ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި އެންމެ ފުޅާދާއިރާއެއްގައި ކުރާކަމަށް ތުހުމަތުކުރާ ގދ. ހޯޑެއްދޫ، އަލޯރާ، އަރުޝަދު ހާލިދު ރާއްޖެ އައުމުން ހައްޔަރުކުރުމަށްފަހު ދޫކޮށްލުމުން، އޭނާ ފުރުން މަނާކޮށް ޕާސްޕޯޓް ހައިކޯޓުން ހިފަހައްޓައިފިއެވެ.
ސްރީ ލަންކާގައި ދިރިއުޅެމުން އައި އަރުޝަދު ރާއްޖެ އައީ، ދުބާއީއަށް ދިޔަ ތަނުން އެ ތަނުގެ އެއާޕޯޓުން ހިފަހައްޓައި އަނބުރާ ލަންކާއަށް ފޮނުވާލުމުންނެވެ. އަދި ރާއްޖެ އައުމުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. ނަމަވެސް ފުލުހުން ވަނީ އަރުޝަދު ހައްޔަރުކުރީ ނޫންކަމަށާއި، ހައި ކޯޓުގެ ޢަމުރެއް ތަންފީޒްކުރުމަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީކަމަށް ބުނެފައެވެ.
އަރުޝަދު ބަންދާމެދު ގޮތެއް ނިންމަން ހައިކޯޓުގައި ތާވަލުކޮށްފައި އޮތީ ރޭ 7:45 އަށެވެ. ފުލުހުންގެ ބެލުމުގެ ދަށުން ކޯޓަށް ހާޒިރުކުރުމުގެ އަމުރެއް އޮއްވައި، ރޭ ތާވަލުކުރި އަޑުއެހުމަށް އޭނާ ހާޒިރުވީ އަމިއްލައަށް ކަމަށް ކޯޓުން ބުންޏެވެ.
އޭނާގެ ޕާސްޕޯޓު ހިފަހައްޓަން އަމުރު ކުރީ ހައިކޯޓުގައި ކުރިއަށްދާ މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެންނެވެ. އެ މައްސަލައިގައި އޭނާއާ މުއާމަލާތް ކުރަން މަސައްކަތް ކުރި ނަމަވެސް މުއާމަލާތް ނުކުރެވުނުކަމަށާއި، ނަމަވެސް އެ މައްސަލައިގެ އަޑުއެހުމެއް ކޯޓުން ތާވަލުކޮށްފައިވެސް ނުވާކަމަށް އޭނާ ހައިކޯޓުގައި ބުނެފައިވެއެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފުލުހުން އަތުލި 119 ކިލޯގެ މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ހުރީ އަރުޝަދު ކަމަށް ފުލުހުން ތުހުމަތުކުރެ އެވެ. އޭނާ ރާއްޖޭން ފުރައިގެން ދިޔައީ އެ ޝިޕްމެންޓް ރާއްޖެ އެތެރެކުރި ޑިސެމްބަރު 12 ވަނަ ދުވަހު ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
ރުޝަދާއި އިތުރު ބައެއްގެ މައްޗަށް އެންމެ ފުރަތަމަ ދައުވާކުރީ، މދިޔަ އަހަރުގެ ކުރީކޮޅު މާލޭގެ ބައެއް ގެތައް ފާސްކޮށް އަތުލާގަތް 9 ކިލޯގެ މަސްތުވާތަކެއްޗާއި، 4.6 މިލިއަން ރުފިޔާ ފެނުނު މައްސަލާގައެވެ. އެ މައްސަލާގައި 8 މީހެއްގެ މައްޗަށް ދައުވާ ކުރިނަމަވެސް ކުށް ސާބިތުވީ ދެމީހެއްގެ މައްޗަށެވެ. އަދި އެ މައްސަލަ މިހާރު އޮތީ ހައިކޯޓުގައެވެ.