ރާއްޖެއަށް ހަތް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރިކުރި ކަމުގެ ތުހުމަތުގައި 10 މީހުން ހައްޔަރުކޮށް، ބޭރުގެ ބޯޓެއް ފުލުހުން ވަނީ ހިފަހައްޓާފައެވެ. ތަޙްޤީޤުން އެނގިފައިވާ ގޮތުގައި މިއީ ގިނަ ބަޔަކު ބައިވެރިވެގެން ހިންގާފައިވާ ކުށެއްކަން ފާހަގަކުރެވިފައިވެއެވެ.
މިދިޔަ މާރިޗު މަހު ހައްޔަރުކުރެވުނު މި 10 މީހުންގެ ތެރެއިން ފަސް މީހެއްގެ ބަންދު މުއްދަތު މިއަދު އިތުރުކޮށްފައިވާކަން ބަންދު އަމުރު ރިޕޯޓުން ވަނީ ހާމަވެފައެވެ. މި މައްސަލައިގައި ހައްޔަރުކުރެވިފައިވާ މީހުންގެ ތެރޭގައި ހިމެނެނީ އިންޑިއާ އަދި އިންޑޮނީޝިއާގެ ރައްޔިތުންނެވެ.
ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި މި މީހުން ހައްޔަރުކުރެވިފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މިދިޔަ މާރިޗު މަހުގެ 21 ވަނަ ދުވަހުގެ ދަންވަރު ހިންގުނު ޖޮއިންޓް އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަންގައި މާލެ ސަރަޙައްދުން ބޯޓެއް ބަލައި ފާސްކުރުމަށްފަހު މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ ހަތް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު މި މީހުން ވަނީ ހައްޔަރުކުރެވިފައެވެ. މި އޮޕަރޭޝަންގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އަދި މޯލްޑިވްސް ކަސްޓަމްސް ސަރވިސްވެސް ބައިވެރިވެފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރެވިފައިވާ މީހުންގެ ތެރޭގައި ނަސްވާން އާދިލް (30)، އެޑްރިއަންސަޔާ (25)، މުޙައްމަދު އިޤްބާލް މަކްރޫމް (30)، ޕްރަބާކަރަން ނަގަރާޖަން (35)، ރޯމަންސް ސަންތިޔާ ފެނާންޑޯ (58)، ގަނޭޝް ބޮމްމާލީ (22)، ޑަތުކިލޭ ދަރްޝަން ވިޖޭ (22)، ޕީޓާ ވިނީ (28)، ސަރަން ޕަދްމަން (28) އަދި ގޯސިކް ރާޖް ޖޭމްސް ނޮކްސް (30) ހިމެނެއެވެ.
މި ހުރިހާ މީހުންވެސް މިވަގުތު ތިބީ ބަންދުގައެވެ. ނަމަވެސް އޭގެ ތެރެއިން ބައެއް މީހުން ވަނީ ބޯޓުގައި މަސްތުވާތަކެތި ހުރިކަން ނޭނގޭ ކަމަށް ބަންދު މަޖިލީހުގައި ކުރިން ބުނެފައެވެ.