އާންމު ރައްޔިތުންގެ އަތުން މިހާރު ނަގަމުންދާ ޓެކުހަށް ބަދަލު ގެނެސް, ނަގަމުންދާ އަދަދު އިތުރުކުރުމުން އެމީހުން އިތުރަށް ފަޤީރުވެގެންދާނެ ކަމަށާއި, ނިކަމެތި ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރުމަށް ހުށަހަޅާފައިވާ އިޞްލާޙަށް ތާޢީދު ނުކުރައްވާކަމަށް އެމްއެންޕީގެ ޕީޖީ ލީޑަރ ރިޔާޒު ވިދާޅުވެއްޖެއެވެ.
ރިޔާޒު މިހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ބަހުސް މަރުޙަލާގައި މިހާރު އޮތް "މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު" އަށް އިޞްލާޙު ގެނައުމަށް ހުށަހެޅިފައިވާ ބިލުގެ ބަޙުސްގައި މިއަދު މަޖިލީހުގެ ތަޅުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރިޔާޒު ވިދާޅުވީ އައިއެމްއެފް އިން އެންމެ ފަހުން އާއްމުކުރި ރިޕޯޓުގައިވާ ފަދައިން ސަރުކާރުގެ ހަރަދުތަށް ކުޑަކޮށް ލިބޭ އާމްދަނީ އެންމެ ހެޔޮގޮތުގައި މެނޭޖްކުރަން ޖެހޭނެކަމަށެވެ. އަދި ޓެކުހުގެ އަދަދު ބޮޑުކުރުމަށް ހުށަހަޅާފައިވާ އިސްލާހަށް ތާއީދު ނުކުރައްވާކަން ފާހަގަކުރައްވައި, ސަރުކާރުން ކުރަމުންގެންދާ ބޭކާރު ޚަރަދުތައް ކުޑަކުރުމަށް ސަރުކާރާށް ވަނީ ގޮވާލާފައިއެވެ.
ސަރުކާރުން ކުރާ ކަންތައްތަކީ ދެކޮޅު ހަމަޖެހޭ ކަންތައްތައްކަމުގައި ވާންޖެހޭ. އެތައްބައިވަރު ގޮތްތަކެއް އެބަހުރި. އިގްތިސާދީ ކަންތައްތަކެއް ހިންގައިގެން ދައުލަތަށް އާމްދަނީ އިތުރުކުރެވޭނެ ކަންތައްތަކެއް އެބަހުރިކަން އަޅުގަނޑަށް ފާހަގަކުރެވޭ.
– ރިޔާޒު ވިދާޅުވިއެވެ.
އެމްއެންޕީއިން ވަކާލާތުކުރަނީ ފަގީރުންނާއި މުއްސަދިންނާއި ދެމެދުވާ ފަރަގު ކުޑަކުރުމަށްކަން ފާހަގަކުރައްވައި, ރިޔާޒު ވިދާޅުވީ މުއްސަދިންގެ އަތުން މިހާރު ނަގަމުންދާ އިންކަމް ޓެކްސް އިތުރުކުރުމަށް ތާޢިދުކުރައްވާކަމަށެވެ. އަދި މި ފަރަގު ކުޑަކުރެވޭނީ ތަނަވަސް މީހުން އަތަން ނަގަމުންދާ ޓެކްސް އިތުރުކުރެވިގެން ކަމަށެވެ.
ރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަކުންވެސް މަދުވެގެން އަހަރެއްގެ ދުވަސް ކަންކަން ޕްލޭން ކުރަން ބޭނުންވާކަމަށާއި, އިންވެސްޓަރ ކޮންފިޑެންސް ގެއްލޭގޮތަށް ކުއްލި ކުއްލިއަށް ޓެކްސްއަށް ބަދަލު އަންނަގޮތަށް ސަރުކާރުގެ ސިޔާސަތު ބައްޓަންވެގެންދާނެކަމަށް ޤަބޫލުނުކެރެވޭކަމަށް ރިޔާޒު ވިދާޅުވިއެވެ. އަދި ސަރުކާރު ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް ކުރެވޭނެ ކަންކަމުގެ ތެރޭގައި ރަށްރަށުގައި ހިއްކާފައިވާ ބިންތައް ވިއްކައިގެން އެ ބިންތަކުގައި ވިޔަފާރިއާއި އިޤްތިސާދީ އެހެނިހެން ކަންކަން ކުރިއެރުމުގެ ފުރުސަތު ދީގެން ދައުލަތައް ފައިސާ ހޯދޭނެކަމަށްވެސް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ