އެމްޕީއެލުން ހިންގާފައިވާ ތެލުގެ ވަގު ވިޔަފާރީގެ މުޢާމަލާތް 28.3 މިލިޔަން ރުފިޔާއަށް ވުރެ ބޮޑުކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
އެމްޕީއެލްއަށް ބޭނުންވާ ޑީސެލް ގަތުމަށް 2018 ވަނަ އަހަރުން 2020 ވަނަ އަހަރާއި ދެމެދު ކުރި މުއާމަލާތުގައި އެފްއެސްއެމްއާއި، އެމްޕީއެލް މުވައްޒިފުން ގުޅިގެން ބޮޑެތި ޚިޔާނާތް ވެފައިވާކަން ރިޕޯޓުން ވަނީ މާލޭ ކޮމާޝަލް ހާބަރުގައި އެމް.ޕީ.އެލް އިން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގެ ބޭނުމަށް އެފް.އެސް.އެމް އިން ވިއްކި ޑީސަލްގެ ތެރެއިން 2018 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރުގެ ނިޔަލަށް 28.3 މިލިޔަން ރުފިޔާގެ ޑީސަލް ޚިޔާނާތުގެ ތެރެއިން ގެއްލިފައިވާކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ ޖަނަރޭޓަރުތައް ހިންގުމަށް ދޫކުރިކަމަށް ރިކޯޑްކޮށްފައިވާ ޑީސެލްގެ ތެރެއިން ގެއްލުނު 9.6 މިލިޔަން ރުފިޔާގެ ޑީސަލާއި، ޓަގުބޯޓުތައް އޮޕަރޭޓް ކުރިކަމަށް ދޫކުރިކަމަށް ރިކޯޑްކޮށްފައިވާ ޑީސަލްގެ ތެރެއިން ގެއްލުނު 18.5 މިލިޔަން ރުފިޔާގެ ޑީސަލާއި، އާރުޓީޖީ ކްރޭންތަކަށް އެޅުމަށް ދޫކުރިކަމަށް ރިކޯޑްކޮށްފައިވާ ޑީސަލްގެ ތެރެއިން ގެއްލުނު 127،616 ރުފިޔާގެ ޑީސަލް ކަމަށާއި، އެމްޕީއެލްގެ އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ގަނެފައިވާ ޑީސެލްގެ ތެރޭގައި އެމްޕީއެލްހެ ޓަގު ބޯޓުތަކަށް އެޅުމަށް ހުޅުމާލޭ ޖެޓީ ސަރަހައްދަށް އެފްއެސްއެމްގެ ބައުޒަރުތަކުން ސަޕްލައި ކޮށްފައިވާ 799،900 ލީޓަރު ނުވަތަ 7.2 މިލިޔަން ރުފިޔާގެ ޑީސެލް ހިމެނޭއިރު އެމްޕީއެލްގެ ޓަގު ބޯޓުތަކަސް ހުޅުމާލޭ ޖެޓީ ސަރަހައްދުން ތެޔޮ ނާޅާކަމަށް ޓަގުބޯޓުގެ ކެޕްޓަނުން މައުލޫމާތު ދީފައިވާކަމަށް، އަދި ޓަގު ބޯޓުގެ އޮޕަރޭޝަންގައި ބޭނުން ކޮށްފައި ނުވާ މުއްދަތުގައިވެސް އެޓަގު ބޯޓަށް ހުޅުމާލޭ ޖެޓީ ސަރަހައްދުން ތެޔޮ ދޫކޮށްފައިވާކަމަށް އެފްއެސްއެމްގެ ޑެލިވަރީ ނޯޓުތަކުގައި ނޯޓުކޮށްފައިވާކަމަށް ރިޕޯޓުގައިވެއެވެ.
އެމްޕީއެލްގެ އެކިއެކި ޔުނިޓްތަކަށް ބޭނުންވާ ޑީސެލް ހޯދުމަށް 2018 އިން ފެށިގެން 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އެޔުނިޓްތަކުން އެމްޕީއެލްގެ ޕްރޮކިއުމަންޓް ސްޓޯރަށް ފޮނުވާ ރިކުއެސްޓް ފޯމުތަކުން ކޮޕީ ފޯމުތަކެއް ހަދައި ސޮއި ފޯޖުކޮށް އަދި ތަރީޚު ބަދަލު ކުރުމަށްފަހު ތައްޔާރުކޮށްފައިވާ، 13.42 މިލިޔަން ރުފިޔާގެ ތެޔޮ (1.40 މިލިޔަން ލީޓަރުގެ ތެޔޮ) ހިމެނޭ ފޯޖުކޮށްފައިވާ ފޯމުތަކާއި އަދި އެމްޕީއެލްގެ އެކިއެކި ޔުނިޓްތަކުން ތެޔޮ ހޯދުމަށް އެޑްވާންސްކޮށް ފޮނުވާ ފޯމުތަކުގެ ތެރެއިން ބައެއް މިޚިޔާނާތް ހިންގުމަށް ބޭނުންކޮށްފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އެމްޕީއެލްއިން މާލޭގެ ކޮމާޝަލް ހާބަރުގައި ހިންގާ އޮޕަރޭޝަންތަކުގެ މިންވަރަކަށް ބަލާއިރު 2020 ވަނަ އަހަރަކީ ކޯވިޑްގެ ސަބަބުން ރާއްޖެއަށް ގެނައި މުދަލާއި ބަނދަރުގެ އޮޕަރޭޝަންތައް 2021 ވަނަ އަހަރު ރާއްޖެއަށް ގެނައި މުދަލާއި ބަނދަރުގެ އޮޕަރޭޝަންތަކަށްވުރެ ކުޑަ އަހަރަކަށްވީނަމަވެސް، 2020 ވަނަ އަހަރު ގަނެފައިވާ ޑީސެލްގެ އަދަދު 2021 ވަނަ އަހަރު ގަނެފައިވާ ޑީސެލްގެ އަދަދަށްވުރެ، %59 އިތުރުކަން ވެސް ވަނީ ފާހަގަކޮށްފައެވެ.
އެމްޕިއެލްގެ ތެލުގެ ވަގު ފިޔަފާރީގެ އަގު މީގެ ކުރިން އެނގިފައިއޮތީ 8 މިލިއަނަް އަރާކަމަށެވެ. ނަމަވެސް އޮޑިޓް ރިޕޯޓާއެކު އެ އަގު 28 މިލިއަނަށްވުރެ މައްޗަށް އަރާކަން މިވަނީ ހާމަވެފައެވެ.