ޤައުމުގެ ތަރައްޤީއަށް ކޮންމެ 1000 ރުފިޔާއަކުން 20 ރުފިޔާ ހޭދަ ކުރުމަށް ގިނަ ބައެއްގެ މައްސަލައެއް ނެތްކަމުގައި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
ނިހާދު މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން ޓެކްސް ބޮޑުކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލާއި ގުޅޭގޮތުން އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ތެރޭގައިވެސް ޚިޔާލާތަފާތުވުން އުފެދި ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.
ނިހާދު ވިދާޅުވި ރާއްޖޭގެ ތަރައްޤީއަށް ކުރަންޖެހޭ ހޭދަ ކުރުމަކީީ ރައްޔިތުން ދެކޮޅު ހަދާ ކަމެއް ނޫންކަމަށެވެ. ބައެއް ބޭފުޅުންގެ އަމިއްލަ މަސްލަހަތަށްޓަކައި ކުރަންޖެހޭ ކަންކަން ސަރުކާރުގެ ތެރެއިން ބޭނުންވާ ވަގުތު ބޭނުން ގޮތަކަށް ބުވުމަކީ މިފަދަ ކަންކަމަށް ދެކޮޅު ހަދަންޖެހޭ ކަމެއް ނޫންކަމަށް ނިހާދު ވިދާޅުވިއެވެ.
ދިމާވާ ގިނަ މީހުން ބުނަނީ 1000 ރުފިޔާއިން 20 ރުފިޔާ، ޤައުމުގެ ތަރައްޤީއަށް ހޭދަ ކުރުމަށް އެއްވެސް މައްސަލައެއް ނެތްކަމަށް! އެއްބަޔަކު އެކި ދުވަހު އެކި ގޮތަށް މިކަމާއި ގުޅިގެން ވާހަކަ ދައްކައި ފިތުނަ ކުރަން އުޅެނީ އެދޭ ހުރިހާ ކަމެއް ސަރުކާރު ތެރެއިން ހިތުހުރި ގޮތަކަށް ނުވާތީ!
– ނިހާދު ވިދާޅުވިއެވެ.
ނިހާދު މިހެން ވިދާޅުވެފައިވާއިރު ޓެކްސް ބޮޑު ކުރުމަށްވުރެ ސަރުކާރުން ކުރަމުންދާ ބޭކާރު، ޚަރަދުތައް ކުޑަކުރުން މާބުއްދިވެރި ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް ވަނީ ވިދާޅުވެފައެވެ. އާޒިމް ވިދާޅުވީ ސަރުކާރުން ކުރަމުންދާ ހޭދަތައް ބޮޑުވެގެން އެކަންކަން ދެކޮޅު ޖެއްސުމަށްޓަކައި ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑު ކުރުމަކީ ރަނގަޅު ގޮތެއް ނޫންކަމަށެވެ. ޓެކެސް ބޮޑު ކުރުމުން ރައްޔިތުންނަށް ލިބޭނެ ލާބަޔަކީ ކޮބައިކަން ބުނެދޭންޖެހޭކަމަށް އާޒިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ސަރުކާރުން މިދަނޑިޅުގައި ކުރަން އެންމެ ރަނގަޅު ކަމަކީ ބޭކާރު އިސްރާފު ޚަރަދުތައް ކުޑަކުރުންކަމަށެވެ.
މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުއެވެ. ޝިފާއު ހުށައެޅުއްވި އިސްލާހުގައި ވަނީ ޓީޖީއެސްޓީ %12 އިން %16 އަށް، އަދި ޖީއެސްޓީ %6 އިން %8 އަށް ބޮޑުކުރުމަށެވެ. އެ ބިލު މަޖިލީހަށް ބަލައިގަނެ، ދިރާސާ ކުރުމަށް ފޮނުވާފައިވަނީ މުޅި މަޖިލީހުގެ ކޮމެޓީއަށެވެ.
ޖީއެސްޓީ އަދި ޓީ–ޖީއެސްޓީއަށް ގެންނަ ބަދަލާއެކު ދައުލަތުގެ އާމްދަނީއަށް ގާތްގަނޑަކަށް 3 ބިލިއަން ރުފިޔާ އިތުރުވެގެންދާނެކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ލަފާކޮށްފައެެވެ.
ކޮމެންޓު ފޮނުވާ