ކ. ހިންމަފުށި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ (ދެވަނަ ފިޔަވަހި) ގެ މަސައްކަތް ނިމިއްޖެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫޢުގެ އަގަކީ 5.30 މިލިއަން ރުފިޔާއެވެ. 130,1 މީހުންގެ އާބާދީގެ ކ. ހިންމަފުށްޓަކީ ލޯކަލް ޓުއަރިޒަމް ބާރު ސްޕީޑެއްގައި ކުރިއަރަމުން އަންނަ ރަށަކެވެ.
ހިންމަފުށްޓަކީ މިހާރު ފަތުރުވެރިންގެ މެދުގައި ރާޅާއެޅުމަށް ހާއްސަ މަންޒިލެކެވެ. އެހެންކަމުން ގެސްޓްހައުސް ވިޔަފާރިއާއިއެކު މި ރަށުގައި ޑައިވިންގ ދޯނިފަހަރު، ލޯންޗް އަދި ޑިންގީތައް ވަނީ ބޮޑުތަނުން އިތުރުވާން ފަށާފައެވެ. އަދި ލޯކަލް ޓުއަރިޒަމާއެކު ފަރުމަހުގެ މަސްވެރިކަން ފުޅާވެ "ބިގް ގޭމް ފިޝިންގ" އަދި އެކްސްކާރޝަންސް އަށް އޮތް ތަރުހީބު އިންތިހާއަށް ބޮޑުވުމާއެކު މި ރަށުގައި ކުރީގައި އޮތް ކުޑަ ބަނދަރުގެ ބަދަލުގައި، ދެގުނަ ބޮޑު ޒަމާނީ ރީތި ބަނދަރެއް މިއަދު ލިބިގެން ދިޔުމަކީ ރައްޔިތުންނަށް އެތައް ލުއިފަސޭހައަކާއި، ވަރަށް ބޮޑު އުފަލެއް ލިބޭނެ ކަމެއްކަމުގައި މި ކުންފުނިން ދެކެމެވެ.
އަދި ބާރުބޮޑުވެފައިވާ ރަށުގެ ބަނދަރަށް ޖާގައިގެ ތަނަވަސްކަން ލިބި، އިތުރުވަމުންދާ އުޅަނދުފަހަރަށް ފަސޭހައިން ގާތްކޮށް ލަފާފުރުމުގައި ގިނަ ފަސޭހަތަކެއް މިހާރު ހިންމަފުށީ ރައްޔިތުންނަށް ލިބިގެންދާނެއެވެ. ވީމާ، ބަނދަރު ތަރައްޤީކުރެވި ފުރިހަމަވެގެންދިޔުމަކީ އިޤްތިސާދީގޮތުން ބެލިކަމުގައި ވިޔަސް މިކަމުގެ ފައިދާ ހިންމަފުށީ ރައްޔިތުންނަށް އިންތިހާއަށް ލިބިގެންދާނެ މުހިއްމު މަޝްރޫޢުއެކެވެ.
We have completed K. Himmafushi Harbor Development (Phase 2). The value of the project is MVR 30.5 million.#MTCCProjects #RayyithungeKunfuni pic.twitter.com/xUv9UMrz0w
— MTCC Plc (@MTCCPlc) October 6, 2022
މި މަޝްރޫޢުގެ ދަށުން، 895,19 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 900,9 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 251 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 15 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 311 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، މިހާރު ހުރި ބަނދަރުގައި 1200 އަކަ މީޓަރުގެ ސަރަޙައްދެއްގައި ކޮންކްރީޓް ޕޭވްމަންޓް ހެދުމާއި، އައު ބަނދަރުގައި 1443 އަކަ މީޓަރުގެ ސަރަޙައްދެއްގައި ކޮންކްރީޓް ޕޭވްމަންޓް ހެދުމާއި، 25 މީޓަރު ދިގު 6 މީޓަރު ފުޅާ ބްރިޖެއް ހެދުމާއި، 63 މީޓަރު ދިގު 4 މީޓަރު ފުޅާ ޖެޓީއެއް ހެދުމާއި، ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމާއި، މޫރިންގ ބްލޮކްސް ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
ކޮމެންޓު ފޮނުވާ