ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ބަޙްރައިންގެ ރަސްގެފާނު ޙަމަދު ބިން އީސާ އަލް ޚަލީފާގެ ދަޢުވަތަކަށް އެ ޤައުމަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ދިވެހިރާއްޖެއާ ބަޙްރައިންގެ ގުޅުން ބަދަހިކުރުމާގުޅޭ 4 އެއްބަސްވުމެއް މިއަދު ބަދަލުކުރައްވައިފިއެވެ.
މި އެއްބަސްވުންތައް ބަދަލު ކުރެއްވުމަށް، ބަޙްރައިންގެ އަލް ޤުޟައިބިއްޔާ ޕެލަސްގައި ބޭއްވި ރަސްމިއްޔާތުގައި، ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ބަޙްރައިންގެ ރަސްގެފާނު، ޙަމަދު ބިން ޢީސާ އަލް ޚަލީފާ ބައިވެރިވެވަޑައިގެންނެވިއެވެ. މިއަދު ބަދަލުކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި ހިމެނޭ "މެމޮރަންޑަމް އޮފް އަންޑަސްޓެންޑިންގ އޮން ޕޮލިޓިކަލް ކޮންސަލްޓޭޝަންސް" އަކީ، ބައިނަލްއަޤުވާމީ ގުޅުންތަކާއި ގުޅޭ ގޮތުން ދެޤައުމުގެ މެދުގައި ޚިޔާލާއި މަޝްވަރާ ބަދަލު ކުރުމާއި ގުޅޭ އެއްބަސްވުމެކެވެ.
މީގެ އިތުރުން ބަދަލު ކުރެވުނު އަނެއް އެއްބަސްވުމަކީ، "މެމޮރަންޑަމް އޮފް އަންޑަސްޓެންޑިންގ ފޮރ ކޯޕަރޭޝަން އޮން ޑިޕްލޮމެޓިކް ޓްރެއިނިންގ އެންޑް އެކްސްޗޭންޖް އޮފް އިންފޮރމޭޝަން އެންޑް ޑޮކިއުމެންޓޭޝަން" އެވެ. މިއީ ބަޙްރައިންގެ މުޙައްމަދު ބިން މުބާރަކް އަލް ޚަލީފާ އެކެޑަމީ ފޯރ ޑިޕްލޮމެޓިކްސް ސްޓަޑީޒް އާއި ރާއްޖޭގެ ފޮރިން ސަރވިސް އިންސްޓިޓިއުޓާއި ދެމެދު ވެނުނު އެއްބަސްވުމެކެވެ.
President @ibusolih and the King of Bahrain, H.M. Hamad bin Isa Al Khalifa, presided over the signing of agreements between the countries. Four key agreements were exchanged at the ceremony held at the Al-Qudaibiya Palace in Bahrain pic.twitter.com/cdA7LMsyM1
— The President's Office (@presidencymv) October 6, 2022
މިއަދު ބަދަލު ކުރެވުނު ތިންވަނަ އެއްބަސްވުމަކީ، "މެމޮރަންޑަމް އޮފް އަންޑަސްޓެންޑިންގ އޮން ކޯޕަރޭޝަން އިން ދި އޭރިއާ އޮފް ޔޫތް އެންޑް ސްޕޯޓްސް ޑިވެލޮޕްމެންޓް" އެވެ. މިއީ ޒުވާނުންނާއި ކުޅިވަރު ކުރިއެރުވުމުގެ ދާއިރާއިން ދެޤައުމުގެ މެދުގައި ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެކެވެ.
މީގެ އިތުރުން މިއަދު ވަނީ، "މެމޮރަންޑަމް އޮފް އަންޑަސްޓެންޑިންގ އޮން ކްލައިމެޓް ޗޭންޖް"، މޫސުމީ ބަދަލުތަކާއި ގުޅޭ ގޮތުން ދެޤައުމުން ގުޅިގެން މަސައްކަތް ކުރުމުގެ އެއްބަސްވުމެއްވެސް ބަދަލު ކުރައްވާފައެވެ.
މިއަދު ބަދަލު ކުރެވުނު އެއްބަސްވުންތަކުގެ ތެރެއިން، "މެމޮރަންޑަމް އޮފް އަންޑަސްޓެންޑިންގ އޮން ކޯޕަރޭޝަން އިން ދަ އޭރިއާ އޮފް ޔޫތް އެންޑް ސްޕޯޓްސް ޑިވެލޮޕްމެންޓް" ގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އަޙްމަދު މަޚްލޫފެވެ. އެހެން އެއްބަސްވުންތަކުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް މިނިސްޓަރ ޝާހިދެވެ.
މީގެ އިތުރުން، ރާއްޖެއާއި ބަޙްރައިން އިން އިތުރު ދެ މެމޮރަންޑަމް އޮފް އަންޑަސްޓެންޑިންގ އެއްގައި ސޮއިކުރުމާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރައްވައި ކުރިޔަށް ގެންދަވާނެކަންވެސް މި ރަސްމިއްޔާތުގައި ވަނީ ޢިއުލާނު ކުރައްވާފައެވެ. އެއީ، ކަނޑާއި ވައިގެ މަގުން އަވަހަށް މުދާ ބަދަލުކުރުމާއި ގުޅޭ އެއްބަސްވުމަކާއި، ބަޙްރައިންގެ ޑޭޓާ ސެންޓަރުތަކުގައި ރައްކާކުރެވޭ މަޢުލޫމާތު ޙިއްޞާކުރުމާއި ގުޅޭ އެއްބަސްވުމެކެވެ.
މިއެއްބަސްވުންތައް ބަދަލު ކުރެއްވުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ބަޙްރެއިންގެ ރަސްގެފާނު، ޙަމަދު ބިން އީސާ އަލް ޚަލީފާ އާއި ދެބޭފުޅުން ވަކިން ބޭއްވެވި ބައްދަލު ކުރެއްވުމުގައި ދެޤައުމުގެ މެދުގައި އޮތް ގާތް ރަޙްމަތްތެރި ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭ ގޮތުންނާއި، ދެޤައުމުގެ މަސްލަޙަތު ހުރި ކަންކަމުގައި ގުޅިގެން މަސައްކަތް ކުރެއްވުމާ ގުޅޭ ގޮތުން ޚިޔާލުބަދަލު ކުރައްވައި މަޝްވަރާކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ