ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ލާއިންސާނީ އަނިޔާ! ޒިންމާވާނީ ކޮންފަރާތަކުން؟

ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ލާއިންސާނީ އަނިޔާ! ޒިންމާވާނީ ކޮންފަރާތަކުން؟

Author
ހުސެއިން
13 އޮކްޓޯބަރ 2022 07:54
0

"ޚާއްސައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ މެންޑޭޓް"ގައި ބަޔާންކޮށްފައިވާ ގޮތުން، ކ. ގުރައިދޫގައި ހުންނަ ޚާއްސައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަކީ، ދިވެހި ރައްޔިތުންގެތެރެއިން ޖިސްމާނީ ގޮތުންނާއި، ނަފްސާނީގޮތުންނާއި، ސިކުނޑީގެ ގޮތުންހުރި ނުކުޅެދުންތެރިކަމެއްގެ ސަބަބުން ބަލަދުވެރިން ނުވަތަ ބެލެނިވެރިންނަށް ނުވަތަ އެނޫން ބަޔަކަށް ވެސް ސަލާމަތާ، ރައްކާތެރިކަމާއެކު މުޖްތަމަޢުގައި އެމީހުން ގެންގުޅެންދަތި މީހުންނާއި، ކުދިންނާއި އަދި ޢުމުރުން ދުވަސްވުމުގެ ސަބަބުން ސަލާމަތާއި، ރައްކާތެރިކަމާއެކު މުޖުތަމަޢުގައި އެކަނި އުޅެން ދަތިވުމުގެ އިތުރުން އެމީހުންގެ ބަލަދުވެރިއަކު ނުވަތަ ބެލެނިވެރިއަކު ނުވަތަ އަޅާލާނެ ޔާރެއް، ޢިޔާރެއް ނެތުމާއެކު، ޒަރޫރީކަންކަން އަމިއްލަޔަށް ފުއްދައިގަތުމަށް ނުކުޅެދިފައިވާ މީހުން ސަލާމަތާ، ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ދިވެހި ސަރުކާރުން 1976 ވަނަ އަހަރުގެ ޖޫން މަހުގެ 6 ވަނަ ދުވަހު ޤާއިމްކޮށްފައިވާ މަރުކަޒެކެވެ.

އަދި މި މަރުކަޒަކީ ދައުލަތުގެ ބެލެމުގެދަށުގައި މިފަދަ ފަރާތްތައް މަރުކަޒުކުރެވިގެން ބަލަހައްޓަމުންގެންދާ ހަމައެކަނި މަރުކަޒުވެސް މެއެވެ. މިގޮތުން ހިއުމަން ރައިޓްސް ކޮމިޝަންގެ ފަރާތުން މިއަހަރުގެ މާރޗްމަހުގެ 6 އިން 8 އަށް، މި މަރުކަޒަށް ޒިޔާރަތް ކުރުމަށްފަހު އެކުލަވާލާފައިވާ މޮނިޓަރިން ރިޕޯޓުގައި ބަޔާން ކޮށްފައި ހުރި ކަންކަމުގެ ތެރޭގައި، މަރުކަޒުގައި ބަހައްޓަމުންދާ ޚާއްސަ އެހީއަށް ބޭނުންވާ ފަރާރްތަކާމެދު އެމަރުކަޒު ބެލެހެއްޓުމަށް، ނުވަތަ މަރުކަޒުގައި ޚިދުމަތްދޭ ފަރާތްތަކުން ވަމުންދާ އިހުމާލެއްގެ ވާހަކަތައް ވަނީ ބަޔާން ކޮށްފައެވެ.

މީގެ ތެރޭގައި، ތަނުގެ ކެޕޭސިޓީއަށްވުރެ ގިނައިން އެތަނުގައި ޚާއްސަ އެހީއަށް ބޭނުންވާ މީހުން ތިބުމުގެ އިތުރުން، މި މަރުކަޒުގައި ހިގަމުންދާ ލާއިންސާނީ އެތަކެއް އަނިޔާތަކުގެ ގިނަގުނަ ތަފްސީލުތަކެއް ހިމަނާފައި ވެއެވެ. އަދި މި މަރުކަޒުގައި ޚިދުމަތް ފޯރުކޮށްދިނުމަށް ތިބޭ ފަރާތްތަކުން ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދޭ އަނިޔަތަކާއި ގުޅޭގޮތުން ކޮށްފައިވާ ޝަކުވާތަކާއި، ހުށަހަޅާފައިވާ މައްސަލަތަކުގެ ރެކޯޑުތައް ނައްތާލުންފަދަ ކަންބޮޑުވާން ޖެހޭ އެތައް ކަމެއްގެ ވާހަކަތައް، ހާލަތު ދެނެގަތުމަށްފަހު އެޗްއާރުސީއެމްއިން އާންމުކޮށްފައިވާ ރިޕޯޓުގައި ހިމަނާފައި ވެއެވެ.

ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު

 

ލާއިންސާނީ އަނިޔާއާއި އިހުމާލުގެ އެތައް ވާހަކައެއް!

މިއަހަރު މާރޗްމަހު ހިއުމަންރައިޓްސް ކޮމިޝަންއިން ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހިއަށް ބޭނުންވާ މީހުން ތިބޭ މަރުކަޒަށް ޒިޔާރަތް ކުރުމަށްފަހު އެކުލަވާލި ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުން، ޚާއްސައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ފަރުވާ ހޯދަމުންދާ މީހުންނާ ދޭތެރޭގައި ބައެއް ކެއަރވޯކަރުން (ބަލިމީހުން ބަލަހައްޓާ މުވައްޒަފުން) ލާއިންސާނީ އިހާނެތި ޢަމަލު ހިންގާކަމާއި، އެގޮތުން ބަލި މީހުންނާ ދިމާލަށް ބޭއަދަބީ، ހަޑިހުތުރު ބަހުން މުޢާމަލާތު ކުރާކަމަށާއި، ބަލި މީހުންނާ ދޭތެރޭގައި އަނިޔާވެރިގޮތަށް ޢަމަލުތައް ބަހައްޓާކަމަށް މަރުކަޒު ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުންނާއި، މަރުކަޒުން ބަލަހައްޓަމުންދާ ޢުމުރުން ދުވަސްވީ މީހުން އެކޮމިޝަނަށް މަޢުލޫމާތު ދީފައިވާކަމަށް ބަޔާން ކޮށްފައި ވެއެވެ.

މީގެ ތެރެއިންވެސް އެންމެ ޚާއްސަ ގޮތެއްގައި ފާހަގަ ކުރެވޭ އެއް ކަމެއްގެ ގޮތުގައި އެޗްއާރުސީއެމްގެ ރިޕޯޓުގައި ފާހަގަ ކޮށްފައިވަނީ މަރުކަޒުން ފަރުވާ ހޯދަމުންދާ ބަލިމީހުންނާއި ދޭތެރޭގައި ހިނގާ ލާއިންސާނީ މިފަދަ ޢަމަލުތަކާ ގުޅޭގޮތުން ބަލިމީހުން ކުރާ ޝަކުވާތަކާ ގުޅޭ ލިޔެކިއުންތަކާއި، މިފަދަ މައްސަލަތަކާ ގުޅޭގޮތުން މަރުކަޒުން ޢަމަލުކޮށްފައިވާ ގޮތެއް ލިޔެކިއުމުން ފެންނަން
ނެތްކަމެވެ.

މި ރިޕޯޓުގައި ފާހަގަ ކޮށްފައި ވާގޮތުން، މަރުކަޒުގެ ގޯތިތެރެއާއި ގޯތީގެ ބޭރު މޮނިޓަރކުރުމަށް ސީ.ސީ.ޓީ.ވީ ކެމެރާ ހަރުކޮށްފައި ހުރި ނަމަވެސް ވޯޑުތަކުގެ އެތެރެ ފެންނަގޮތަށް ކެމެރާ ނެތުމުގެ ސަބަބުންނާއި، މުވައްޒަފުން މަދުވުމުގެ ސަބަބުން ވޯޑުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެކަށީގެންވާގޮތަކަށް ބަލިމީހުން މޮނިޓަރކުރާނެ ގޮތެއްނެތުމުގެ ނަތީޖާއެއްގެ ގޮތުން، މުވައްޒަފުންނަށް ބަލިމީހާ ފެންނައިރު އަނިޔާއެއް ލިބިފައިހުންނަ ފަހަރު ގިނަކަމަށާ އެހެންނަމަވެސް އަނިޔާ ލިބުނީ ކިހިނެއްކަން އެނގޭނެގޮތެއް ނެތްކަން މަރުކަޒުގައި ތައްޔާރު ކޮށްފައިވާ ހާދިސާ ރިޕޯޓުތަކުން އެ ކޮމިޝަނަށް ފާހަގަ ކުރެވިފައިވެސް ވެއެވެ.

ބަލިމީހުންނަށް ޖިންސީގޯނާކުރާ ބަލިމީހަކު މަރުކަޒުގައި އުޅޭކަމާއި، އެ ބަލިމީހާއަށް ތަކުރާރުކޮށް ނަސޭހަތްދީފައިވާކަމާ އަދި މި ބަލިމީހާގެ ވާހަކަ އޮފީހަށްވެސް އަންގާފައިވާކަމަށް ކެއަރވޯކަރުން މަޢުލޫމާތު ދީފައިވެއެވެ. ނަމަވެސް މިކަމަށް އެކަށޭނަ ޙައްލެއް ލިބިފައިނުވާކަމަށް މުވައްޒަފުން ދީފައިވާ މަޢުލޫމާތުންނާއި ކޮމިޝަނުން ބެލިބެލުމުން ފާހަގަކުރެވިފައިވެއެވެ.

ކޮމިޝަންގެ ރިޕޯޓުގައި ހިމަނާފައިވާ, މަރުކަޒުގެ ވޯޑުތަކުގެ ހާލަތު ދައްކުވައިދޭ ބައެއް ފޮޓޯތައް

ޚާއްސަ އެހީއަށް ބޭނުންވާ މީހުން ދައުލަތުން ބެލެހެއްޓުމަށް ޚާއްސަ ކޮށްގެން ހިންގާ މަރުކަޒުގެ ހާލަތާއި ގުޅޭގޮތުން އެޗްއާރުސީއެމްއިން ތައްޔާރު ކޮށްފައިވާ މޮނިޓަރިން ރިޕޯޓުގައި، މަރުކަޒު ހިންގުމުގައިވެސް ކުރިމަތިވެފައިވާ އެތައް ގޮންޖެހުމަކަށް ދައުލަތުގެ ކަމާއި ގުޅުންހުރި މުވައްސަސާތަކުން ފާއިތުވެދިޔަ ތަނުގައި ހައްލު ހޯދާ ދީފައިނުވާކަން ފާހަގަ ކުރައްވަމުން ބަޔާން ކޮށްފައި ވެއެވެ.

 

ނުކުޅުޅެދުންތެރިކަން ހުންނަ ފަރަތްތަކަށް ލާއިންސާނީ އަނިޔާ! ޒިންމާވާނީ ކޮން ފަރާތަކުން؟ 

ޚައްސަ އެހީއަށް ބޭނުންވާ ފަރާތްތައް ބެލެހެއްޓުމަށް ދައުލަތުން ހިންގަމުންދާ، ގުރައިދޫގައި ހުންނަ މި މަރުކަޒަށް މީހުން ފޮނުވަން ނިންމަނީ މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާއި ސޯޝަލް ސަރވިސް ވޯކަރުންކަމަށް މަރުކަޒު ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން މައުލޫމާތު ދީފައިވާކަމަށް އެޗްއާރުސީއެމްގެ ރިޕޯޓުގައި ބަޔާން ކޮށްފައި ވެއެވެ.

އަދި މި ރިޕޯޓުގައި ވާގޮތުން، މަރުކަޒަށް ބަލިމީހާ ގެންދިއުމަށްފަހު ބަލިމީހާގެ ބެލެނިވެރި ފަރާތުން މަރުކަޒުގައި ބަލަހައްޓާ އެއްވެސް ލިޔެކިއުމެއްގައި ސޮއިކުރަން ނުޖެހެއެވެ. މިގޮތުން އެހާތަނުން މިތަނުގައި ތިބޭ ފަރާތްތަކުގެ ގާނޫނީ ޒިންމާ ނުވަތަ ބެލެވެރިކަމެ އެންމެހާ ޒިންމާއަކާއި ހަވާލުވާ ދައުލަތުގެ މުވައްސަސާއަކަށް ވެގެން ދަނީ ޖެންޑަރ މިނިސްޓްރީއެވެ.

އެހެންނަމަވެސް އެޗްއާރުސީއެމްގެ ރިޕޯޓުގައި ވާގޮތުން، ފާއިތުވެދިޔަ ދިގު މުއްދަތުގައި، އެއަތް އަހަރެއްގެ މަތިން، މި މަރުކަޒުގެ ހާލަތު ރަގަޅު ކުރުމަށް އެކޮމިޝަން އިން އަންގާފައިވާ ގިނަ ކަންކަމަށް އިސްލާހީ ބަދަލުތަކެއް ގެނެސްފައެއް ނުވެއެވެ.

މަރުކަޒުގައި މަސައްކަތްކުރާ މުވައްޒަފުން މަދުވުމާއެކު ބަލިމީހުން ބެލެހެއްޓުމުގެ މައްސަލައަށް ޙައްލުކުރުމުގެ ގޮތުން ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ބަލިމީހުން ޤަވާއިދުން މޮނިޓަރ ކުރެވޭނެ ނިޒާމެއް މަރުކަޒުގައި ގާއިމްކުރުމަށް 2014 ވަނަ އަހަރު ކޮމިޝަނުން މަރުކަޒަށް ކުރި ޒިޔާރަތާއި ގުޅިގެން ތައްޔާރުކޮށް ކަމާގުޅޭ އިދާރާތަކާ ޙިއްސާކޮށްފައިވާ ރިޕޯޓުގައި ހުށަހަޅާފައިވާނެއެވެ. މީގެއިތުރުން، މަރުކަޒުން ފަރުވާ ހޯދަމުންދާ މީހުންނާ ދޭތެރޭގައި ކެއަރވޯކަރުން ލާއިންސާނީ އިހާނެތި ޢަމަލު ހިންގާކަން 2016 ވަނަ އަހަރުގައި ކޮމިޝަނުން މަރުކަޒަށް ކުރި ޒިޔާރަތުގައި ފާހަގަކުރެވި އެފަދަ ލާއިންސާނީ ޢަމަލުތައް ހިންގާ މުވައްޒަފުންނާ ދޭތެރޭގައި ފިޔަވަޅުއަޅައި އެކަން ލިޔެކިއުމުން ބެލެހެއްޓުމަށް ކޮމިޝަނުން ހުށަހަޅާފައިވާނެއެވެ. ހަމައެއާއެކު، މަރުކަޒުގެ ސެކިއުރިޓީ އެންމެއެދެވޭ ގޮތެއްގައި ބެލެހެއްޓުމަށް ކެމެރާ ސިސްޓަމްތައް ޤާ އިމްކުރުމަށް 2019 ވަނަ އަހަރު ކޮމިޝަނުން މަރުކަޒަށް ކުރި މޮނިޓަރިންގ ޒިޔާރަތާއި ގުޅިގެން ތައްޔާރުކޮށް ކަމާގުޅޭ އިދާރާތަކާ ޙިއްސާކޮށްފައިވާ ރިޕޯޓުގައި ހުށަހަޅާފައިވާނެއެވެ.

ކޮމިޝަނުން އިސްލާހުކުރުމަށް ފާއިތުވި 10 އަހަރު ތެރޭގައިވެސް އަންގާފައިވަ ގިނަ ކަންކަން އިސްލާހު ކޮށްފައި ނުވާކަން ފާހަގަ ކުރައްވަމުން ރިޕޯޓުގައި ލިޔުއްވާފައި ވެއެވެ.

މަރުކަޒިގެ ގޯތި ތެރޭގައި, ބައެއް ވާރޑް ތަކުގައި މީހުން ރެސްޓްރެއިން ކޮށްފައިވާ ބައެއް ފޮޓޯތައް: ފޮޓޯ: ހިއުމަންރައިޓްސް ކޮމިޝަން

މިފަހަރުގެ ރިޕޯޓުގައިވެސް އެޗްއާރސީއެމްއިން ވަނީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާ ރިޕޯޓު ހިއްސާކުރާ ދުވަހުން ފެށިގެން، ޚާއްސައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ބަލަހައްޓާ މީހުން، އެކަކު އަނެކަކަށް ކުރާ ޖިންސީ ފުރައްސާރައާއި
ޖިންސީ ގޯނާގެ ޢަމަލުތައް ހުއްޓުވުމަށް ނިޒާމެއް ހަމަޖައްސައި، މި ޢަމަލުތައް ހުއްޓުވުމަށް އެޅުނު ފިޔަވަޅުތައް ލިޔެކިއުމުން ބަލަހައްޓަމުން ގެންދިއުން އަންގާފައެވެ.

ހަމަ އެއާއެކު މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާ ރިޕޯޓު ހިއްސާކުރާތާ 1 އަހަރުގެ ތެރޭގައި، ޚާއްސައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ފަރުވާ ހޯދަމުންދާ މީހުން ދިރިއުޅޭ ވޯޑުތަކުގެ އެތެރެ މޮނިޓަރކުރެވޭގޮތަށް ސީ.ސީ.ޓީ.ވީ ކެމެރާ ހަރުކޮށް، މަރުކަޒުން ކަނޑައަޅާ އުޞޫލެއްގެ މަތިން ޤަވާއިދުން މޮނިޓަރކޮށް ބެލެހެއްޓުމަށްވެސް އެޗްއާރުސީއެމްއިން ޖެންޑަރ މިނިސްޓްރީއަށް އަންގާފައި ވެއެވެ.

އެހެންނަމަވެސް އިސްލާހު ކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަންއިން ޖެންޑަރ މިނިސްޓްރީއަށް އެންގި ކަންކަމުގެ އިތުރަށް، މި ރިޕޯޓުން ފާހަގަވާން ހުރި އެންމެ މުހިންމު ކަންކަމަކީ ނުކުޅެދުންތެރިކަން ހުންނަ އެތައް ފަރާތަކަށް، ކޮމިޝަންގައި ޚިދުމަތް ފޯރުކޮށް ދެމުންދިޔަ ބައެއް ފަރާތްތަކުން ދީފައިވާ ލާއިންސާނީ އަނިޔާތަކެވެ. މިއީ ތަހުގީގުކޮށް ބެލެންޖެހޭ މައްސަލަތަކެވެ. އަދި، އެތައް އަހަރެއްވަންދެން އެފަރާތްތަކަށް މި އަނިޔާ ލިބެމުންދިޔައިރު، މިކަންކަމާއި ގުޅޭގޮތުން ކުރެވުނު ޝަކުވާތައް ނުބަލާ، މި އަނިޔާތަކުގެ މަތިން އިހުމާލުވީ ފަރާތްތައްވެސް އިންސާފުގެ ކުރިމަށްޗަށް ހާޒިރު ނުުކުރެވޭނަމަ، މި ބާވަތުގެ އަނިޔާއާއި އިހުމާލަށް ދުވަހަކުވެސް ހައްލެއް ނާންނާނެ ކަމީ ކަށަވަރުވެ ޔަގީންވާ ކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.