސީލަތްތަކުގެ ނަތީޖާ މީގެ ފަސް އަހަރު، ހަ އަހަރު ފަހުން ފެނިގެންދާނެ ކަމަށް.
– މަހުލޫފު ވިދާޅުވިއެވެ.
މަޚްލޫފް އިތުރަށް ވިދާޅުވީ ރާއްޖޭގެ ގައުމީ ޓީމުތައް ކޮޅަށް ސަރަހައްދުގެ ގައުމުތަކުން ކިތަންމެ ބައިވަރު ލަނޑެއް ޖެހިޔަސް، ވަޒީރަކަށް ހުންނަ މީހަކަށް ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށެވެ. އެކަމަކު އެކަމާ ކަންބޮޑުވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި މި ސަރަހައްދުގެ ގައުމުތަކުން އެތައް މިލިޔަން ރުފިޔާއެއް ފުޓްބޯޅައަށް މިހާރު ޚަރަދުކުރާ ކަމަށާއި، އޭގެ ނަތީޖާ އެ ގައުމުތަކުން ވަރަށް ބާރަށް ފެނިގެންދާ ކަމަށްވެސް ވިދާޅުވިއެވެ.
މަހުލޫފު ވިދާޅުވީ އިންޑިއާ އާއި ބަންގްލަދޭޝް އަދި ނޭޕާލުން އެތައް މިލިއަން މީހުން އެ ގައުމުތަކުގެ ފުޓްބޯޅައަށް މިލިއަނުން ހަރަދުކުރާ ކަމަށާއި އޭގެ ނަތީޖާ ފެންނަ ކަމަށެވެ. އޭގެ ސަބަބުން އެ ގައުމުތަކާ އެއް ހަމައަށް އައުމަށް އުނދަގޫވާނެކަމަށް ވިދާޅުވިއެވެ.