އަޒުހާންގެ ފޯނު ފެނިއްޖެ، މަރާލާފައިވާކަމަށް ބެލެވޭނެ އެއްވެސް ހެއްކެއް ލިބިފައިނުވޭ: ފުލުހުން

އަޒުހާންގެ ފޯނު ފެނިއްޖެ، މަރާލާފައިވާކަމަށް ބެލެވޭނެ އެއްވެސް ހެއްކެއް ލިބިފައިނުވޭ: ފުލުހުން

މިދިޔަ މަހުގެ 18 ވަނަ ދުވަހުން ފެށިގެން ވީނުވީއެއް ނީގި ގެއްލިގެން ހޯދަމުންދާ މުޙައްމަދު އަޒްހާން ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު އިއްޔެ ހަވީރު ފުލުހުންނަށް ވަނީ ފެނިފައެވެ. ހަށިގަނޑު ފެނުނުއިރު ވަރަށްބޮޑަށް ކުނިވެފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިމައްސަލާގައި މިރޭ ފުލުހުން ވިދާޅުވީ އަޒުހާނުގެ ފޯނުވަނީ ހޯދިފަކަމަށެވެ. ނަމަވެސް އަޒުހާން މަރާލާފައިވާކަމަށް ބެލެވޭނެ އެއްވެސް ހެއްކެތް ނުވަތަ ގަރީނާއެއް މިހާތަނަށް މިމައްސަލައިގެ ތަހުގީގަށް ލިބިފައި ނުވާކަމށް ފުލުހުން ވަނީ ބުނެފައެވެ.

މިމައްސަލާގެ ތަހުގީގް ކުރިއަށް ގެންދިޔަ ގޮތާއި ގުޅޭގޮތުން ފުުލުހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އަޒުހާން ގެއްލިގެން ރިޕޯޓް ކުރުމާއިއެކު މިފަދަ މައްސަލަތަކުގައި ފުލުހުން ޢަމަލުކުރާ އުސޫލުގެ މަތީން މާލެއާއި، ހުޅުމާލޭގައި ގާއިމް ކުރެވިފައިވާ ޕޮލިސް ސްޓޭޝަންތަކަށާއި، އިންޓެލިޖެންސަށް މައުލޫމާތު ހިއްސާކޮށްފައިވާކަމަށެވެ. މީގެ ތެރެއިން އިންޓެލިޖެންސް މެދުވެރިކޮށް ބެލި ބެލުމުން އަޒުހާންއާއި ގުޅޭނެ ފޯނު ނަންބަރުގެ ސިގްނަލް އެންމެ ފަހުން ލިބިފައިވަނީ ހުޅުމާލެ ފޭސްދޭއް ހުންނަ ސެލް ޓަވަރަކަށް ކަން އެނގިފައިވާކަމަށެވެ. އަދި މިދިޔަ މަހުގެ 20 ވަނަ ދުވަހު އަޒުހާންގެ ހަބަރެއް ވެފައި ނުވާތީ އާއިލާގެ އިޒުނައާއިއެކު އިއުލާން ކުރެވުނުކަމަށެވެ.

މިމައްސަލައިގެ ތަހުގީގުގައި އަޒުހާން އެންމެފަހުން ބައްދަލުވިކަމަށް ފާހަގަކުރެވުނު މީހުންނާއި ސުވާލުކޮށް އެމީހުން ފޯރުކޮށްދިން މައުލޫމާތު ފުލުހުންގެ ސީސީޓީވީ ފުޓޭޖްތަކާއި، އަމިއްލަ ފަރާތްތަކުގެ ސީސީޓީވީ ފުޓޭޖްތަކުގެ އެހީގައި ކަށަވަރުކޮށްފައިވާކަމަށެވެ. އަދި އަޒުހާން މާލެ ގޮސްފައިވޭތޯ ބެލުމުގެ ގޮތުން މާލޭގެ ސީސީޓީވީ ފުޓޭޖްތައް ބެލުމުގެ އިތުރުން ފުރައިގެން ދިޔަތޯ ބެލުމަށްވެސް މަސައްކަތް ކޮށްފައިވާނެކަމަށް ފުލުުން ވިދާޅުވިއެވެ.

ފުލުހުން ކުރި މަސައްކަތްތަކުން މިދިޔަ މަހުގެ 18 ވަނަ ދުވަހުގެރޭ ފަތިހުގެ ވަގުތެއްގައި ޓެކްސީއެއްގައި ހުޅުމާލޭ ފޭސް އެކެއްގައި ހުންނަ ގެސްޓް ހައުސްއަކަށް އަޒުހާން ގޮސްފައިވާކަން ތަހުގީގަށް އެގިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި އަޒުހާން ދިޔަ ގެސްޓް ހައުސް އާއި އެސަރަހައްދުގައި ލިބެންހުރި ސީސީޓީވީ ފުޓޭޖްތައް ނަގައި އެނަލައިޒް ކުރުމުގެ އިތުރުން އެސަރައްދުގައި ހަރަކާތްތެރިވާ އަވަށްޓެރި ފުލުހުންގެ އެހީތެރިކަމާއިއެކު ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކޮށްފައިވާކަމަށެވެ.

މިގޮތުން ލިބުނު މައުލޫމާތުގެ މައްޗަށް ބިނާކޮށް މިދިޔަ މަހުގެ 26 ވަނަ ދުވަހު ހުޅުމާލޭ ނިރޮޅު މަގުގައި ހުންނަ ސްކޭޓް ޕާކް ސަރަހައްދުގައި ވޯޓާ ތީމް ޕާކް ހަދަން ދޫކޮށްފައިވާ ސަރަހައްދު ބަލާ ފަސްކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. މިމަސައްކަތުގެ ތެރެއިން މިދިޔަ މަހުގެ 30 ވަނަ ދުވަހު ފުލުހުންނަށް ލިބުނު އިތުރު ސީސީޓީވީ ފުޓޭޖްތަކުގެ އެހީގައި ލިބުނު މައުލޫމާތުތަކާއިއެކު މިދިޔަ މަހުގެ 18 ވަނަ ދުވަހު ސްކޭޓް ޕާކާއި ދިމާ އަތިރި މައްޗަށް އަޒާން ފައިބާ މަންޒަރާއި އެއައަށްފަހު އަތިރިމަތިން އެއްގަމަށް އަރައިގެން އައިސް ސްކޭޓް ޕާކާއި ދިމާއިން ނިރޮޅުމަގަށް ނިކުންނަކަން އެނގިފައިވާކަމަށެވެ.

މިމައުލޫމާތުތަކާއިއެކު އަޒުހާން ދެން ފެންނާނެކަމަށް ބެލެވުނު ތަނާއި އެންމެ ކައިރިން ލިބެންހުރި ސީސީޓީވީ ފުޓޭޖް ނަގައި ބެލިއިރު، އެފުޓޭޖްތަކުން އަޒުހާން ފެނިފައިނުވާތީ، އަނެއްކާވެސް ސްކޭޓް ޕާކް ހިމެނޭ ސަރަހައްދު ބަލައި ފާސްކުރުމަށް ތަހުގީގް ޓީމުން ނިންމާފައިވާކަމަށް ފުލުހުންގެ ބަޔާނުގައި ވިދާޅުވިއެވެ.

އެގޮތުން މިމަހުގެ 2 ވަނަ ދުވަހު އެސަރަހައްދު ބަލައި ފާސްކުރުމަށް ހިންގި އޮޕަރޭޝަންގެ ތެރެއިން، ވޯޓާ ތީމް ޕާކް ހެދުމަށް ދޫކޮށްފައިވާ ސަރަހައްދާއި ދިމާ ދިރޮޅުމަގު ހުޅަނގު ފަރާތު ބަލައި ފާސްކުރިއިރު، އެސަރަހައްދުގެ ވެޔޮތަކުގެ ތެރެއިން އަޒުހާން ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ޑީކޮމްޕޯސް ވެފައި ވަނިކޮށް ފެނިފައިވާކަމަށެވެ.

އަޒާންގެ ހަށިގަނޑު ކަމަށް ބެލެވޭ ހަށިގަނޑު ފެނުނު ހިސާބުން ފެށިގެން ގެއްލިގެން ހޯދާ މީހެއްގެ މައްސަލަތަކުން މަރުގެ މައްސަލައަކަށް ތަހުގީގް ބަދަލުކޮށް، ތަހުގީގް ފަށާފައިވާކަމަށް ފުލުުހުން ވަނީ ބުނެފައެވެ. ހަމަ މިއާއިއެކު ހަށިގަނޑުގެ އިތުރު ތަހުލީލުތައް ހެދުމަށްޓަކައި، ރާއްޖެއިން ބޭރަށް ފިނުވުމަށް ކުރަންޖެހޭ މަސައްކަތް ފުލުހުން މިހާރު ކުރަމުންދާކަމަށް ވަނީ ބުނެފައެވެ.

އަދި އަޒުހާން ގެންގުޅުނު ފޯނު މިހާރު ހޯދިފައިވާއިރު، އަޒުހާން މަރާލާފައިވާކަމަށް ބެލެވޭނެ އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް މިމަސައްލައިގެ ތަހުގީގަށް މިހާތަނަށް ލިބިފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. މިމައްސައްކަތް ކުރަމުންދިޔަ އަޒުހާން ހޯދުމަށް ކުރެވުނު މަސައްކަތް އާއިލާއާއި ދުވަހުން ދުވަހަށް ހިއްސާ ކުރެވުނުކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.