ޑިޖިޓަލް ޓެކްނޮލޮޖީގެ ވަޞީލަތްތަކުން ދިރިއުޅުމަށް ލިބުނު ލުއިތަކާއެކު، އެއިން ލިބޭ ގެއްލުމާއި ނުރައްކަލަށްވެސް ސަމާލުވާންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މިކެމްޕޭނުގެ ތެރެއިން، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއާއި، ނޭޝަނަލް ސެންޓަރ ފޯރ އިންފޮމޭޝަން ޓެކްނޯލޮޖީ ގުޅިގެން ހިންގާ، "ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެވެއަރނަސް މަންތް 2022″ ޕްރޮގްރާމްތައް އިފްތިތާޙްކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެެވެ. މިރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ.
މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އިންޓަރނެޓާއި ޓެކްނޯލޮޖީގެ ރައްކާތެރިކަމަށް ކުރަންޖެހޭ މަސައްކަތްތަކަކީ، ލަސްނުވެ ކުރަންޖެހިފައިވާ މަސައްކަތެއް ކަމަށެވެ. އަދި، ރަނގަޅަށް ޕްލޭން ކުރެވިގެން ރޭވިގެން އެކަމެއް ކުރަންޖެހޭ ވަގުތުގައި ނުކުރެވިއްޖެ ނަމަ ކުރަންޖެހޭ ޚަރަދާއި ކުރިމަތިލާންޖެހޭ ގެއްލުމާއި، އަދި ކުޑަކުދިންނަށް އިންޓަރނެޓްގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކަކީ ހިތަށް ގެންނަންވެސް ދަތިކަންތައް ތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިތުރަށް ވިދާޅުވިގޮތުގައި، އިންޓަރނެޓާއި، ޓެކްނޯލޮޖީގެ ވަޞީލަތްތަކަކީ އެއާއި ނުލައި މިއަދު އަޅުގަނޑުމެންނަށް ދިރިއުޅެވެން ނެތް އެއްޗެއްކަމަށެވެ. މިގޮތުން، އިންޓަރނެޓާއި ޓެކްނޯލޮޖީގެ ވަޞީލަތްތަކުގެ މުހިއްމުކަން ކޯވިޑް-19ގެ ޙާލަތުގައި އަޅުގަނޑުމެން ތަޖުރިބާކުރި ކަންކަމުން އެނގިގެން ގޮސްފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، އިންޓަރނެޓްގެ ތެރެއިން، އިޖުތިމާޢީ އެކި މަންސަތަކުގައި މީހުންނަށް ކުރިމަތިވާ ނުރައްކާތަކާއި ގެއްލުންތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލިއަޅުއްވާލައްވައި ވާހަކަފުޅުދެއްކެވިއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ވަނީ، އިންޓަރނެޓާއި ޓެކްނޯލޮޖީގެ ވަޞީލަތްތައް ބޭނުން ކުރުމުގައި، ވަކި ޢުމުރުފުރައެއް ނެތްކަން ފާހަގަކުރައްވައި، އިންޓަރނެޓާއި ޓެކްނޯލޮޖީގެ ސަބަބުން ކުޑަކުދިންނަށް ކޮށްފާނެ ނުރަނގަޅު އަސަރުތަކުން ރައްކާތެރި ކުރުމުގެ މުހިއްމުކަންވެސް ފާހަގަކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ގޮތް ބާވަތް ނޭނގޭ ކަންކަމުގެ ތެރެއަށް ކުޑަކުދިން ދޫކޮށްލެވުމަކީ، އެކަމުގެ ސަބަބުން އިޢާދަ ނުކުރެވޭނެ ގެއްލުންތައް ލިބިގެންދާނެ ކަންކަން ކަމަށެވެ.
ސައިބަރ ސޭފް މޯލްޑިވްސް އިނީޝިއޭޓިވްގެ ދަށުން ހިންގޭ މި ޙަރަކާތްތަކަކީ ޤައުމީ ފެންވަރުގައި ހިންގޭ ޙަރަކާތްތަކެކެވެ. މި ޙަރަކާތްތަކުގެ ތެރެއިން، މަޢުލޫމާތު ފޯރުކޮށްދޭ ދާއިރާތަކުގެ ތެރޭގައި، ހިމެނެނީ "އިންޓަރނެޓްގެ ރައްކާތެރިކަން ކުޑަކުދިންނަށް" މި ދާއިރާއާއި، "ފިޝިންގ އަދި އަމިއްލަ ރައްކާތެރިކަން" މި ދާއިރާއާއި، "ރެންސަމް ވެއަރ އާއި މަލްވެއަރ އިން ރައްކާތެރިވުން" މި ދާއިރާ އަދި، "އީ-ކޮމަރސްގެ ރައްކާތެރިކަން" ހިމެނޭހެން ހަތަރު ދާއިރާއެކެވެ.
ސައިބަރ ސޭފް މޯލްޑިވްސް ކެމްޕޭންގެ ފުރަތަމަ ކަމެއްގެ ގޮތުން ކުރިޔަށް ގެންދާނީ، މި އޮކްޓޫބަރު މަހަށް ބަހާލައިގެން ކުރިޔަަށް ގެންދާ ޙަރަކާތްތަކެކެވެ. މިގޮތުން، މި މަހުގެ ތެރޭގައި ޖުމްލަ 28 ޙަރަކާތެއް ހިންގާއިރު، އޭގެ ތެރޭގައި، 7 ޓްރެއިނިންގ ޕްރޮގްރާމަކާއި، 3 ޕެނަލް ޑިސްކަޝަނަކާއި، ހޭލުންތެރި ކުރުވުމުގެ 16 ސެޝަނެއްވެސް ހިމެނެއެވެ.
ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހަކީ، މިހާރު ބައިނަލްއަޤުވާމީ ގޮތުންވެސް އިންޓަރނެޓްގެ ރައްކާތެރިކަމަށް ހޭލުންތެރިކުރުމުގެ މަހުގެ ގޮތުގައި ފާހަގަކުރާ މަހެވެ. އިންޓަރނެޓްގެ ރައްކާތެރިކަމަށް ހޭލުންތެރިކުރުމުގެ މަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަސް އެންމެ ފުރަތަމަ ފާހަގަކުރަން ފަށާފައި ވަނީ 2004 ވަަނަ އަހަރު އެމެރިކާގައެވެ.
ކޮމެންޓު ފޮނުވާ