ބަނޑުބޮޑުވިތާ ކުރީކޮޅުގައި ބަރުދަން ލުއިވި ކަމަށާއި އެކަމުގެ ސަބަބުން ކަސްރަތު ނުކޮށް އެނދުގައި އަރާމުކުރަން އޮންނަ ޖެހުމުން ވަރަށް ފޫހިވިކަމަށް އެކްޓްރެސް ބިޕާޝާ ބާސޫ ބުނެފިއެވެ.
މީގެ ދެމަހެއްހާ ދުވަސް ކުރިން ބަނޑުބޮޑުކަން އިއުލާން ކުރި ބަތަލާ މާބަނޑު ދުވަސްވަރުގައި ދިމާވަމުން އަންނަ ކަންކަމާއި ގުޅޭގޮތުން ބޮލީވުޑްގެ ޚަބަރުތަށް ގެނެސްދޭ ނޫހެއް ކަމަށްވާ "ޕިންކް ވިލާ" ގައި ވާހަކަ ދައްކަމުން އޭނާ ބުނީ ބަނޑުބޮޑުވިތާ ކުރީކޮޅުގައި ވަރަށް ބަލިވި ކަމަށެވެ.
އަދި ވަރަށް އުނދަގޫތަކާއި ކުރިމަތިވި ކަމަށްވެސް ބުނެފައި ވެއެވެ. އަދި އެއްވެސް އެއްޗެއް ނުކެވި އަބަދު އެނދުގައި އަރާމު ކުރަން އޮންނަން ޖެހެނީ ކަމަށާއި އެގޮތަށް ކަސްރަތެއް ނުކުރެވި އޮންނަން ޖެހުމުން ވަރަށް އުނދަގޫވެ ފޫހިވި ކަމަށް އޭނާ ވަނީ ބުނެފައެވެ.
މިއީ ކަރަން އަދި ބިޕާޝާގެ ވެސް އަލަތު ދަރިފުޅެވެ. އެހެން ކަމުން ދަރިފުޅު ދުނިޔެއަށް އަންނަން ވާއިރަށް ވަރަށް ގިނަ ކަންކަން ކުރަމުން އަންނަ ކަމަށްވެސް އޭނާ ބުންޏެވެ. މިހާރުއްސުރެ ބޭބީއަށް ބޭނުންވާ ސާމާނު ހޯދަމުން ދާކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
ބިޕާޝާ އާއި ކަރަން ކައިވެނި ކުރީ 2016 ވަނަ އަހަރުއެވެ. އެމީހުން ބައްދަލުވީ ދެމީހުން އެކުގައި ކުޅުން ރޮމޭންޓިކް ބިރުވެރި ފިލްމު "އެލޯން" ގެ ސެޓުންނެވެ.