މިދިއަ މަހުގެ 20 ވަނަ ދުވަހު އަލަތު ދަރިފުޅު ލިބުނު ބޮލީވުޑްގެ ބަތަލާ ސޯނަމް ކަޕޫރު އޭނާގެ ދަރިފުޅަށް ނަން ކިޔައިފިއެވެ. އެމީހުންނަށް ލިބުނީ ފިރިހެން ކުއްޖެކެވެ.
އެއް މަސް ފުރުމާ ދިމާކޮށް ސޯނަމް ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓެއް ޝެއާ ކޮށްފައެވެ. ދަރިފުޅަށް އެއްމަސް ފުރުން ކުލަ ގަދަކޮށް ފާހަގަ ކޮށްފައިވާ އިރު މި ޕޯސްޓް ގައި ސޯނަމް ވަނީ ދަރިފުޅުގެ ނަންވެސް ހިއްސާ ކޮށްފައެވެ.
ފިރިމީހާ އާނަންދު އަހޫޖާ އާއި ދަރިފުޅާ އެކު ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށް ސޯނަމް ބުނީ އަލަތު ދަރިފުޅުގެ ނަމަކީ ވަޔޫ ކަޕޫރް އަހޫޖާ ކަމަށެވެ. އަދި އެނަން ދަރިފުޅަށް ދިން ސަބަބު ވެސް ކިޔައި ދީފައި ވެއެވެ.
ސޯނަމާއި ވިޔަފާރިވެރިއެއް ކަމުގައިވާ އާނަންދު އަހޫޖާ ކައިވެނިކުރީ 2018 ވަނަ އަހަރުއެވެ. އޭގެ ފަހުން ސޯނަމް ފިލްމު ކުޅުމާއި ތަންކޮޅެއް ދުރެވެ. ހަމަ އެހެންމެ އޭނާ ވަނީ ދިރިއުޅުން ލަންޑަނަށް ބަދަލުކޮށްފައެވެ. އާނަންދުގެ އާއިލާ ދިރިއުޅެނީ ލަންޑަނުގައެވެ.
މީގެ ކުރިން ސޯނަމްގެ ކޮއްކޮ ރިއާ ކަޕޫރު ބުނެފައިވަނީ އެމީހުން އެކުއްޖާއަށް ލޯބިން ކިޔަނީ ސިމްބާ ކަމަށެވެ. އަދި ހަމަ އެއާއެކު ހޮސްޕިޓަލުން އެ ދެމައިން ގެއަށް ދޫކޮށްލުމުން އެކަން ފާހަގަ ކޮށްފައިވާ ފޮޓޯތަކެއް ވެސް ރިއާ އޭނާގެ އިންސްޓަގްރާމްގައި ހިއްސާ ކުރިއެވެ.
ސޯނަމަކީ ބޮލީވުޑްގެ ނަން މަޝްހޫރު ކަޕޫރު އާއިލާއަށް ނިސްބަތްވާ ތަރިއެކެވެ. އެގޮތުން އޭނާގެ ބައްޕައަކީ މަޝްހޫރު ފިލްމީ ތަރި އަނިލް ކަޕޫރެވެ. އަދި އޭނާގެ ކޮއްކޮ ރިއާ އަކީ ޕްރޮޑިއުސަރެކެވެ. މީގެ އިތުރުން އެންމެ ހަގު ހަރްޝްވަރްދަން ކަޕޫރަކީ ވެސް ފިލްމީ ކެރިއަރު ބިނާ ކުރަމުން އަންނަ ތަރިއެކެވެ.