ހުޅުމާލެ ފޭސް ދޭކުން ގެއްލިގެން ހޯދަމުންދާ މުޙައްމަދު އަޒުހާން އެންމެ ފަހުން ފެނިފައިވަނީ ހިޔާ ފްލެޓްކައިރިން ކާރަކަށް އަރަނިކޮށް ކަމުގައި ފުލުހުން ބުނެފިއެވެ.
މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދާ އަޒުހާން އަދި މިހާތަނަށް ފެނިފައި ނުވެއެވެ. ފުލުހުން ބުނެފައިވަނީ މިހާތަނަށް ފުލުހުން ކުރި މަސައްކަތުން އަޒުހާން އެންމެ ފަހުން ފެނިފައިވަނީ މި މަހުގެ 18 ވަނަ ދުވަހު ފަތިހުގެ ހިޔާ ފްލެޓް 13 ވަނަ ޓަވަރު ކައިރިންކަމަށެވެ.
އެގޮތުން ފުލުހުން އެސަރަހައްދުގެ ސީސީޓީވީ ފުޓޭޖްތައް ބެލިބެލުމުން އެދުވަހުގެ 04:53 އެހާކަންހާއިރު ހުދުކުލައިގެ ކާރަކަށް އަރާކަން ވަނީ ފާހަގަކުރެވިފައިކަމަށެވެ. އަދި އިތުރު ފުޓޭޖުތައް ބަލައި، ކާރު ދެނެގަތުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ވަނީ އަޒުހާން އެރި ކާރުގެ ފޮޓޯއެއްވެސް ހިއްސާކޮށްފައެވެ.

އަޒުހާންއާ އަދި ހިޔާ ފްލެޓް ސަރަހައްދުން ފޮޓޯއިން ފެންނަ ހުދުކުލައިގެ ޓެކްސީއެއް ފެނިފައިވާ ފަރާތެއްވާނަމަ ނުވަތަ މިމަހުގެ 18 ވަނަ ދުވަހު ފަތިހު ހިޔާ ފްލެޓް 13 ވަނަ ޓަވަރު ކައިރިން ދަތުރެއް ނަގާފައިވާކަމަށް ބެލެވޭނަމަ ޑްރައިވަރު އެކަން ލަސް ނުކުރައްވައި ހުޅުމާލެ ޕޮލިސް ފޭސް ދޭއް އިންވެސްޓިގޭޝަން ނަންބަރު 9393351 ނުވަތަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅައި ހިއްސާ ކުރުމަސް ވަނީ އެދިފައެވެ.
ކޮމެންޓު ފޮނުވާ