ދީނީ އިލްމު އުނގެނުމަކީ ކޮންމެ މުސްލިމަކަށްވެސް ވާޖިބުވެގެންވާ ކަމެއް ކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
"ޢިލްމު އުނގެނުމުގެ މާތްކަން" މި މައުޟޫއަށް ޚާއްސަކުރެވުނު މިއަދު ހުކުރު ޚުޠުބާގައި ވިދާޅުވީ މާތްﷲއާއި މާތް ނަބިއްޔާ އިލްމު އުގެނުމަށް އެހައިބޮޑަށް ބާރު އަޅުއްވާފައިވާ ސަބަބަކީވެސް އެއީ ކަމުގައެވެ. އެގޮތުން އެކަމަށް އެދި ދުއާ ކުރުމަށްވެސް ކިރިތި ގުރުއާންގައި އަންގަވާފައިވާކަމަށްވެސް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.
މުސްލިމް އަޙުންނޭވެ! މާތް ނަބިއްޔާގެ އިރުޝާދުތަކަށް ތަބާވެ، ދީނުގެ އިލްމު ލިބިގަތުމަށް ގަދައަޅައި މަސައްކަތް ކުރާށެވެ. އެކަމުގެ މާތް ދަރަޖައާއި ހެޔޮކަން ލިބިގަންނާށެވެ. އެއިން ދުނިޔެއާއި އާޚިރަތުގެ މަގު އާރާސްތު ކުރާށެވެ. އަމިއްލަ ނަފްސާއި، އަނބިދަރިންނާއި، އަވަށްޓެރިންނާއި، މުޅި އިންސާނީ މުޖުތަމަޢަށް އަމާކަމާއި ރައްކާތެރިކަމާއި ކާމިޔާބީ ހޯދާ ދޭށެވެ.
މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައްވާފައި ވެއެވެ.
ޚުޠުބާގައި އިތުރަށް ވިދާޅުވެފައިވަނީ ނަބީ ބޭކަލުން މީސްތަކުންނަށް ވާރުތަ ކުރެއްވީ ޢިލްމު ކަމުގައެވެ. އަދި ނަބީ ބޭކަލުންގެ ވާރިސުންނަކީ އިލްމުވެރިންކަންވެސް މިއަދުގެ ޚުޠުބާގައި ބަޔާން ކުރައްވާފައި ވެއެވެ. އަދި ޚުޠުބާގައި ވިދާޅުވީ މާތްﷲ އަށް އެންމެ ބޮޑަށް ބިރުވެތިވެ، ތަގުވާވެރިވާ މީހުންނަކީ އިލްމު އުގެނިގެން އެ އިލްމާ އެއްގޮތަށް އަމަލުކުރާ މީހުން ކަމުގައެވެ.
ތަގުވާވެރީންނަކީ އެންމެ މާތް މީހުންކަމުގައި އަންގަވާ މާތްﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ. "ހަމަ ކަށަވަރުން، ﷲގެ ހަޒުރަތުގައި ތިޔަބައިމީހުންކުރެ އެންމެ މާތްކަން ބޮޑީ ތިޔަބައިމީހުންކުރެ އެންމެ ތަގުވާވެރި މީހާއެވެ. ހަމަކަށަވަރު، ﷲއީ މޮޅަށް ދެނެވޮޑިގެންވާ ޚަބީރުވަންތަ ރަސްކަނލާގެއެވެ.
މިއަދުގެ ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.