އަމާޒަކަށް ވާންވީ ފަނޑިޔާރުންގެ މަސައްކަތުގައި ސުވާލު އުފެއްދުމުގެ ފުރުސަތު ކުޑަކުރުން: ޝުޖޫން

އަމާޒަކަށް ވާންވީ ފަނޑިޔާރުންގެ މަސައްކަތުގައި ސުވާލު އުފެއްދުމުގެ ފުރުސަތު ކުޑަކުރުން: ޝުޖޫން

ފަނޑިޔާރުންނާއި ފަނޑިޔާރުގޭގައި މަސައްކަތްކުރާ މުވައްޒަފުންގެ އަމާޒަކަށް ވާންވާނީ، ފަނޑިޔާރުގެއިން ދޭންޖެހޭ ޚިދުމަތް، އެ ޚިދުމަތް ފޯރުކޮށްދޭންޖެހޭ ފެންވަރުގައި، އެކަމުގައި ސުވާލު އުފެއްދުމުގެ ފުރުސަތު ވީހާވެސް ކުޑަވާނެގޮތެއްގެ މަތިން ފޯރުކޮށްދިނުމަށް ކަމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު ވިދާޅުވެއްޖެއެވެ.

ފަނޑިޔާރު ޝުޖޫން މިހެން ވިދާޅުވީ ފަނޑިޔާރުންނާއި، ޝަރުޢީ ދާއިރާގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ޖުޑީޝަލް އެކަޑަމީން ސިލްސިލާކޮށް ކުރިއަށްގެންދާ މަދަނީ އިޖުރާއަތުގެ ޤާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމްގެ 10 ވަނަ ބުރު މިއަދު ނިންމާލުމަށް މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ.

ޅ، ވ، މ، އަދި ދ. އަތޮޅުގެ މެޖިސްޓްރޭޓުންނާއި މުވައްޒަފުންނަށް އަމާޒުކޮށް ކުރިއަށްގެންދެވުނު މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިންނާ މުޚާތަބުކުރައްވައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ދެއްކެވި ވާހަކަފުޅުގައި، މަދަނީ އިޖުރާއަތުގެ ޤާނޫނަށް އަމަލުކުރަން ފަށާފައިވާއިރު، އެ ޤާނޫނަކީ ޝަރީޢަތްކުރުމުގެ ނިޒާމުގެ ތެރެއަށް އާ ކަންތައްތަކެއް ތައާރަފުކޮށް، ނިޒާމީ ބަދަލުތަކެއް ގެނެސްފައިވާ ޤާނޫނެއްކަމަށާއި އަދި އެ ޤާނޫނުގެ މަޤްޞަދަކީ ޝަރީޢަތަށް ހުށަހެޅޭ މަދަނީ މައްސަލަތައް، ޢަދުލުވެރިކަމާއި ހާމަކަމާއެކު، އަދި އެކަށީގެންވާ އަވަސް މިނެއްގައި ބަލައި، ގޮތެއް ނިންމުމަށް މަގުފަހިކުރުންކަން ފާހަގަކުރެއްވިއެވެ.

ކޮންމެ ބަދަލަކީވެސް މަސައްކަތް ބިނާކޮށްފައިވާ ގޮތަށް ބަދަލުތަކެއް ގެނުވާނަމަ، އެ ބަދަލެއްގެ ސަބަބުން ގޮންޖެހުންތަކެއް ކުރިމަތިކުރުވާ ބަދަލެއް ނަމަވެސް، ޒިންމާއަކަށް ވާނީ ވިސްނުމާއި މަސައްކަތް އަދާހަމަކޮށް އިތުރަށް ހަރުދަނާކުރުންކަން ފާހަގަކުރެއްވިއެވެ. އަދި މި ބަދަލާއެކު ކޯޓުތަކުގެ އަމާޒަކަށްވާންވާނީ، ޚިދުމަތްތެރިންގެ ހައިސިއްޔަތުން، ޢާންމުންނަށް ފަސޭހައިން ޚިދުމަތް ލިބިގަނެވޭނެގޮތަށް ކަންކަން ބައްޓަންކުރުންކަމަށާއި، އެކަން ކުރެވޭނީ އެންމެން ގުޅިގެން އެކުގައި މަސައްކަތްކޮށްގެންކަން ފަނޑިޔާރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި އަމަލީގޮތުން ކުރިމަތިވާ ކަންކަމާއި، އޭގެ ހައްލާ ގުޅޭގޮތުން މަޝްވަރާކޮށް އެކަންކަމުގެ މަޢުލޫމާތު އެކަކު އަނެކަކާ ހިއްސާކުރުމުގެ ބޭނުންތެރިކަން ފާހަގަކުރައްވައި، އެކަން އެގޮތުގައި ކުރިއަށް ގެންދިއުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ވެސް އިލްތިމާސްކުރެއްވިއެވެ.

ފަނޑިޔާރުންނާއި ފަނޑިޔާރުގެއަށް އަމާޒުވާ އެންމެ އާންމު ޝަކުވާތަކަކީ މައްސަލަތައް ލަސްވުމާއި އެއް ބާވަތުގެ މައްސަލަތަކުގައި އެކިގޮތަށް ހުކުމްކުރުންކަން ފާހަގަކުރެއްވިއެވެ. މައްސަލަ ލަސްވުމާގުޅޭ ޝަކުވާތަކަށް އެންމެ އެދެވޭ ހައްލަކީ، މައްސަލަތައް އެކަށޭނަ ގޮތަކަށް ދުރާލާ ތާވަލުކޮށް، ކޮންމެ މައްސަލައެއް ވެސް ކުރިއަށް ދާނެގޮތް ޚަސްމުންނަށް އެނގިފައި އޮތުންކަމަށާއި، އެއީ، ގިނަ ފަހަރު މައްސަލަ ލަސްވުމުގެ ޝަކުވާއަކީ މައްސަލަ ކުރިއަށް ދާނެ ގޮތާބެހޭ މަޢުލޫމާތު ބުނެދެވިފައި ނުވުމުން ކުރިމަތިވާ ކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި މިހާރު ޢަމަލުކުރަމުންމިދާ މަދަނީ އިޖުރާއަތުގައި މިފަދައިން މައްސަލަތައް ތާވަލުކޮށް ކުރިއަށް ގެންދިއުމަށް ބާރުއަޅާކަން ފާހަގަކުރައްވައި، ކޯޓުތަކުގެ މަސައްކަތް އެ މިންގަނޑުން ހަމަޖައްސަމުން ގެންދިއުމަށް އިލްތިމާސްކުރެއްވިއެވެ.

މީގެ އިތުރުން، އެއްބާވަތުގެ މައްސަލަތަކުގައި ތަފާތު ޙުކުމް ކުރުމާ ގުޅިގެން ކުރިމަތިވާ ޝަކުވާއަށް ހައްލެއް ލިބޭނީ، އެއްގޮތް ވާގިއާތަކެއް ހުންނަ މައްސަލަތަކުގައި އެއް މިންގަނޑަކުން ޙުކުމްކުރުމުން ކަމަށާއި، އަދި އެއް ބާވަތުގެ ނަމަވެސް، ތަފާތު ހާލަތްތަކެއް ހުރި މައްސަލަތަކަށް ހުކުމްކުރުމުގައި، އެ މައްސަލައާއި އެ މައްސަލައާ އެއްގޮތް މައްސަލައިގައި ހުރި ތަފާތަކީ ކޮބައިކަން ބަޔާންކޮށް، އެ ތަފާތު ޙާލަތުގެ މައްޗަށް ޤާނޫނު ތަޠުބީޤުކުރާ ގޮތް ނިންމުމުގައި ބަޔާންކޮށްދޭންވާނެކަން ފާހަގަކުރެއްވިއެވެ. އަދި ހަމަ އެހެންމެ، މަތީ މަރުޙަލާތަކުގެ ކޯޓުތަކުގެ ނިންމުންތައް ދިރާސާކޮށް، އެ ނިންމުންތަކަށް ތަބާވުމުގެ މުހިންމުކަމުގެ މައްޗަށްވެސް އަލިއަޅުއްވައިލެއްވިއެވެ.

ފަނޑިޔާރުންނާއި ފަނޑިޔާރުގޭގައި މަސައްކަތްކުރާ މުވައްޒަފުންގެ އަމާޒަކަށް ވާންވާނީ، ފަނޑިޔާރުގެއިން ދޭންޖެހޭ ޚިދުމަތް، އެ ޚިދުމަތް ފޯރުކޮށްދޭންޖެހޭ ފެންވަރުގައި، އެކަމުގައި ސުވާލު އުފެއްދުމުގެ ފުރުސަތު ވީހާވެސް ކުޑަވާނެގޮތެއްގެ މަތިން ފޯރުކޮށްދިނުންކަން އަބަދުވެސް ހަނދާން ކުރަންވާނެކަން ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ފަނޑިޔާރުންނާއި، ޝަރުޢީ ދާއިރާގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ޖުޑީޝަލް އެކަޑަމީން ސިލްސިލާކޮށް ކުރިއަށްގެންދާ މަދަނީ އިޖުރާއަތުގެ ޤާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމްގެ 10 ވަނަ ބުރު މިއަދު ނިންމާލައިފިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *