ޔޫއޭއީގެ އެންމެ އަގުހެޔޮ އެއާލައިން، ވިޒް އެއާގެ ދަތުރުތައް ރާއްޖެ އަށް ފަށައިފިއެވެ.
އެ އެއާލައިންގެ ފުރަތަމަ ފްލައިޓް މިއަދު ހަވީރު 4:50 ހާއިރު ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ޖައްސައިފައެވެ. އެ ފްލައިޓްގައި ވިޒްއެއާގެ ބައެއް އިސްވެރިން ވަނީ ރާއްޖެ އަށް ވަޑައިގެންފައެވެ. އެ ބޭފުޅުންނާއި، އެ ފްލައިޓުގައި ރާއްޖެ އައި ފަސިންޖަރުންނަށް ވީއައިއޭއިން ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ.
މި ކަން ރަސްމީކޮށް އިފުތިތާހްކޮށްދެއްވުމަށް ފަހު މިނިސްޓަރު މައުސޫމް ވިދާޅުވީ ވިޒް އެއާލައިނަކީ އަގުހެޔޮ ދަތުރުތަކެއް ކޮށްދޭ ފްލައިޓަކަށް ވެފައި، އެ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފެށުމަކީ އާ މާރުކޭޓްތަކަށް ރާއްޖޭގެ ފަތުރުވެރިކަން ހުޅުވިގެން ދިޔުން ކަމަށެވެ.
މިނިސްޓަރު ވިދާޅުވިގޮތުގައި، ވިޒް އެއާގެ ދަތުރުތަކާ އެކު، އެއާލައިންތައް އަގުބޮޑުވުމުން ރާއްޖެ އަށް އޮންނަ ޑިމާންޑަށް ދިމާވެފައިވާ ގޮންޖެހުންތައް ކުޑަކުރެވޭނެއެވެ.
އެ އެއާލައިނުން ރާއްޖެއަށް އޮޕަރޭޓުކުރާނީ މުޅިން އާ، އެއާބަސް އޭ321 ނިއޯ މަރުކާގެ ބޯޓެކެވެ. ކޮންމެ ދަތުރެއްގެ އަގަކީ 97 ޑޮލަރު (1،495 ރ.) އެވެ. ހަފުތާއަކު ހަތަރު ފްލައިޓް ރާއްޖެއަށް ދަތުރުކުރާ ގޮތަށް ޝެޑިއުލްކޮށްފައިވެ އެވެ. އެއީ ހޮނިހިރު، އާދީއްތަ، އަންގާރަ، އަދި ބުރާސްފަތި ދުވަހު، އެއިން ކޮންމެ ދުވަހަކު އެއް ދަތުރެވެ.
ވިޒްއެއާގެ އަބޫދާބީ މެނޭޖިން ޑިރެކްޓަރު މައިކަލް ބާލުއިސް ވިދާޅުވިގޮތުގައި، ރާއްޖެއަކީ އަބޫދާބީން އިރުމައްޗަށް އެ އެއާލައިން މިހާރު ދަތުރުކުރާ އެންމެ ދުރު މަންޒިލް ކަމަށެވެ. އަދި ކުރިމަގުގައި ރާއްޖެއާ އަބޫދާބީއާ ދެމެދު ދަތުރުތައް އިތުރުކުރަން މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ވިޒް އެއާގެ އިތުރުން އަބޫ ދާބީއާއި ރާއްޖެއާ ދެމެދު މިހާރު ސީދާ ދަތުރުތައް ކުރަނީ އިއްތިހާދު އެއާވޭސް އިން އެކަންޏެވެ. ސީދާ ދަތުރުތައް ނުކުރި ނަމަވެސް އެމިރޭޓްސް އާއި ފްލައިދުބާއީ އިން މާލެއާއި ޔޫއޭއީގެ ދުބާއީއާ ދެމެދު ކޮންމެ ދުވަހަކު ފްލައިޓްތައް އޮޕަރޭޓް ކުރެއެވެ.
ކޮމެންޓު ފޮނުވާ