ޙައްޖާއި ޢުމްރާއަށް ސަޢުދިއަރަބިއްޔާއަށްދާ އަންހެނުންނަށް މަހްރަމަކާއެކު ދިއުމުގެ އުސޫލު ބަދަލުކޮށް، ލުއިފަސޭހަ ގޮތްތަކެއް ސައުދީ ސަރުކާރުން ކަނޑައަޅައިފިއެވެ.
ސަޢުދީ އެމްބަސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ހައްޖާއި އުމްރާގެ ކަންކަމާ ބެހޭ ވަޒީރު ޑރ. ތައުފީގު އައްރަބީއާ ވިދާޅުވީ، މީގެ ފަހުން ދުނިޔޭގެ ހުރިހާ ހިސާބަކުން ވެސް އަންނަ އަންހެން ހައްޖުވެރިންނަށް މަހްރަމަކާ ނުލައި އަޅުކަން އަދާކުރެވޭނެކަމަށެވެ. މަހްރަމުންނަކީ ފިރިމީހާ އާއި ބައްޕަ ނުވަތަ ދާއިމަށް ކައިވެނި ހަރާމް ފިރިހެނުންނެވެ.
ކުރިން ސައުދީން އަމަލުކުރާ ޤަވާއިދުގައި އޮންނަ ގޮތުން އުމުރުން 45 އަހަރުން ދަށްނަމަ އެކަނި ދިޔުމުގެ ހުއްދަ ނޯވެއެވެ. އުމްރާގެ އަޅުކަން އަދާކުރުމަށް ވިސާ ދިނުމުގައި ސައޫދީން މިހާތަނަށް އަމަލު ކުރަމުން އައި އުސޫލަކީ، ކޮންމެ މަހަކު ވެސް ވަކި އަދަދަކަށް ވިސާ ދޫކުރުމެވެ. އަދި އުމްރާގެ އަޅުކަން ކުރުމަށް އެތެރެވެވޭނީ އެކަމަށް ޚާއްސަ ވިސާއެއް ނަގައިގެންނެވެ. ނަމަވެސް ސައުދީ ވަޒީރު ވިދާޅުވީ، މީގެ ފަހުން ވިސާ ދޫކުރުމުގައި ވަކި އަދަދެއް ނޯންނާނެކަމަށެވެ.
ކޮންމެ ކަހަލަ ވިސާއެއްގައިވެސް ސައުދީއަށް އެތެރެވާ މީހަކަށް އުމްރާގެ އަޅުކަން އަދާކުރެވޭނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ހައްޖާއި ޢުމްރާގެ އަޅުކަމަށް ކުރަންޖެހޭ ހޭދަ ކުޑަކުރުމަށް ސަރުކާރުން މަސައްކަތްކުރާކަމަށްވެސް ސައުދީގެ ހައްޖާއި ޢުމްރާއާއި ބެހޭ ވަޒީރު ވިދާޅުވިއެވެ. ޙަރަމްފުޅަށް ޒިޔާރަތްކުރަން ބޭނުންވާ މީހުންނަށް ހައްޖު މިނިސްޓްރީން ފޯރުކޮށްދޭ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް ޒަމާނީ ޓެކްނޮލޮޖީތައް ތަޢާރަފްކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ވަޒީރު ވިދާޅުވިއެވެ.
އެގޮތުން ދެ ހަރަމްފުޅުގައި ހައްޖުވެރިންނާއި އުމްރާވެރިންނަށް ބައެއް ކަހަލަ ޚިދުމަތްތައް ދިނުމުގައި ރޮބޮޓް ބޭނުންކުރުން ހިމެނެއެވެ. މީގެ އިތުރުން "ނުސްކް ޕްލެޓްފޯމް" ތައާރަފްކުރި ފަހުން، އެ ޕްލެޓްފޯމްގެ ޒަރީއާއިން ހުއްދަ އަށް އެދި ހުށަހެޅުމާއި، ހުއްދަ ލިބޭތާ 24 ގަޑިއިރުގެ ތެރޭގައި ވިސާ ލިބޭނެ އިންތިޒާމުވެސް މިހާރު ވަނީ ހަމަޖައްސާފައެވެ.
ސައުދީ ސަރުކާރުން އަންނަނީ ހަރަމްފުޅު ބޮޑުކުރުމުގެ ބިޔަ މަޝްރޫޢުއެއް ހިންގަމުންނެވެ.