އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކްރިސްޓިއާނޯ ރޮނާލްޑޯ ކްލަބް ކެރިއަރުގައި ޖެހި 700 ވަނަ ގޯލާ އެކު، މެންޗެސްޓާ ޔުނައިޓެޑުން ފަހަތުން އަރައި 2-1 އިން އެވަޓަން ބަލިކޮށްފިއެވެ.
ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޔުނައިޓެޑުންނެވެ. ނަމަވެސް މިމެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީ އެވަޓަންއިންނެވެ. މެޗްގެ ފަސްވަނަ މިނެޓްގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެލެކްސް އިވޯބީއެވެ.
ނަމަވެސް އޭގެ 10 މިނެޓް ފަހުން ޔުނައިޓެޑުން ވަނީ ލަނޑެއް ޖަހައި ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެންތަނީއެވެ. މިއީ އޭނާ ޔުނައިޓެޑަށް ކާމިޔާބުކޮށްދިން ތިންވަނަ ލަނޑެވެ. ރޮނާލްޑޯ، ރޭ ކްލަބް ކެރިއަރުގައި 700 ގޯލު ހަމަކުރިއިރު، އެ ގޯލުތަކުގެ ތެރެއިން 144 ގޯލު ޖެހީ ޔުނައިޓެޑް އަށެވެ. ޔުނައިޓެޑަށް ޖެހި 26 ގޯލެއް ޖެހީ ދެ ވަނަ ފަހަރަށް އެ ޓީމާ ގުޅުމަށް ފަހުއެވެ.
އެހެން ކްލަބްތަކަށް ރޮނާލްޑޯ ޖަހައިދިން ގޯލުތަކަށް ބަލާއިރު، ސްޕޯޓިން އަށް ފަސް ގޯލު، ރެއާލް މެޑްރިޑަށް 450 ގޯލު އަދި ޔުވެންޓަސް އަށް ވަނީ 101 ގޯލު ކާމިޔާބުކޮށްދީފައެވެ.
މި މެޗުން ޔުނައިޓުން މޮޅުވި ލަނޑު މެޗްގެ 44 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ފުރަތަމަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މިއީ އޭނާގެ ކްލަބް ކެރިއަރުގައި ކާމިޔާބުކުރި 700 ވަނަ ލަނޑެވެ. އަދި މިއާއެކު އޭނާ ވެފައިވަނީ 700 ލަނޑު ހަމަކުރި ފުރަތަމަ ކުޅުންތެރިޔާއަށެވެ.