އައްޑޫ ސިޓީގައި 107 ކިލޯމީޓަރު މަގުގައި ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢުގެ މަަސައްކަތުގެ ކޮލިޓީއާއިމެދު ސުވާލު އުފައްދަވައި، ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.
އިންޑިއަން އެގްޒިމް ބޭންކްގެ 800 މިލިއަން ޔޫއެސް ޑޮލަރގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ހިންގާ މި މަޝްރޫޢު ހަވާލުކޮށްފައިވަނީ އެފްކޯންސް އިންފްރާސްޓްރަކްޗަރ ލިމިޓެޑާއެވެ. 77.6 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 1.1 ބިލިއަން ދިވެހި ރުފިޔާ ޚަރަދުކޮށްގެން ހިންގާ މި މަޝްރޫޢު 730 ދުވަސް ތެރޭގައި ނިންމަންޖެހެއެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 21 ފެބްރުއަރީ 2021ގައެވެ. މި މަޝްރޫޢު ނިމޭނެކަމަށް ލަފާކޮށްފައިވަނީ 26 މެއި 2023 ގައެވެ.
މިމަސައްކަތް ކުރިއަށްދާ ގޮތާއި މެދު އައްޑޫ ސިޓީގެ ގިނަ ބައެއްގެ ކަންބޮޑުވުމާއިއެކު ނިހާދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ މިމަަސައްކަތް ހަވާލުކޮށްފައިވާ އެފްކޮންސްގެ މަސައްކަތުގެ ކޮލިޓީއާއިމެދު ގިނަ ބައެއްގެ ކަންބޮޑުވުން އެބައޮތްކަމަށެވެ. މިމަސައްކަތަކީ އެތައްމިލިޔަން ޑޮލަރު ޚަރަދުކޮށްގެން ހިންގާ މަޝްރޫޢަކަށް ވާއިރު މަސައްކަތް ގާތުން ބަލައި ހައްލު ހޯދައި ދިނުމަށް ނިހާދުވަނީ ދައުލަތުގެ ކަމާއި ގުޅުންހުރި އިދާރާތަކުގެ ކިބައިން އެދިފައެވެ.
އެފްކޮންސް އިން އައްޑު ސިޓީގައި ހިންގާ ބިޔަ މަގު ހެދުމުގެ މަސައްކަތުގެ ކޮލިޓީތަށް ކަމުގެ ޝަކުވާ އިންތިހާއަށް ބޮޑު! އެތައް މިލިޔަން ޑޮލަރެއްގެ މި މަސައްކަތް ގާތުން ބައްލަވައި ރަނގަޅު ކުރައްވަން އާދޭސް ކުރަން!
– ނިހާދު ވިދާޅުވިއެވެ.
AFcons in AdduCity gai hingaa biya Magu hedhumuge masakkathu ge quality dhah Kamuge shakuvaa inthihaa ah bodu!
Ethah Million Dollar ehge mi masakkaih Gaathun ballavai rangalhu kuruvan aadheys kuran! @AslamAslamtey @mkhussan @MoNPImv @HCIMaldives @AdduCityCouncil @AFCONSInfra— Feydhoo Meehaa (Mohamed Nihad) (@nihad_m) October 18, 2022
މި މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީގައި ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން އައްޑޫ ސިޓީ ފޭދޫ ފިޔަވައި އެހެން ހުރިހާ ރަށެއްގައި (ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ހުޅުދޫ އަދި މީދޫ) ފެން ހިންދާ ނިޒާމް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން، ޤާއިމްކުރާ ފެން ހިންދާ ނިޒާމުގެ ޖުމްލަ ދިގުމިނަކީ ގާތްގަނޑަކަށް 105 ކިލޯމީޓަރެވެ.
މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، މަރަދޫފޭދު، ފޭދޫ، ހުޅުދޫ އަދި މީދޫ ހިމެނޭގޮތަށް ޖުމްލަ 41.023 ކިލޯމީޓަރުގެ މަގުގައި ތާރު އަދި ގައު ހިމެނޭހެން ތަރައްޤީ ކުރުމަށް ވަނީ ނިންމާފައެވެ. އަދި ގާތްގަނޑަކަށް 67 ކިލޯމީޓަރުގެ މަގުގައި ސިމެންޓް ސްޓެބިލައިޒްޑް (ސީ.އެސް.ބީ) ލޭޔަރ އެޅުމަށް ވަނީ ހަމަޖެހިފައިވެއެވެ. މި ސީ.އެސް.ޑީ ލޭޔަރގެ މަޤްސަދަކީ ޤާއިމް ކުރެވޭ ފެންހިންދާ ނިޒާމުގެ ތެރެއަށް ވެލި އެޅި ދިމާވެދާނެ މައްސަލަތަކުން ރައްކާތެރިކުރުމެވެ.

މިހާރު ތާރުއަޅާފައިވާ މަގުތަކުގެ ތެރެއިން ޖުމްލަ 3.4 ކިލޯމީޓަރު މަގުގެ ރީސަރފޭސިންގ މަސައްކަތް ކުރުމަށްވެސް މި މަޝްރޫޢުގެ ތެރޭގައި ވަނީ ހިމަނާފައެވެ. ޕްލޭނިން މިނިސްޓްރީން ބުނީ ތަރައްޤީކުރެވޭ މަގުތަކުގައި މަގުބައްތި، ސީސީޓީވީ ކެމަރާ އާއި ރައްކާތެރިކަމުގެ އެހެނިހެން ފިޔަވަޅުތައް ޤާއިމްކުރެވޭނެކަމަށެވެ.
ކޮމެންޓު ފޮނުވާ