ހަށިގަނޑު ފޫއަޅުވާލައި، ދަގަނޑެއް ވަން ބިދޭސީ މަސައްކަތު މީހާގެ ފަރުވާގައި އުޅުއްވި އޭޑީކޭ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ބޮޑު ޓީމުން ވިދާޅުވީ އެ ބަލި މީހާގެ ނަސީބު ވަރަށް ރަނގަޅު ކަމަށެވެ.
އެފަދަ ނުރައްކާތެރި ހާދިސާއެއްގައި، ފުރާނަ އަށް ނުރައްކާވެދާނެ އެއްވެސް ގުނަވަނަކަށް އަނިޔާއެއް ނުލިބި، އޭނާ ސަލާމަތްވުމަކީ "އާދަޔާ ހިލާފު" ބޮޑު ނަސީބެކެވެ. އަނެއް ގޮތަކުން އެއީ ވަރަށް ބޮޑު އަޖައިބެއް ވެސް މެއެވެ.
މިމަހުގެ 17 ވަނަ ދުވަހު ކޮންސްޓްރަކްޝަން ސައިޓެއްގައި ދަގަނޑެއް ހެރުނު ހާދިސާގައި ޒަހަމްވި މީހާގެ ފުރާނަ ސަލާމަތްކުރަން ކުރި ކާމިޔާބު އޮޕަރޭޝަނާއި ގުޅޭ މައުލޫމާތު ނޫސްވެރިންނާއި ހިއްސާކުރައްވަމުން އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑައިރެކްޓާރ އަހުމަދު އައްފާލް ވިދާޅުވީ ޒަހަމްވި މަސައްކަތްތެރިޔާގެ ފުރާނަ ސަލާމަތް ކުރެވުނީ ގިނަ ބަޔަކު ކުރި މަސައްކަތުން، މާތް ރަސްކަލާންގެ ވާގިފުޅާއެކުކަމަށެވެ. އަފްއާލް ވިދާޅުވީ އޭނާގެ ފުރާނަ ސަލާމަތްކުރަން 9 ގަޑިއިރު ވަންދެން ސާޖަރީތައް ހަދަމުންދިޔަކަމަށެވެ. އަދި މިހާރު އޭނާ ހޮސްޕިޓަލުގައި އޮންނަތާ 11 ދުވަސްވެފައިވާއިރު ހިނގާބިނގާވެ އުޅޭކަމަށް އަފްއާލް ވިދާޅުވިއެވެ.
Media briefing on the case of 34-year-old, male, polytrauma victim of 17th September 2022.
Click the link below to learn more:https://t.co/Pj0SdW3XAO#ADK35 pic.twitter.com/BucmszdsTG— ADK Hospital (@ADKHospital) September 28, 2022
އަފްއާލް ވިދާޅުވީ ކޮންމެ ފަހަރަކު މިގޮތަށް މީހެއްގެ ފުރާނަ ސަލާމަތް ނުކުރެވިދާނެކަމަށާއި، އެހެންކަމުން މިފަދަ ކަންކަން ދިމާނުވާނޭ ގޮތަށް ހުރިހާ ފަރާތްތަކުންވެސް މަސައްކަތްކުރަންޖެހޭކަމަށެވެ. އަދި ރާއްޖޭގައި ރަނގަޅު ސަލާމަތީ މިންގަނޑުތަކާއި އުސޫލުތައްއެކުލަވާލާފައި އޮތް ނަމަވެސް އެއަށް އަމަލު ނުކުރެވޭކަމަށާއި ކޮންސްޓްރަކްޝަން ފަދަ މަސައްކަތް ކުރާ ތަންތަނުގައި ވަރުގަދަ އުސޫލުތަކެއް ތަންފީޒުކުރަންޖެހޭކަމަށް އައްފާލު ވިދާޅުވިއެވެ.
ވަރަށް ތަފްސީލު ސޭފްޓީ ސްޓޭންޑާޑްސްތަކެއް ގާއިމްކޮށް އެކަން ކުރުމަށް ހުރިހާ ކޮންސްްޓްރަކްޝަން ކުންފުނިތަކަށާއި އެފަދަ މަސައްކަތް ކުރާ ފަރާތްތަކަށް އަންގާފައިވާތާ މިހާރު 8 ވަރަކަށް އަހަރުވެއްޖެ. ދިވެހިރާއްޖޭގައި މަސައްކަތްތައް ކުރާ ތަންތަނުގެ ސަލާމަތީ ކަންކަން ވަރަށް ބޮޑަށް ވަރުގަދަކޮށް، އެ ވާހަކަ އެބަ ދައްކަންޖެހޭ.
– އައްފާލް ވިދާޅުވިއެވެ.
ފަރުވާދިނުމަށް އޭނާ އޭޑީކޭގެ އިމަޖެންސީ ބަޔަށް ގެންދިޔައިރު ވެސް ހޭ ހުއްޓެވެ. ވާހަކަ ވެސް ދައްކައެވެ. އެތަނުގައި ޕޭޝަންޓުގެ ޕްރައިމަރީ އެސަސްމަންޓެއް ހެދުމުގެ މަސައްކަތް ފަށައި، ސީޓީ ސްކޭނެއް ވެސް ހެދިއެވެ. އެ ހޮސްޕިޓަލުގައި އިމަޖެންސީ ފަރުވާ ދޭ ޑޮކްޓަރު އަހްމަދު ޒިޔާން ވިދާޅުވީ، އެ ސްކޭނުން އެނގުނު ގޮތުގައި، އޭނާގެ ފުއްޕާމެ އަށް ކޮންމެ ވެސް ވަރަކަށް ގެއްލުންވެފައިވާ ކަމަށެވެ.
ފުރަތަމަ އެސަސްމަންޓުން ވެސް އަޅުގަނޑުމެންނަށް ސަސްޕެކްޓް ކުރެވުނު އޭނާގެ ފުއްޕާމެ އަށް ކޮންމެ ވެސް ވަރެއްގެ ގެއްލުންވެފައި ހުރިކަން. އެއީ އޭނާގެ ހަށިގަނޑުގެ އޮކްސިޖަން ލެވަލް ދަށްވެފައި ހުރުމާއި، އަދި އޭނާ ބަނޑަށް ތަދުވާ ވާހަކަ ބުނުމުން ސަސްޕެކްޓް ކުރެވުނު، ބަނޑާ ހަމަ އަށް ދަގަނޑު ވެދެފައިވާ ކަމަށް.
– ޒިޔާން ވިދާޅުވިއެވެ.
ހ. ޒާހަމްގައި މަސައްކަތް ކުރަނިކޮށް މިމަހުގެ 6 ފޫޓުގެ ދަގަނޑެއް ހެރުނީ ރަޝީދް ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ)ގެ ބަންގްލަދޭޝް މުވައްޒަފެއްގެ ގަޔަށެވެ. އެ ހާދިސާ ހިނގީ ވައިގޮޅިން އިމާރާތުގެ ހަ ވަނަ ބުރިއަށް ދަގަނޑުތަކެއް އަރުވަން އުޅުމުގެ ތެރޭގައެވެ.
އެ ހާދިސާގައި ބިދޭސީ މީހާގެ ހަށިގަނޑަށް ދަގަނޑު ވަނީ ނޭފަތުން ލައިފައިކަމަށް ޑޮކްޓަރުން ބުނެއެވެ. އަދި މުޅި ހަށިގަނޑުގެ ތެރެއިން ދަގަނޑު ދަތުރުކޮށްފައިވާއިރު ހަށިގަނޑުގެ މުހިއްމު ގުނަވަންތަކަށް ގެއްލުންވެފައިވާކަމަށްވެސް ޑޮކްޓަރުން ބުނެއެވެ.
މަސައްކަތްތެރިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ހުރިހާ ފަރާތްތަކުންވެސް މަސައްކަތްކޮށްދިނުމަށް ސިއްހީ ހިދުމަތްތެރިން އިލްތިމާސްކުރަމުންދާއިރު، ބައެއް ކޮންސްޓްރަކްޝަން ސައިޓުގައި އެކަށީގެންވާ ސަލާމަތީ ފިޔަވަޅުތައް އަޅާފައި ނުހުންނަކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ފާހަގަކުރެއެވެ. އަދި އެފަދަ ސައިޓުގައި ވަރަށް ހިތާމަވެރި ހާދިސާތައްވެސް ހިނގާފައި އެބަހުއްޓެވެ.
One Response
އެކަމަކު އަޖާއިބެންފަދަ ސިފާދެއްވީ االله އަޅުންކުރާނީ.މސެތްކަތް ޑޮކުޓަރުންގެ ބުރަމސެތްކަތައް شكريا جزاك الله خبرن