އައްޑޫ ސިޓީގައި ހަރަކާތްތެރިވާ ގޭންގަކުން މިދިޔަ ޖޫން މަހުގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ މުޙައްމަދު ޒަޔާން މަރާލި މައްސަލާގައި 18 އަހަރު ނުފުރޭ 4 ކުޑަކުދިންނަށް ދައުވާކޮށްފިއެވެ.
ޕީޖީ އޮފީހުން ބުނީ މިދިޔަ ޖޫން މަހުގެ 2 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި، އައްޑޫ ސިޓީގައި ސ. ފޭދޫ، ސޮލިޑް، މުޙައްމަދު ޒަޔާން މޫސާއަށް ތޫނުއެއްޗަކުން ޙަމަލާދީ މަރާލި މައްސަލާގައި ޢުމުރުން 18 އަހަރު ނުފުރޭ ކުޑަކުއްޖެއްގެ މައްޗަށް ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން ތޫނުއެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ، އަދި ޢުމުރުން 18 އަހަރު ނުފުރޭ އިތުރު 03ކުދިންގެ މައްޗަށް ޤާނޫނު ނަންބަރު ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން ތޫނުއެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދަޢުވާކޮށްފައިވާކަމަށެވެ. އެ މައްސަލަތައް މިމަހުގެ 6ގައި ޖުވެނައިލް ކޯޓަށް ހުށަހަޅައަޅާފައިވާކަމަށްވެސް ޕީޖީ އޮފީހުން ބުންޏެވެ.
މި މައްސަލައިގައި ތޫނުއެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދަޢުވާލިބޭ 03 (ތިނެއް) ކުދިންގެ ތެރެއިން 02 (ދޭއް) ކުދިން ކުށަށް އިޢުތިރާފުވެ، ޑައިވާރޝަން ފުރުޞަތަށް އެދިފައިވާތީ ޤާނޫނު ނަންބަރު: 18/2019 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު) ގެ ދަށުން ޑައިވާރޝަން އެގްރީމެންޓް ހަދާފައިވާކަމަށްވެސް ޕީޖީ އޮފީހުން ބުންޏެވެ.
އަދި މިމައްސަލައިގައި ތުހުމަތުކުރެވޭ ޢުމުރުން 18 އަހަރުން މަތީގެ 5 މީހެއްގެ ބައި ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަޙުޤީޤުކުރަމުން އަންނަކަމަށްވެސް ޕީޖީން ބުންޏެވެ.
ތަޙުޤީޤުގައި ކުރަންހުރި މަސައްކަތްތަކަށް ބަލައި، މައްސަލަ ތަޙުޤީޤުކުރުމުގެ މުއްދަތު ޤާނޫނު ނަންބަރު ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު ގެ ދަށުން ގެންދަނީ އިތުރުކޮށްދެމުންކަމަށްވެސް ޕީޖީން ބުންޏެވެ.
ޕީޖީ އޮފީހުން ބުނީ މި މައްސަލައިގައި ދަޢުވާލިބޭ 4 ކުދިންނާއި، ތުހުމަތުކުރެވޭ 5 މީހުން ތިބީ ބަންދުގައިކަމަށެވެ.
ޒަޔާން މަރުވީ ލިބުނު ޒަޚަމްތަކަށް ފަރުވާދެމުން އަންނަނިކޮށް އައްޑޫ އިކުއެޓޯރިލް ހޮސްޕިޓަލުގައެވެ.