ސަރުކާރުގެ އަމާޒަކީ، މާލޭ ވިޔަފާރި ބަނދަރުތައް ހިންގުމަށް މިހާރު ބޭނުން ކުރެވެމުދާ ބަނދަރުތައް މާލޭގަ ދިރިއުޅެމުންދާ އާންމު ރައްޔިތުންނަށް ބޭނުންވާ އެހެން ޚިދުމަތްތަކަށް ޚާއްސަ ކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސާލިހު މިހެން ވިދާޅުވީ މިހެން ވިދާޅުވީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ 36 ވަނަ އަހަރީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ގަލޮޅު ދަނޑުގައި ރޭ ކުރިޔަށްދިޔަ މިޖަލްސާގައި ވާހަކަދ ދަކަވަމުން ރައީސް ސާލިހު ވިދާޅުވީ ބަނދަރުތައް ތަރައްޤީކުރުމުން، ތޮއްޖެހިފައިވާ މާލޭގެ އާބާދީގެ ތެރޭގައި ހިންގާ ޞިނާޢީ ބޮޑެތި ޙަރަކާތްތައް މަދުވާނެކަމަށާއި، މިހާރު މާލޭގައި ހިންގާ ބަނދަރުތަކުގެ ބިންތައް، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ އެހެން ޚިދުމަތްތަކަށް ބޭނުންކުރެވޭނެ ގޮތްވެގެންދާނެކަމަށެވެ.
މި މޭރުމުން އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ތިލަފުށީގައި މިހާރު ތަރައްޤީކުރަމުން އަންނަ ބަލްކު ޓާމިނަލް، މަޝްރޫޢު ނިމުމުން މިހާތަނަށް މާލޭގެ ވިޔަފާރި ބަނދަރުން ނުދޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެމް.ޕީ.އެލް އިން ތައްޔާރުވަމުންދާކަމުގައެވެ. އެގޮތުން ހިލަޔާއި ހިލަވެލި އެތެރެކުރަން ބޭނުންވާ ވިޔަފާރިވެރިންނަށް ވެސް އަދި ޢާންމުންނަށް ވެސް ވަރަށް ބޮޑު ފަސޭހަތަކެއް ލިބޭނެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.
އަދި މާލޭގެ ވިޔަފާރި ބަނދަރުގެ ތަރައްޤީއަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން، ރާއްޖޭގެ އިޤްތިޞާދީ ޙަރަކާތްތައް އިތުރަށް ހަލުވިވެ، އަދި ދިވެހިންގެ އަތްމަތި ތަނަވަސްވެ، ފުދުންތެރި ދިރިއުޅުމަކަށް މަގު ފަހިވެގެން ދާނެކަމަށް އުންމީދުކުރައްވާކަމުގައި ރައީސް ސާލިހު ވިދާޅުވިއެވެ.
ގުޅިފަޅަށް މާލޭ ވިޔަފާރި ބަނދަރު ބަދަލުކުރުމުން، ބަނދަރުގެ ޙަރަކާތްތައް ހަލުވިވެ، ޚިދުމަތްތައް އަވަސްވެގެންދާނެ. އަދި މާލެ ސަރަޙައްދުގައި ހުރި ބަނދަރުތަކާއި ގުދަންތައް ގުޅިފަޅަށް ބަދަލުކުރެވޭނެ. އަޅުގަނޑުމެން ގުޅިފަޅުގައި ބަނދަރު ތަރައްޤީކުރަނީ، މާލޭ ވިޔަފާރި ބަނދަރާއި، މާލޭ އުތުރު ބަނދަރާއި މާލޭގެ ދެކުނު ބަނދަރުގެ ޙަރަކާތްތަކަށްވެސް ޖާގަ ލިބޭ ވަރަށް.
މި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވެފައި ވެއެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މި ސަރުކާރުން ވިޔަފާރި ބަނދަރު ތަރައްޤީކޮށް އިޤްތިޞާދީ ދުވެލި ބާރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެމަނިކުފާނު ވަނީ ކުޅުދުއްފުއްޓާއި ހިތަދޫގައި ތަރައްޤީކުރަމުންދާ ބަނދަރު ނިމުމުން ރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓްގެ ޙަރަކާތްތައް މިހާރަށްވުރެ ފުޅާވެ، ރަށްރަށުގެ ވިޔަފާރިއަށް ވަރަށް ބޮޑު ދިރުމެއް އަންނާނެކަން ފާހަގަކުރައްވާފައެވެ.
އަދި ގދ. ތިނަދޫގައިވެސް ސަރަޙައްދީ ބަނދަރެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ވެރިރަށް މާލޭގެ ވިޔަފާރި ބަނދަރަށް ދިމާވެފައި އޮތް ޖާގައިގެ ދަތިކަން ޙައްލުކުރުމަށް ކުރަމުންދާ މަސައްކަތްތައް އަލި އަޅުއްވާލައްވަމުން ރައީސް ސާލިހު ވިދާޅުވީ، މާލޭގެ ވިޔަފާރި ބަނދަރަށް ދިމާވެފައި އޮތް ޖާގައިގެ ދަތިކަން ޙައްލުކުރުމަށް ގުޅިފަޅުގައި، މާލޭގެ ބަނދަރަށް ބޭނުންވާ ބިމުގެ އެއްބައި ހިއްކާނިމިފައިވާކަމުގައެވެ.
މި ޖަލްސާގައި ރައީސް ސާލިހުވަނީ އެމް.ޕީ.އެލްގެ މުވައްޒަފުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައިވެއެވެ. މިގޮތުން އެމް.ޕީ.އެލްގެ މުވައްޒަފުންނަށް ތަރައްޤީކުރާ ފްލެޓްތަކުގެ އަގާ މެދު މުވައްޒަފުންގެ މެދުގައި ކަންބޮޑުވުންތަކެއް ހުރިކަންފާހަގަކުރައްވާ އެކަމާގުޅިގެން ކުންފުނީގެ ވެރިންނާ މަޝްވަރާކުރައްވާފައިވާކަން ވިދާޅުވަމުން، މިމައްސަލާގައި ކުންފުނީގެ ހުރި ކުންފުނީގެ މުވައްޒަފުންގެ ކަންބޮޑުވުންތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ ކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ "ލޯންގް ސަރވިސް އެވޯޑްސް" އެމް.ޕީ.އެލްގެ 12 މުވައްޒަފަކަށް ޙަވާލުކޮށް ދެއްވާފައެވެ. އަދި އެމް.ޕީ.އެލްގެ ފަރާތުން ރޭގެ ޖަލްސާގައި ރައީސް ސާލިހަށް ވަނީ ޕޯޓްގެ މޮޑެލްއެއް ވެދުމަށް އަރުވާފައެވެ. މީގެ އިތުރުން މި ޖަލްސާގައި ޕޯޓް ކޮމިއުނިޓީ ފަންޑް އިފްތިތާޙްކުރުމާއި، ޖޮބް ޕޯޓަލް، ސްޓާފް މޯބައިލް އެޕްލިކޭޝަން އިފްތިތާޙްކުރުމާއި، ސްކޮލަރޝިޕް ޙަވާލުކުރުން ކުރިއަށްދިޔައެވެ.
ކޮމެންޓު ފޮނުވާ