ދައުލަތުގެ ދަރަނި ދެއްކުމުގައި އިޤްތިޞާދީ އެއްވެސް ދައްޗެއް ނެތްކަމަށާއި، ރާއްޖޭގެ އިޤްތިޞާދު ކުރި އަރަމުންދަނީ ހީކުރި ވަރަށްވުރެވެސް ބާރަކަށް ކަމުގައި ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އިގްތިސާދުގެ ހާލަތާ ގުޅޭ ގޮތުން، ރައްޔިތުންގެ މަޖިލީހުގައި ޖަލްސާގައި ބައެއް މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު ހިނގަނީ އަންދާޒާ ކުރި ވަރަށް ވުރެ ރަނގަޅަށް ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު އަދާޒާ ކުރި މިންވަރަށްވުރެވެސް ރަނގަޅަށް ޕާފޯމް ކުރަމުން ދާކަމަށެވެ. މިއަހަރަށް އަހަރަށް ލަފާކުރި ބަޖެޓްގައި 1.6 މިލިޔަން ޓޫރިސްޓުން ރާއްޖެ އަންނާނެކަމަށް އަންދާޒާކުރި ނަމަވެސް މިހާރުވެސް މިއަހަރުގެ މިހާތަނަށް 1.2 މިލިޔަން ޓުރިސްޓުން ރާއްޖެ އައިސްފައިވާކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ކޯވިޑަށްފަހު ރާއްޖޭގެ އިޤްތިޞާދަށް އައި ލޮޅުންތަކާއިއެކު އިޤްތިޞާދު ކުރިއަރާނެކަމަށް އަންދާޒާ ކުރީ 37 ޕަސެންޓަށް ކަމަށެވެ. ނަމަވެސް އެންމެފަހުން ފެންނަހުރި ތަފާސް ހިސާބުތަކުން މިދިޔަ އަހަރު ދައުލަތުގެ އިޤްތިޞާދު 41 އިންސައްތައަށް ކުރިއަރާފައިވާމަށެވެ.
ފިޗްގެ އެންމެ ފަހުގެ ރޭޓިންއާ ހަވާލާ ދެއްވައި ފިނޭންސް މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު ރަނގަޅު ކަމަށާއި ޓޫރިޒަމާއި ކޮންސްޓްރަކްޝަން ފަދަ ދާއިރާތައް ކުރިއަރާފައިވީ ނަމަވެސް ދުނިޔޭގެ އިގްތިސާދަށް އަންނަ ލޮޅުންތަކުގެ ސަބަބުން އައުޓްލުކް ނެގެޓިވް ވެފައިވާ ކަމަށެވެ. އަމީރު ވިދާޅުވިގޮތުގައި، ދަރަނި ދެއްކުމުގައި މިހާތަނަށް ރާއްޖެ އަށް އެއްވެސް އުނދަގުލެއް ނެތެވެ. ކުރީގެ ފަސް އަހަރުގައި ނަގާފައި ހުރި ދަރަނިތައް ވެސް 2020 ވަނަ އަހަރުގެ އެންމެ އުނދަގޫ ދަނޑިވަޅުގައި ދައްކާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިދިޔަ އަހަރު 2021 ވަނަ އަހަރު އަހަރު ނިމުނުއިރު އަޅުގަނޑުމެންގެ އަދާޒާއަކަށްވީ ރާއްޖޭގެ އިޤްތިޞާދު ކުރިއަރާ ދިޔައީ ގާތްގަނޑަކަށް 37 ޕަސެންޓްކަމަށް. ނަމަވެސް މިހާރު ނެޝަނަލް ބިއުރޯ އޮފް ސްޓެޓްސްޓިކްސް އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، އެންމެ ފަހުން އަންޒާއަކީ 41.6 ޕަސެންޓުން ރާއްޖޭގެ ގްރޯތު އައި.
– މިނިސްޓަރ އަމީރު ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ނަގާފައިވާ ދަރަނިތަކުގެ އަދަދު 39 ބިލިއަން ރުފިޔާ އަށް އަރާ ކަމަށާއި ނަމަވެސް މި ސަރުކާރުން ކޮވިޑްގެ ދަތި ހާލުގައި މުސާރަ ދިނުމަށް ދަރަނި ނަގައިގެން ވެސް އެ އަދަދު 37 ބިލިއަން ރުފިޔާގައި ހުރި ކަމަށެވެ.