މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ ޢަލީ ޞާލިޙަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައިގެ ތަހުގީގް ނިންމާ ޕީޖީ އޮފީހަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.
އަލީ ޞާލިހަށް ހަމަލާ ދީފައިވަނީ އޯގަސްޓްމަހުގެ 22 ވަނަ ދުވަހުގެ މެންދުގެ ވަގުތެއްގައެވެ. އޭނާއަށް ހަމަލާ ދީފައިވަނީ މީގެ ކުރިން ސަލްމާން މިސްކަތުގެ މިމްބަރަށް އަރައި އަޑުގަދަ ކުރި މީހާއެވެ. އޭނާ އިއްޔެ އަލީ ޞާލިހަށް ހަމަލާ ދިނުމުގެ ކުރިން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި މީހުންނަށް ބިރުދައްކާފައިވެއެވެ.
އަލީ ޞާލހަށް ހަމަލާ ދިން މައްސަލާގައި މީހަކުހައްޔަރުކޮށްފައިވާއިރު، އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން މުއްދަތު ޖަހާދީފައިވެއެވެ. ފުލުހުން ބުނީ އަލީ ޞާލިޙަށް ހަމަލާދިން މައްސަލަ ތަހުގީގްކޮށް ޕީޖީ އޮފީހަށް މިހާރު ފޮނުވުމަށް މަސައްކަތްކުރަމުން އަންނަކަމަށެވެ.
ހަމަލާއާއި ގުޅޭގޮތުން އަލީ ޞާލިހް ވިދާޅުވީ މިހަމަލާދީފައިވަނީ ހުޅުމާލެ މަގުމަތިން ސައިކަލްގައި ދަނިކޮށް ސައިކަލް ކުރިމައްޗަށް އަރާ ހުއްޓުވުމަށްފަހުގައި ކަމަށެވެ. ހަމަލާދިން މީހާވަނީ އަލީ ޞާލިހަކީ ސަރުކާރަށް ނިސްބަތްވާ ސިޔާސީ މީހެއް ކަމަށާއި ދީނީ މީހުން ހައްޔަރުކޮށްގެން ތިހެން ނުތިބެވޭނެ ކަމަށް ބުނެ ޖީބުން ކަޓަރެއް ނެގުމަށްފަހު އަލީ ޞާލިހް ހަމަލާދީފައި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދެވަނަ ފަހަރަށްވެސް ހަމަލާދިނުމަށް އޭނާ މަސައްކަތް ކުރުމުން ސައިކަލް ދޫކޮށްލުމަށްފަހު މަގުމަތިން ދިޔަ ޕިކަޕެއްގެ އެހީގައި އަލީ ޞާލިހް ހޮސްޕިޓަލަށް ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.
މިހަމަލާގައި އަލީ ޞާލިހްގެ އަތުން 4 އިންޗިހާ ފުންމިނުގައި ތަނެއް ކަނޑައިގެން ގޮސްފައިވާ ކަމަށާއި މިޒަޚަމަށް ހުޅުމާލެ ހޮސްޕިޓަލުން ފަރުވާ ހޯއްދަވާފައިވެއެވެ.
ކޮމެންޓު ފޮނުވާ