الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
މައްޔިތާ ހިނެވުމުގެ ކުރިން ގައިމަތީ ފޮތި ގަނޑެއް އެޅުމަށްފަހު ލައިގެން ހުރި ހެދުން ބޭލުވުން.
އެއަށްފަހު ބޯކޮޅު ކުޑަކޮށް ހިއްލާލުމަށް ފަހު ބަނޑުގައި އަތްއަޅާ މަޑު މަޑުން ފިއްތާލާ ނަޖިސްތައް ބޭރުކޮށްލުން. އެއަށްފަހު ހިނަވާ މީހާގެ އަތަށް އަންގިއެއް ލެއްވުމަށް ފަހުގައި މައްޔިތާގެ ޢައުރަ އަށް ބެލުމެއް އަތްލުމެއް ނެތި ފަރްޖު ރަގަޅަށް ދޮވެ ސާފުކޮށްލުން.
އެއަށްފަހުގައި ބިސްމިﷲ ކިޔާ ނަމާދަށް ވުޟޫ ކުރާ ގޮތަށް މައްޔިތާ ވުޟޫ ކުރުވުން. އެހެންނަމަވެސް ނޭފަތަށާއި އަނގަޔަށް ފެންލައިގެން ނުވާނެއެވެ. އޭގެ ބަދަލުގައި ހިނަވާ މީހާގެ އިނގިލި ތެއްމާލުމަށް ފަހު މައްޔިތާގެ ދެތުންފަތް ދޭތެރޭ ހާކާލާނީއެވެ. އަދި ދަތްތަކުގައިވެސް ފެން ހާކާލާނީއެވެ.
މައްޔިތާ ހިނެވުން ސުންނަތް ވެގެންވަނީ ކުންނާރު ފަތު ފެނުންނެވެ. ފުރަތަމަ ބޮލާއި މޫނު ދޮވެލާނީއެވެ.
އެއަށް ފަހު ކަނާތް ފަރާތަށް ފެންއަޅާ ދޮވެ ސާފުކޮށްލާނީ އެވެ. އެއަށްފަހު ވާއަތްފަޅި އެވެ. މިގޮތަށް ތިންފަހަރު މަތިން ފެންވަރުވަން ވާނެއެވެ. ކޮންމެ ފަހަރަކުވެސް މައްޔިތާގެ ބަނޑުގައި އަތްކާއްތާލަން ވާނެއެވެ. އެއްވެސް ނަޖިހެއް ނިކުމެއްޖެނަމަ ސާފުކޮށްލަންވާނެއެވެ. ކޮންމެހެން ބޭނުން ޖެހިއްޖެ ޙާލަތެއްގައި ތިންފަހަރަށް ވުރެ ގިނައިން ފެންވެރުވުންވެސް މައްސަލަ އެއް ނެތެވެ.
އެންމެ ފަހުގެ ފެންވެރުވުމުގައި ކާފޫރު ލުމަކީ ސުންނަތް ވެގެންވާ ކަމެކެވެ. ފެންވަރުވާ އިރުގައި ސައިބޯނި ލައިގެން ގައިގާ ހުރި ނަޖިސް ނުވަތަ މިލަތައް ފިލުވާލުމަކީ އެދެވިގެންވާ ކަމެކެވެ. މަތިމަހާއި ނިޔަފަތި އާދަޔާ ޚިލާފަށް ބޮޑަށް ދިގުވެފައިވާނަމަ ކޮށާލުން ނުވަތަ ކެނޑުން އެދެވިގެންވެއެވެ. ނަމަވެސް ކިހިލިފަތުގައި ހުންނަ އިސްތައްޓާއި ޢާނަތުގެ އިސްތަށި ބާލައިގެން ނުވާނެއެވެ.
ފިރިހެނުން ބޯމާން ނުކުރިނަމަވެސް މައްސަލަ އެއް ނެތެވެ. ނަމަވެސް އަންހެނުން ގެ ބޯ ތިންފަށަށް ގަތަންވާނެއެވެ.
ހިނަވާ ނިމުމަށް ފަހުގައި ފެންހިއްކުމަކީ އެދެވިގެންވާ ކަމެކެވެ.
ހަތްފަހަރު ފެންވެރުވުމަށް ފަހުގައިވެސް ކުރިމަތީފަރާތުން ނުވަތަ ފުރަގަސް ފަރާތުން އެއްޗެއް ނިކުމެއްޖެނަމަ ކަފަކޮޅެއް ޖަހާ އެތަން ބަންދު ކުރަން ވާނެއެވެ. އަދި ހަޑިވެފައިވާ ތަން ދޮވެ ސާފުކޮށްލަން ވާނެއެވެ. އެއަށްފަހު މައްޔިތާ ވުޟޫ ކުރުވަންވާނެއެވެ. ނަމަވެސް ކަފުން ކުރުމަށްފަހު އެއްޗެއް ނިކުންނަމަވެސް އިތުރަށް ފެންވަރުވާނެ ކަމެއް ނެތެވެ.
ޙައްޖަށް ނުވަތަ ޢުމްރާ އަށް އިޙްރާމް ބަނދެގެން ހުރި މީހަކު މަރުވެއްޖެނަމަ ކުންނާރު ފަތުން ހިނެވުމަށްފަހުގައި ޢަޠަރު ލެއްވުމެއް ނެތެވެ. އަދި ފިރިހެނެއް ނަމަ ބޯނިވާ ކުރުވުމެއްވެސް ނެތެވެ. ހައްޖަށް އިޙްރާމް ބަނދެގެން ހުރި މީހަކު މަރުވުމުން ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "އޭނާގައިގާ ޢަޠަރު ނުލާށެވެ. އަދި ބޯވެސް ނިވާ ނުކުރާށެވެ. ހަމަކަށަވަރުން ގިޔާމަތް ދުވަހު އޭނާ މަޙްޝަރު ކުރެއްވޭ ހުށީ ތަލްބިޔާ ކިޔާ ޙާލުގައެވެ".
ހަނގުރާމާގައި ޝަހީދުވާމީހުން ހިނެވުމެއް ކަފުން ކުރުމެއް ނެތެވެ. لأنه صلى الله عليه وسلم (( أمر بقتلى أحُد أن يُدْفنوا في ثيابهم وألا يُغَسلوا )) ސަބަބަކީ އުޙުދު ހަނގުރަމާގައި ޝަހީދުވީ އަޞްޙާބުން ހިނެވުމެއްނެތި އެތިބި ހެދުމުގައި ވަޅުލުމަށް ކީރިތި ރަސޫލާ-ޞައްލަ ﷲ ޢަލައިހި ވަސައްލަމަ- އަމުރު ކުރެއްވިއެވެ. އަދި ހަނުގރާމާގައި ޝަހީދުވާ މީހުންގެ މައްޗަށް ކަށުނަމާދު ކުރުމެއް ވެސް ނެތެވެ. އުޙުދުގައި ޝަހީދުވީ ޞަޙާބީންގެ މައްޗަށް ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ކަށުނަމާދެއް ނުކުރައްވައެވެ.
ފެންނެތުމުގެ ސަބަބުން ނުވަތަ އަނދާފައި ހުރުމުގެ ސަބަބުން ހިނެވުން ދަތިވާފަދަ މީހުން ހިނެވުމުގެ ބަދަލުގައި ތަޔައްމުމް ކުރުވާނީއެވެ.
ކަފުން ކުރުން:
ކަފުން ކުރުމުގައި މައްޔިތާގެ މުޅި ހަށިގަނޑު ނިވާ ވާ ވަރުގެ ހެދުމެއް ބޭނުންވާނެއެވެ.
އެދެވިގެންވަނީ ހުދުކުލައިގެ 3 ފޮތިގަނޑުން ކަފުން ކުރުމެވެ. ޢަޠަރު ލާންވާނެއެވެ. އަދި ޙަނޫޠު-"މައްޔިތުން ކަފުން ކުރުމަށް ޚާއްޞަ ޢަތަރެއް"- ކޮންމެ ފޮތިގަނޑެއްގެ ތެރެއަށް އަޅަންވާނެއެވެ. އެއަށްފަހު އެއްފޮތިގަނޑު އަނެއް ފޮތިގަނޑުގެ މަތީގައި އަޅާލާނީއެވެ. އެއަށްފަހު މައްޔިތާ އެފޮތިގަނޑުގެ ތެރެއަށް ލާނީއެވެ.
މައްޔިތާގެ ފަރްޖު ފޮރުވުމަށް ކަފަ ލެއްވުން އެދެވިގެންވެއެވެ.
މައްޔިތާގެ މުޅި ހަށިގަނޑުގައި ޢަޠަރު ލައްވާ މީރުވަސް ދުއްވަން ވާނެއެވެ.
މައްޔިތާގެ ކަފުންގަނޑު ނުމުހޮވޭނެ ގޮތަށް ބަނދެލަންވާނެއެވެ. މިގޮތުން ބަންނަ ބަނުން ހަތަކަށް ވުރެ އިތުރު ކޮށްގެން ނުވާނެއެވެ.
والله أعلم