ރާއްޖެއިން ކިރިގިސްތާނަށް ވިސާއާއި ނުލާ މިހާރު ދަތުރުކުރެވޭނެ

ރާއްޖެއިން ކިރިގިސްތާނަށް ވިސާއާއި ނުލާ މިހާރު ދަތުރުކުރެވޭނެ

Author
މުޙައްމަދު ޝަޒައިމް
24 ސެޕްޓެމްބަރ 2022 02:12
0

ރާއްޖެއާއި ކިރިގިސްތާނާއި ދެމެދު ވިސާ ފްރީ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއެއްބަސްވުމުގައި ސޮއިކުރެއްވީ ރާއްޖޭގެ ފޮރިން މިނިސްޓަރ ޝާހިދުއާއި ކިރިގިސްތާންގެ ފޮރިން މިނިސްޓަރ ޒީންބެކް ކުލުބޭވްއެވެ. މި އެއްބަސްވުމުގެ ދަށުން ދެޤައުމުގެ ދެމެދުގައި ދަތުރުކުރާ ފަރާތްތަކަށް 30 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭނެއެވެ. މި އެއްބަސްވުމާއި ގުޅޭގޮތުން ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވީ، މި އެއްބަސްވުމާއިއެކު 2 ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށެވެ. އަދި މިއީ 2 ޤައުމުގެ ރައްޔިތުންގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއްކަމަށެވެ.

ދިވެހިންނަށް ވީހާވެސް ގިނަ ޤައުމުތަކަށް ދަތުރުކުރުމުގައި ލުއިތައް ހޯދައިދިނުމަކީ މި ސަރުކާރުގެ މުހިންމު ޚާރިޖީ މަސައްކަތެކެވެ. މިމަސައްކަތުގެ ދަށުން ދިވެހިންނަށް ވީހާވެސް ގިނަ ޤައުމުތަކަށް އޮން އެރައިވަލް ވިސާ ލިބޭނެ އިންތިޒާމް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

އެގޮތުން މިސަރުކާރުން މިހާރުވެސް ވަނީ 9 ޤައުމަކަށް ވިސާއާއި ނުލާ ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖައްސަދީފައެވެ. ރާއްޖޭގެ ޕާސްފޯޓަކީ މުޅި މި ސަރަހައްދުގައިވެސް އޮތް އެންމެ ބާރުގަދަ އެއް ޕާސްޕޯޓެވެ. ސަބަބަކީ ގިނަ ޤައުމުތަކަކަށް ދިވެހި ޕާސްޕޯޓުން ވިސާއާއި ނުލާ ދަތުރުކުރެވޭތީއެވެ. މިހާރުވެސް 88 އަށްވުރެ ގިނަ ޤައުމަށް ދިވެހިންނަށް ވިސާއާއި ނުލާ ދަތުރުކުރެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

ރާއްޖެއިން ވިސާއާ އާ ނުލާ ދަތުރުކުރެވޭ ޤައުމުތަކުގައި އާއްމުގޮތެއްގައި ތިބެވެނީ 30 ދުވަހެވެ. އެހެންނަމަވެސް ޤައުމުތަކުގެ މެދުގައި ވެވޭ އެއްބަސްވުމުގެ ދަށުން މި މުއްދަތު އިތުރުވާކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ. މިހާރުވެސް އިތުރު ޤައުމުތަކަށް ދިވެހިންނަށް ވިސާއާއި ނުލާ ދަތުރުކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.