އިޒްރޭލުގެ ގައުމީ ސަލާމަތާ ބެހޭ ވަޒީރު އިޓަމަރް ބެން ގަވިރް މަސްޖިދުލް އަގުސާއަށް ވަދެގަތުމާ ގުޅިގެން އެކަން ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ވިދާޅުވެފައިވަނީ މިއީ އިސްލާމީ މުގައްދަސް ތަންތަނުގެ ހުރުމަތް ކެނޑުމަށް ހިންގާފައިވާ އަމަލެއް ކަމުގައެވެ. އަދި މިއީ އިޒްރޭލުން އިސްލާމީ ތާރީޚީ ތަންތަނުގެ ހައިސިއްޔަތު ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ބައެއްކަމަށްވެސް ފާހަގަކުރައްވާފައިވެއެވެ.
ސަރުކާރުގެ ބަޔާނުގައި އިތުރަށް ފާހަގަކުރައްވާފައިވަނީ މިފަދަ އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނާ ޚިލާފު އަމަލުތަކެއް ކަމަށާއި، އެއީ ހަމައެކަނި ފަލަސްތީނު ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުމެއް ނޫންކަމަށެވެ. އަދި މިއީ ދުނިޔޭގެ ދެ ބިލިއަނަށްވުރެ ގިނަ މުސްލިމުންގެ ހައްގުތަކަށް އަރައިގަތުމެއްކަމަށްވެސް ވިދާޅުވެފައިވެއެވެ.
މި އަނިޔާވެރި އަމަލުތައް ހުއްޓުވުމަށާއި ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންސާނީ ހައްގުތަކަށް އިހުތިރާމްކުރުން ކަށަވަރުކުރުމަށް، ބައިނަލްއަގުވާމީ މުޖުތަމައުން އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ދިވެހިރާއްޖެއިން ގޮވާލައްވާފައިވެއެވެ. އަދި ފަލަސްތީނު މައްސަލައިގެ ދާއިމީ ހައްލަކީ 1967 ވަނަ އަހަރުގެ ކުރިން އޮތް އިންތަކުގެ މަތީގައި، އިރުމަތީ ގުދުސް ވެރިރަށްކަމުގައި ހިމެނޭ، ސިޔާދަތީ މިނިވަންކަން ފުރިހަމައަށް ލިބިގެންވާ ފަލަސްތީނު ދައުލަތެއް ގާއިމުކުރުންކަމުގައި ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.