ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އަށް ތުހުމަތުކުރާ ކޮރަޕްޝަންގެ މައްސަލައިގައި ޕީއެސްއެމްގެ ބޯޑު މެންބަރުންނާއި ކުރީގެ ޗީފް އިންޓާނަލް އޮޑިޓަރު އަޙުމަދު ފަޒީލް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސެސް (އެސްއޯއީ) ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.
އެސްއޯއީ ކޮމިޓީގެ މިއަދު ބޭއްވި ބައްދަލުވުމުގައި ކޮމިޓީން ވަނީ އެ ހިޔާނާތާ ގުޅިގެން ޕީއެސްއެމް އިން މަޖިލީހުގެ ކޮމިޓީ އަށް ފޮނުވާފައިވާ ސިޓީއާ މެދު ވެސް މަޝްވަރާކޮށްފައެވެ. ހިޔާނާތް ފޮރުވަން، އެ ކުންފުނީގެ އޮޑިޓް ޑިޕާޓްމަންޓް އުވާލައިފައި ނުވާ ކަމަށް ވެސް ސިޓީގައި ވެއެވެ. އެކަމަކު، ސިޓީގައި ބުނެފައި ވަނީ އެ ކުންފުނީގެ ޗީފް އިންޓާނަލް އޮޑިޓަރު މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.
ޕީއެސްއެމްގެ އޮޑިޓް ޑިޕާޓްމަންޓްގެ ޗީފް އިންޓާނަލް އޮޑިޓަރު އަހުމަދު ފަޒީލް އެ މަގާމުން ވަކިކުރުމާ އެކު، ބައެއް މީޑިއާތަކަށް އޭނާ ބުނި ގޮތުގައި އޮޑިޓް ޑިޕާޓްމަންޓުން މިދިޔަ އަހަރުގެ ނިޔަލަށް 30 މައްސަލައެއް ބަލައި، 14 ރިޕޯޓް ތައްޔާރުކޮށް ބޯޑަށް ހުށަހެޅި ކަމަށެވެ. އަދި އެ ރިޕޯޓުތަކާ ގުޅިގެން ބޯޑުން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށް އޭނާ ބުނެފައި ވެއެވެ.
ޗީފް އޮޑިޓް އޮފިސަރު ކަމުން ވަކިކުރި ފަޒީލް ވިދާޅުވިގޮތުގައި ޕީއެސްއެމްގެ 100 މިލިއަން ރުފިޔާގެ ކޮރަޕްޝަނުގެ މައްސަލަ އޮޑިޓްތަކުން ވަނީ ފާހަގަވެފައެވެ. ފަޒީލް ވިދާޅުވިގޮތުގައި ތައްޔާރު ކުރި 14 އޮޑިޓް ރިޕޯޓުގެ ތެރެއިން 10 ރިޕޯޓު، ޑިރެކްޓަރުންގެ ބޯޑުން ބަލައި، ފާހަގަކުރެވުނު މައްސަލަތަކުގައި ޝާމިލުވާ މީހުންނަށް ފިޔަވަޅު އަޅަން ނިންމިއެވެ. ނަމަވެސް އެއިން އެއްވެސް މީހެއްގެ "ގައިގައި އަތްލާން" ބޯޑަށް ނުކެރުނު ކަމަށް އޭނާ ވިދާޅުވިއެވެ. އެ މީހުންނަކީ އެއަށްވުރެ މާ ނުފޫޒު ގަދަ ބައެއް ކަމަށް އޭނާ ތުހުމަތުކުރިއެވެ.
ކޮރަޕްޝަނާއި ފަސާދައިގެ އަމަލު ހިންގި މީހުންނަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި އެ މީހުން އެހެން ޑިޕާޓްމަންޓްތަކަށް ބަދަލުކޮށް، އެ މީހުން ހިންގި ޖަރީމާތައް ފޮރުވަން މެނޭޖްމަންޓުން މަސައްކަތް ކުރާ ކަމަށް އޭނާ ތުހުމަތުކުރިއެވެ
މިކަމާ ގުޅިގެން މިއަދުގެ ކޮމެޓީގައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ވިދާޅުވީ، ޕީއެސްއެމްގެ ބޯޑާއި މެނޭޖްމެންޓުން ބޭނުންވާ ގޮތަކަށް ކަންކަން ނުދާތީ، އެ ބޭފުޅުން ބޭނުންވާ ގޮތަށް ކަންކަން ކޮށްދޭނެ ގޮތަށް އެކަން ކުރަން އޮޑިޓަރުން އައުޓްސޯސް ކުރުމަކީ ވެސް ކޮރަޕްޝަން ކަމަށެވެ.
މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވީ ކޮމިޓީއަށް އެ މައްސަލަ ބަލަށް އޭނާ ހުށަހެޅީ، މެލޭޝިޔާގެ ކުންފުންޏެއް މެދުވެރިކޮށް ޕީއެސްއެމްގައި އާކައިވެއް ގާއިމްކުރަން ސަރުކާރުން ތިން މިލިއަން ޑޮލަރު ދިން ނަމަވެސް އޭގެ އެއްވެސް މަސައްކަތެއް ނުކޮށް އަދި ފައިސާ ވެސް އެ ކުންފުންޏާ ހަވާލުނުކޮށް ފައިސާއަށް ވީނުވީއެއް ނޭނގިފައި ވާތީކަމަށެވެ. އެހެންކަމުން މިކަމާ ގުޅިގެން ޕީއެސްއެމްގެ ކުރީގެ ޗީފް އިންޓާނަލް އޮޑިޓަރު ފަޒީލް ކޮމިޓީއަށް ހާޒިރުކޮށް އެކަމުގެ މައުލޫމާތު އަލުން ނަގާ އެ މައްސަލަ ބެލުމަށް އޭނާ އެދިވަޑައިގަތެވެ.
މިހުށަހެޅުމާއި އެއްގޮތަށް ޕީއެމްއެމްގެ ބޯޑާއި، ކުރީގެ ޗީފް އިންޓާނަލް އޮޑިޓަރު ކޮމެޓީއަށް ހާޒިރު ކުރުމަށް ވަނީ ފާސްކޮށްފައެވެ.
ކޮމެންޓު ފޮނުވާ