ފާއިތުވެދިޔަ ސެޕްޓެމްބަރުމަހުގެ 2 ވަނަ ދުވަހު އައްޑޫ ސިޓީގައި އައްޑޫ ބަހުރުވައިން ޚުޡުބާ ކިޔުއްވި ސ. މީދޫގެ ޚަތީބު، މުހައްމަދު ރަޝީދުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ވަގުތީގޮތުން ހިފަހައްޓައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ވަގުތީގޮތުން ހިފަހައްޓާފައިވަނީ ޚަތީބުގެ ހުކުރު ނަމާދާއި އީދު ނަމާދާއި އަދި ކޭތަނަމާދުކުރުމުގެ ހުއްދައެވެ.
އައްޑޫ ސިޓީ ކައުންސިލުން މުހައްމަދު ރަޝީދަށް ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ ފާއިތުވެދިޔަ ސެޕްޓެމްބަރުމަހުގެ 2 ވަނަ ދުވަހު މީދޫގެ މަސްޖިދު އިބްރާހިމް މަޖުދުއްދީނުގައި އޭނާ އިމާމުވެ ހުކުރު ނަމާދު ކުރައްވާފައިވަނީ އިމާމުވެ، ހުކުރު ނަމާދާއި އީދު ނަމާދާއި އަދި ކޭތަނަމާދުކުރުމުގެ ހުއްދަ ދޭ އުސޫލާއި ޚިލާފަށްކަމަށް އެ ކައުންސިލަށް އިސްލާމިކް މިނިސްޓްރީން އަންގާފައިވާ ކަމުގައެވެ.
އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ސޮއި ކުރައްވާ މުހައްމަދު ރަޝީދަށް ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ، އޭނާ އައްޑޫ ބަހުން ޚުޡުބާ ކިޔުއްވާފައިވަނީ އުސޫލާއި ޚިލާފަށްކަމަށް ވާތީ އޭނޭގެ ހުކުރު ނަމާދާއި އީދު ނަމާދާއި އަދި ކޭތަނަމާދު ކުރުމުގެ ހުއްތު ވަގުތީގޮތުން ހިފެއްޓުމަށް އިސްލާމިކް މިނިސްޓްރީން އެކައުންސިލަށް އަންގާފައި ވާކަމުގައެވެ.
މި ސިޓީގައި ބަޔާން ކޮށްފައި ވާގޮތުން، އިސްލާމިކް މިނިސްޓްރީން އޭނާއަށް ނަސޭހަތްތެރި ވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދެން އޭނާ އެފަދަ އަމަލެއް ތަކުރާރު ކޮށްފިނަމަ، އޭނާގެ ހުކުރު ނަމާދާއި އީދު ނަމާދާއި އަދި ކޭތަނަމާދު ކުރުމުގެ ހުއްދަ ބާތިލް ކުރާނޭކަމުގެ އިންޒާރުވެސް މިސިޓީގައި އޭނާއަށް ދީފައި ވެއެވެ.
މީދޫގެ ޚަތީބެެއް ކަމަށްވާ މުހައްމަދު ރަޝީދު ސަސްޕެންޑްކުރީ މިދިޔަ މަހުގެ 2 ވީ ހުކުރު ދުވަހު މީދޫ މަސްޖިދުލް މަޖުދުއްދީނުގައި ހުކުރު ޚުތުބާ ކީއިރު، އިސްލާމިކް މިނިސްޓްރީން ފޮނުވި ހުތުބާ އައްޑޫ ބަހުރުވަ އަށް ބަދަލުކޮށްގެން ކިޔުމުންނެވެ.
އިސްލާމިކް މިނިސްޓްރީން މިކަމާއި ގުޅިގެން މީގެކުރިން ވިދާޅުވެފައިވަނީ ހުތުބާ ކިޔުމުގެ އުސޫލުގައި އޮންނަނީ، ހުތުބާ ކިޔަން ވާނީ މިނިސްޓްރީން ދޭ ހުތުބާ އަށް އެއްވެސް ބަދަލެއް ނުގެނެސް ކަމަށް ކަމަށެވެ. އެހެންކަމުން އެ އުސޫލާ ހިލާފުވި ޚަތީބަކު އޭރުއްސުރެ ހުރީ ސަސްޕެންޑް ކޮށްފައެވެ.
އެނގިފައިވާ ގޮތުގައި އެ ޚަތީބު ހުކުރު ހުތުބާ ކިޔާފައި ވަނީ ގުރުއާނާއި ހަދީސްތަކާއި އަދި އޭގެ މާނަ އަށް ބަދަލެއް ނުގެނެސް، ހުތުބާގައި ދެން ހުރި ބައިތައް އައްޑޫ ބަހުރުވަ އަށް ބަދަލުކޮށްގެންނެވެ. އެ މައްސަލައާއި ގުޅިގެން އޭނާ ހުކުރު ކުރުމުން ސަސްޕެންޑް ކޮށްފައި ހުރިއިރު، އައްޑޫގައި އޮންނަ ހުތުބާ ކޮމެޓީން ވެސް ވަނީ އޭނާގެ ބަޔާނެއް ނެގުމަށް މަސައްކަތް ކޮށްފައެވެ.
ކޮމެންޓު ފޮނުވާ