ދިރާގުން އެކުންފުނީގެ 2025 ވަނަ އަހަރުގެ "މިނިވަންކަން މަތީ އަބަދަށް" ކަލަންޑަރު ގައުމީ އެއްބައިވަންތަކަމުގެ ދުވަހު ލޯންޗުކޮށްފިއެވެ. މި ކަލަންޑަރު ލޯންޗުކޮށްދެއްވީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ދިރާގާއެކު ބޭއްވުނު ބައްދަލުވުމެއްގައި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު މައުރޫފް ޖަމީލާއި ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަން އަހުމަދު ނާސިފެވެ.
ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި އެކުލަވާލެވުނު މި ކަލަންޑަރުގައި ކޮންމެ މަހެއްގައި ދިވެހި ސަގާފަތާއި އާދަކާދަތަކާ ގުޅުވައި، ގައުމިއްޔަތު ރަމްޒުކޮށްދޭ ނިޝާންތަކެއް ހިމަނާފައިވެއެވެ. އަދި މި ނިޝާންތަކާ ގުޅޭ އިތުރު މަޢުލޫމާތު ހިމެނޭ ވީޑިއޯއެއް ކޮންމެ މަހަކު ނެރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިއީ ދިވެހި ތާރީޚާއި ތަރިކަ އުނގެނުމަށް ލިބޭނެ މުހިންމު ވަސީލަތެކެވެ.
ދިރާގުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ރަޝީދު ވިދާޅުވި ގޮތުގައި މި ކަލަންޑަރުން ދިވެހިންގެ މިނިވަންކަމާއި މުއްސަނދި ތާރީޚު ރަމްޒުކޮށްދޭ އަދި ދިވެހީންގެ ސަގާފަތާއި ހަރުދަނާކަމާއި އެއްބައިވަންތަކަން ދައްކުވައިދެއެވެ.
މި ބައްދަލުވުމުގައި، 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއަށް 20 އަހަރު ފުރުމާ ގުޅިގެން، އޭރު ދިރާގުގެ ބޯޑު ޗެއަރމަންކަން ކުރެއްވި މައުރޫފް ޖަމީލްގެ ދައުރު ފާހަގަކުރެއްވިއެވެ. އަދި ސުނާމީ ކާރިސާއަށްފަހު މުވާސަލާތީ ވިއުގަ އަލުން ގާއިމުކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދިރާގުން އަދާކުރި މުހިންމު ދައުރުވެސް ފާހަގަކުރެއްވިއެވެ.
ދިރާގަކީ ޑިޖިޓަލް މުޖުތަމައުތައް ބާރުވެރިކުރުވައި، ރާއްޖޭގައި ދިރިއުޅޭ މީހުންގެ ދިރިއުޅުން މުއްސަނދިކުރުމަށް އަބަދުވެސް މަސައްކަތްކުރަމުންދާ ކުންފުންޏެކެވެ.