އަނބިމީހާއަކީ ތިމާއާއި ޙަވާލުވެފައިވާ ވަރަށްވެސް ބޮޑު އަމާނާތެއް!

އަނބިމީހާއަކީ ތިމާއާއި ޙަވާލުވެފައިވާ ވަރަށްވެސް ބޮޑު އަމާނާތެއް!

އަނބިމީހާއަކީ ތިމާއާއި ޙަވާލުވެފައިވާ ވަރަށްވެސް ބޮޑު އަމާނާތެއްކަން ހަނދާނުގައި ބަހައްޓާށެވެ. އޭނާގެ ބައްޕަގެ ބެލުމުގެ ދަށުން ތިމާގެ ބެލުމުގެ ދަށަށް ގެނައީ ހެޔޮކޮށް ހިތުމަށް ވަޢުދުވެފައިކަން ދަންނާށެވެ. އެހެންކަމުން އިޙްސާންތެރިކަމާއި އޯގާތެރިކަމާއެކު ކަންތައް ކޮށްދޭށެވެ. އަދި އަނބިމީހާ އަށް ދޭންޖެހޭ އެންމެހައި ޙައްގުތައް އެންމެ ފުރިހަމަގޮތުގައި ދެވޭތޯ ބަލާށެވެ.

ދީނީގޮތުން އަނބިމީހާއަށް ބުނެދޭންހުރި ކަންތައްތައް ބުނެދޭށެވެ. ރަސޫލު ﷲ ޞައްލަ ﷲ އަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (خيركم خيركم لأهله، وأنا خيركم لأهلي) މާނައަކީ: ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮކަންބޮޑު މީހަކީ އެމީހެއްގެ އަހުލުވެރިންނަށް (އަނބިންނަށް) އެންމެ ހެޔޮ މީހާ އެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނީ ތިމަންކަލޭގެފާނުގެ އަހްލުންނަށް (އަނބިންނަށް) އެންމެ ހެޔޮމީހާއެވެ."

ދެމަފިރިންގެ މެދުގައި މައްސަލަ ޖެހުމުން ކަންތައް ކުރާނެގޮތް:

ފިރިމީހާ އަނބިމީހާގެ މައްޗަށް ލާޒިމްވެގެންވާ ޙައްގުތަކެއްވާފަދައިން އަނބިމީހާ ފިރިމީހާގެ މައްޗަށް ލާޒިމްވާ ޙައްގުތަކެއްވެސް ވެއެވެ. އެގޮތުން އެންމެ މުހިންމުކަމަކީ މާތް ﷲ އަށް އުރެދުމެއްނުވާ ކޮންމެ އަމުރަކަށް ފިރިމީހާއަށް ކިޔަމަންތެރިކަން އަދާ ކުރުމެވެ. އަދި ފިރިމީހާ އަނބިފިރިކަމުގެ ގުޅުން ހިންގަން އެދިއްޖެ ޙާލަތެއްގައި އެކަމަށް ފުރަގަސްދީގެން ނުވާނެއެވެ.

އަދި ފިރިމީހާގެ އިޒުނައަކާއި ނުލައި އެއްވެސްމީހަކު އޭނާގެ ގެއަށް ނުވެއްދުމެވެ. އަދި ފިރިމީހާގެ އިޒުނައަކާ ނުލައި ގެއިންބޭރަށް ނުނިކުތުމެވެ. އަދި ފިރިމީހާއަށްޓަކައި ޒީނަތްތެރިވެ އެހެންމީހަކަށް އެޒީނަތް ނުދެއްކުން ހިމެނެއެވެ.

އިސްވެބަޔާން ކުރެވުނު ޙައްގުތައް އަދާކުރުމުގައި އަނބިމީހާ ފަސްޖެހިއްޖެނަމަ އޭނާއަށް ހެޔޮގޮތުގައި މަޑުމައިތިރިކަމާއި އޯގާތެރިކަމާއެކު ނަޞޭޙަތް ދޭންވާނެއެވެ. އަދި އޭނާ ކިޔަމަންތެރި ނުވެއްޖެނަމަ މާތް ﷲ ރުހިވޮޑިގެންނުވާ ކަންތައްތަކަކަށް އަރައިގަނެވެނީކަން ހަނދާން ކޮށްދޭންވާނެއެވެ. އަދި ނުކިޔަމަންތެރިކަންމަތީ ދެމި ހުރެއްޖެނަމަ ދެން ކަންތައްވެގެން ހިނގައިދާނެ ގޮތްތައް ކިޔައިދީ ހަނދާން ކޮށްދޭންވާނެއެވެ.

އެކަންތަކުގެ ތެރޭގައި ފިރިމީހާ އޭނާއަށް ކުރާ ޚަރަދު ހުއްޓަލަން ޖެހިދާނެކަންވެސް ބުނެދޭންވާނެއެވެ. ނަޞޭޙަތްދީގެން ރަގަޅު ނުވެއްޖެނަމަ ތަންމަތިންވަކި ކުރާނީއެވެ. އެގޮތުންވެސް ރަގަޅު ނުވެއްޖެނަމަ އަނިޔާ ނުވާނޭހެން އަދަބު ދިނުންވެސް ހުއްދަވެގެންވެއެވެ. މިގޮތުންވެސް ޙައްލަކަށް ނާދެވިއްޖެނަމަ ފިރިމީހާގެ ފަރާތުން މީހަކާއި، އަނބިމީހާގެ ފަރާތުން މީހަކު އައިސް ދެފަރާތުގެ ވާހަކަތައް އަޑުއަހާ ޙައްލެއް ހޯދޭތޯ މަސައްކަތް ކުރާނީއެވެ.

މިގޮތުންވެސް ކާމިޔާބު ނުވެއްޖެނަމަ ވަރިއާއިހަމަ އަށް ދާނީ އެވެ.

والله أعلم

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.