ރާއްޖޭގެ އުތުރުގެ ސަރަޙައްދުގައި ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާއާއެކު ސަރުކާރުން ވެފައިއޮތް އެއްބަސްވުން އުވާލުމުން އެކުންފުންޏަށް 348 މިލިއަން ރުފިޔާގެ ބަދަލެއް ދައްކަން ޖެހުނު މައްސަލާގައި ސުޕްރީމް ކޯޓުން މާދަމާއަށް ޙުކުމް އިއްވަން ތަޢާވްލުކޮށްފިއެވެ.
އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާއާއެކު ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުން ހެދި އެއްބަސްވުން ކުރީގެ ރައީސް ޑރ.މުޙައްމަދު ވަހީދުގެ ސަރުކާރުން ވަނީ އުވާލައިފައެވެ. އަދި އެކަމުގެ ބަދަލެއްގެ ގޮތުގައި 348 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް 2014ގައި ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
ސިވިލް ކޯޓުން ހުކުމްކޮށްފައި ވަނިކޮށް 2018 ވަނަ އަހަރު ހައިކޯޓުންވަނީ އެޙުކުމް ބާޠިލުކޮށްފައެވެ. ނަމަވެސް ހައި ކޯޓަށް އެ މައްސަލަ ބަލައިގަތީ އިސްތިއުނާފް މުއްދަތު ހަމަވިފަހުން ކަމަށް ބުނެ، 2019 ވަނަ އަހަރު ސުޕްރީމް ކޯޓުން ހައިކޯޓުގެ ހުކުމް ބާޠިލުކޮށްފައިވެއެވެ.
ސުޕްރީމް ކޯޓުގެ އެ ނިންމުން ރިވިއުކުރަން ދައުލަތުން އެދުމުން 2021 ވަނަ އަހަރު ސުޕްރީމް ކޯޓުން އެ ކޯޓުގެ ކުރީގެ ނިންމުން ބާތިލްކުރިއެވެ. އަދި ހައިކޯޓުގެ ހުކުމް އަލުން އިސްތިއުނާފް ކުރުމުގެ ފުރުސަތު ދީބާޖާއަށް އޮންނާނެ ކަމަށް ކަނޑައެޅިއެވެ.
އެހެންކަމުން ދީބާޖާއިން އެ މައްސަލަ އަލުން ސުޕްރީމް ކޯޓަށް ހުށައެޅީ މިދިޔަ އަހަރުއެވެ. މިމައްސަލައިގެ އަޑުއެހެންތައް މިޔަ އަހަރުގެ ފަހުކޮޅު ނިންމާލާފައިވެއެވެ. އަދި އެ މައްސަލައިގެ ޙުކުމް އިއްވުން ވަނީ މާދަމާއަށް ތަޢާވަލުކޮށްފައެވެ.
މި މައްސަލަ ބައްލަވަނީ ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ޢަލީ ރަޝީދެވެ.
ކޮމެންޓު ފޮނުވާ