ރައީސުލްޖުމްހޫރިއްޔާ، ބަޙްރައިންގެ ބޮޑުވަޒީރާއި ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ، ބަޙްރައިންގެ ބޮޑުވަޒީރާއި ބައްދަލުކުރައްވައިފި

Author
މުޙައްމަދު ޝަޒައިމް
06 އޮކްޓޯބަރ 2022 06:04
0

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ބަޙްރައިންގެ ވަލީ އަޙްދު، ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރ އަދި ބޮޑުވަޒީރު ސަލްމާން ބިން ޙަމަދް އަލް ޚަލީފާއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ ބުދަ ދުވަހުގެ ރޭ ބަޙްރައިންގައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި، ބަޙްރައިންގެ ވަލީޢަހްދު ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. އެގޮތުން، ރާއްޖެއާއި ބަޙްރައިންގެ ދޭދޭ ގުޅުން ވަރުގަދަ ކުރުމާއި، ތަރައްޤީގެ ރޮނގުގައި ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރެއްވުމާއި ގުޅޭގޮތުން ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ. މީގެ އިތުރުން ދެބޭފުޅުން ވަނީ ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއާއި، ބައިނަލްއަޤްވާމީ މައިދާނުގައި އެއްބާރުލުން އިތުރުކުރުމާއި ގުޅޭގޮތުންނާއި، ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިންނާއި، ތިމާވެށީގެ ދާއިރާއިން ޚާއްޞަކޮށް ފަރުތައް ދިރުވާ އާލާކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްފާއެވެ.

މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި ބަދަލުކުރެވޭ އެއްބަސްވުންތަކުގެ މައްޗަށް އަލިއަޅުއްވައިލައްވައި، ދެ ބޭފުޅުން ވަނީ ދެޤައުމުން ގުޅިގެން ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ ވަނީ ބަޙްރައިންގެ ސަރުކާރުން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ ދީލަތި އެހީތެރިކަމަށްޓަކައި ބަޙްރައިންގެ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާއާއި ވަލީއަޙްދު ވަނީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ މި ދަތުރުފުޅުގެ ކުރިން ދިވެހިރާއްޖޭގެ އެއްވެސް ވެރިއެއް ބަޙްރައިންނަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވާފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.