ވެރިކަމުގެ ފުރަތަމަ 10 ދުވަހުގެތެރޭ ވާނުވާ ޖަހާފައިތިބި އެންމެން މިނިވަންކުރާނަން: ޔާމީން

ވެރިކަމުގެ ފުރަތަމަ 10 ދުވަހުގެތެރޭ ވާނުވާ ޖަހާފައިތިބި އެންމެން މިނިވަންކުރާނަން: ޔާމީން

Author
މުޙައްމަދު ޝަޒައިމް
15 އޮކްޓޯބަރ 2022 11:15
0

ވެރިކަމުގެ ފުރަތަމަ 10 ދުވަހުގެ ތެރޭ ވާނުވާ ޖަހާފައި ތިބި އެންމެން މިނިވަންކުރާނެ ކަމުގައި ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ މިރޭ އިހަވަންދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ރައީސް ޔާމީން ވިދާޅުވީ، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުން ޖަލުގައި ވަރަށް ގިނަ ކަމަށެވެ. ނަމަވެސް އެއީ އިންސާފު ނޫން ކަމަށާއި ޕީޕީއެމްގެ ވެރިކަމުގައި އެކަން ބަދަލުކުރާނެ ކަމަށެވެ. ޔާމީން ވިދާޅުވީ، ޓެރަރިޒަމާއި މާރާމާރީ ފަދަ ބޮޑެތި ކުށްތަކުގައި މުޖުތަމައަށް އެމީހެއްގެ ފަރާތުން އޮތް ނުރައްކާ ބެލުމަށްފަހު ޝަރީއަތް ނިމެންދެން ބަންދުކުރުމަކުން މައްސަލައެއް ނެތް ކަމަށާއި ނަމަވެސް އެހެން މައްސަލަތަކުގައި ވާނުވާ ބަންދުގައި ހުންނަން ޖެހުމަކީ ގޯހެއް ކަމަށެވެ.

އަޅުގަނޑުގެ ސަރުކާރުގެ ފުރަތަމަ ދިހަ ދުވަހުގެ ތެރޭގައި ވާނުވާ ޖަހާފައި ތިބި އެންމެން ދޫކޮށްލާނަން. ފުރަތަމަ މުއްދަތަށް ފަހު، ދެވަނަ ފަހަރަށް މުއްދަތެއް ޖެހިގެން ނުވާނެ، އެ މައްސަލަ ދައުވާ ކުރަން ނުވަތަ ކޯޓަށް ވެއްދެންވާނެ.

– ރައީސް ޔާމީން ވިދާޅުވިއެވެ.

އެކި ޖަލުތަކުގައި މިހާރުވެސް 300 މީހަކު ޝަރީޢަތް ނިމެންދެން ބަންދުކޮށްގައި އެބަތިއްބެވެ. އޭގެ ތެރެއިން ބައެއް މީހުންނަކީ ރިމާންޑް ޖަލުތަކުގެ ޖާގައިގެ ދަތުކަމާހެދި ރިމާންޑް ޖަލަކަށް ބަދަލު ނުކުރެވި ތިބި މީހުންނެވެ. ރިމާންޑް ޖަލަށް ބަދަލުނުކުރެވި ތިބި މީހުންގެ ތެރޭގައި ބަންދުގައި ތިބޭތާ 100 ދުވަސް ވެފައިވާ މީހުންވެސް އެބަތިއްބެވެ.

ވާނުވާގައި ޖަލުގައި ތިބި މީހުންގެ މައްސަލަ ހައްލުކޮށް ދިނުމަކީ މިސަރުކާރުން ވެފައިވާ ވައުދެކެވެ. ނަމަވެސް މިހާރުވެސް ޖަލުގައި އެއްވެސް ޝަރީއަތެއް ތަހުގީގެއްނެތި ގިނަ ބަޔަކު ތިބުމަކީ އެއާއިލާތަކުން ކަންބޮޑުވުން ފާޅު ކުރަމުންދާ ކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.