ދަތްދޮޅި ދުއްވާލައިގެންވެސް މިތިބީ ޔާމީނަށް ވެރިކަން ހޯދައިދޭން: އާދަމް ޝަރީފް

ދަތްދޮޅި ދުއްވާލައިގެންވެސް މިތިބީ ޔާމީނަށް ވެރިކަން ހޯދައިދޭން: އާދަމް ޝަރީފް

ރައީސް ޔާމީން ވެރިކަމަށް ގަނައުމަށްޓަކައި ދަތްދޮޅު ދުއްވާލައިގެންވެސް ކުރަންޖެހޭ މަސައްކަތް ކުރަން ތައްޔާރަށް ތިބިކަމަށް ޕީއެންސީގެ ނައިބް ރައީސް އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ ރޭ ރައީސް ޔާމީން ބައިވެރިވެ ވަޑައިގެންނެވި ޕީޕީއެމް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އާދަމް ޝަރީފް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނާއި ވާދަކުރެއްވޭ މީހަކު ސިޔާސީ މަސްރަހުގައި ނެތްކަމަށެވެ. އެމަސައްކަތް ކުރުމުގައި ޕްރޮގްރެސިވް ކޯލިޝަން އޮތީ ވަރަށް ބަދަހި ކަމާއިއެކުގައި ކަމަށާއި، ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ގެނައުމަށްޓަކައި ދުއްވާލަންޖެހޭ އެއްޗެއް ދުވާލައިގެން، އެއީ ދަތްދޮޅި ދުއްވާލައިގެން ކަމުގައި ވީނަމަވެސް އެމަނިކުފާނު ވެރިކަމަށް ގެނައުމަށް ކުރަންޖެހޭ މަަސައްކަތް ކުރާނެކަމަށެވެ.

އަޅުގަނޑުމެން މި ތިބީ ދުއްވާލަން ޖެހުނު އެއްޗެއް، އެއީ ދަތްދޮޅިކަމަށްވިއަސް އެހެން އެއްޗެއް ކަމަށްވިއަސް ދުއްވައިލައިގެން ވެރިކަން މި ޕާޓީގެ ރައީސް ޔާމިނަށް ހޯދާދޭން ކުރަން ޖެހޭ ކޮންމެފަދަ މަސައްކަތެއް ކުރަން.

– އާދަމް ޝަރީފް ވިދާޅުވިއެވެ.

ދަތްދޮޅި ދުއްވާލައިގެންވެސް ރައީސް ޔާމީން ވެރިކަމަށް ގެންނަން މަސައްކަތް ކުރާނެކަމަށް އާދަމް ޝަރީފް ވިދާޅުވެފައިވާއިރު، މީގެ މިފަދަ އިބާރާތަކުން މަޖިލީހުގެ މެމްބަރުންނަށް މުހާތަބްކޮށް އާދަމް ޝަރީފް ވަނީ ވާހަކަ ދައްކަވާފައެވެ. މިގޮތުން 18 ވަނަ މަޖިލީހުގެ އެންމެ ހަލަބޮލިވި ދުވަސް ވަރުގައި އޭރުގެ ޑިފެންސް މިނިސްޓަރަކަށް ހުންނަވައިގެން އާދަމް ޝަރީފް ވަނީ ޖަލްސާގައި މެމްބަރުންނާއި ސެކިއުރިޓީ އޮފިސަރުންނާމެދު ހަމަނުޖެހުން ހިނގިއިރު، އޭނާ މަޖިލީހުގެ އިދާރާގައި ހުންނެވި ނަމަ ކޮންމެވެސް މީހެއްގެ ދަތްދޮޅި ދުއްވާލީމުސް ކަމަށެވެ.

އާދަމް ޝަރީފް ވަނީ ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް ޕީޕީއެމް އޮތީ ބަދަހިކޮށް ކަމަށް ވިދާޅުވެފައެވެ. އަދި މިއަދު ޤައުމު ގޮސްފައިވާ މިސްރާބަށް ބަލާއިރު ރަނގަޅު ކުރަންޖެހޭ އެތައް ކަމެއް އެބަހުރިކަމަށާއި އެކަންކަން ރަނގަޅު ކުރެވޭ އަދި ޤައުމު މިހާރު އޮތް ހާލަތުން ސަލާމަތް ކުރެވޭނެ ހަމަ އެކަނި ލީޑަރަކީ ރައީސް ޔާމީންކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

Leave a Reply

Your email address will not be published. Required fields are marked *