މާގިނަ ދުވަހެއް ނުނަގާ ވަރަށް އަވަހަށް އެނބުރި މަސައްކަތަށް ނުކުންނާނެ ކަމަށް ބޮލީވުޑްގެ ބަތަލާ ސޯނަމް ކަޕޫރު ބުނެފިއެވެ.
2018 ވަނަ އަހަރު ވިޔަފާރީވެރިޔާ ކަމުގައިވާ އާނަންދު އަހޫޖާ އާއި ކައިވެނި ކުރިފަހުން ސޯނަމް ވަރަށް ބޮޑަށް އިނޑަސްޓްރީއާ ދުރުވިއެވެ. އަދި ހަމަ އެއާއި އެކުުގައި އިނގިރޭސިވިލާތަށް އަށް އޭނާ ވަނީ ދިރިއުޅުން ބަދަލުކޮށްފައެވެ.
ސޯނަމް އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ 2019 ވަނަ އަހަރުގެ ފިލްމް "ޒޯޔާ ފެކްޓާ" އިންނެވެ. ނަމަވެސް މި ފިލްމަކީ ބޮކްސް އޮފީހުގައި ބޮޑު ނާކާމިޔާބީ އަކާއި ކުރިމަތިވި ފިލްމެކެވެ.
ސޯނަމް އާއި އާނަންދަށް ވަނި މިދިއަ މަހުގެ 20 ވަނަ ދުވަހުގައި އަލަތު ދަރިފުޅު ލިބިފައެވެ. އެމީހުންނަށް ލިބިފައިވަނީ ފިރިހެން ކުއްޖެކެވެ.
ބޮލީވުޑްގެ ހަބަރުތަށް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި ސޯނަމް ހައެއްކަ މަސްފަހުން މަސައްކަތަށް އެނބުރި ނުކުންނާނެވެ. ބަނޑު ބޮޑުވެ، ވިހަން ކައިރި ވުމާއި އެކުގައި ސޯނަމް ވަނީ އެންބުރި އިންޑިއާއަށް ބަދަލުވެފައިއެވެ. އަދި މި ވަގުތު އޭނާ ދިއިއުޅެމުން ދަނީ އިންޑިއާގައެވެ.
ސޯނަމަކީ މަޝްހޫރު އެކްޓަރު އަނިލް ކަޕޫރުގެ ދޮށީ ދަރިފުޅެއެވެ. ސޯނަމް އެނބުރި މަސައްކަތް ފެށުމަށް ތައްޔާރުވުމުގެ ގޮތުން އޭނަގެ ކޮއްކޮ އަދި ޕްރޮޑިއުސަރު ރިއާ ކަޕޫރް އަންނަނީ އޭނާއަށް ހާއްސަ ސްކްރިޕްޓެއް ވެސް ހޯދަމުންނެވެ.
ސޯނަމް ވަނީ މިދިޔަ އަހަރުގެ ކުރީކޮޅު "ބްލައިންޑް" ކިޔާ ކްރައިމް ތުރިލާއެއްގެ މަސައްކަތް ނިންމާފައެވެ. އެއީ ޑައިރެކްޓަރު ސުޖޯއި ގޯޝް ޕްރޮޑިއުސްކޮށް، ޝޯމް މަކީޖާ ޑައިރެކްޓްކުރި ފިލްމެކެވެ. ކޮރެއާގެ 2011 ވަނަ އަހަރުގެ ފިލްމު "ބްލައިންޑް"ގެ ރިމޭކެއްގެ ގޮތުގައި ހެދި ސޯނަމްގެ ފިލްމު ރިލީޒްކުރާނެ ތާރީހެއް އޮތީ އިއުލާން ނުކޮށެވެ.
ސޯނަމް ބޮލީވުޑަށް ނުކުތީ ރަންބީރް ކަޕޫރާއެކު 2007 ގައި ސަންޖޭ ލީލާ ބަންސާލީގެ "ސާވަރިއާ" އިންނެވެ. މިހާތަނަށް ސޯނަމަށް ބޮލީވުޑްގައި މާބޮޑޫ ކާމިޔާބެއް ހޯދިފައެއް ނުވެއެވެ.